އެންމެ މާތް ކުރެއްވެވި ދިހަދުވަސް އަރާ ހަމަކުރަނީ! ފާފަތައް ފުހެލަން ކުރާނެ އަޅުކަން ކަނޑައަޅައިފިން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
އެންމެ މާތް ކުރެއްވެވި ދިހަދުވަސް އަރާ ހަމަކުރަނީ! ފާފަތައް ފުހެލަން ކުރާނެ އަޅުކަން ކަނޑައަޅައިފިން ހެއްޔެވެ؟

ﷲ ތަޢާލާ އެންމެ މާތް ކުރެއްވެވި 10 ދުވަސް ފެށެން ދެން މިއޮތީ ހަމަ އެންމެ 2،3 ދުވަހެވެ! އެކަމަށް ތައްޔާރުވެއްޖައިން ހެއްޔެވެ؟ ތައްޔާރުވީ ކިހައި ވަރަކަށް ހެއްޔެވެ. 

ޢީދު ޗުއްޓީގައި ކުރާނެ ކަންކަމާއި ޗުއްޓީ ހޭދަކުރަން ދާނެ ޤައުމުތައް ވާނީ މާކުރިން ކަނޑައަޅައި ނިންމައިފައެވެ. ސުވާލަކީ ހައްޖު މަހުގެ ފުރަތަމަ 10 ދުވަހު ކުރާނެ އަޅުކަމާއިމެދު ވިސްނައިފިން ހެއްޔެވެ؟ 9 ދުވަހުގެ ތެރެއިން ރޯދަ ހިފާނީ ކިތައް ދުވަހު ހެއްޔެވެ؟ ހަމައެކަނި ޢަރަފާތް ދުވަހު ރޯދަ ހިފާނީ ހެއްޔެވެ؟ 

މީސްތަކުންނޭވެ! އަހަރުގެ ޚާއްޞަ ދުވަސްތަކަކާއި ރޭތަކެއް ﷲ ތަޢާލާ ޚާއްޞަ ކުރެއްވެވީ އަހަރެމެންނަށް ފައިދާއަކަށެވެ. އަހަރުގެ ހުރިހާ ދުވަސް އެއް ގޮތް ނަމަ އަޅުކަން ކުރަން ސަމާލުކަން އިތުރަށް ނުދެވޭނެތީ އެވެ. އަދި ޚާއްޞަ ދުވަސްތައް ކަމުގައި ކަނޑައަޅުއްވަވާފައި މިވަނީވެސް އަހަރުގެ ނިޞްބަތުން ވަރަށް މަދު ދުވަހެކެވެ. އެއީވެސް ހަމަ އަހަރެމެންނަށް ފައިދާޢަކަށެވެ. މަދު ދުވަސްތަކެއް ބަރަކާތްތެރި ކުރެއްވެވުމުން އަޅުކަމާއިގެން މަސްއޫލްވާން ފަސޭހަވާނެތީއެވެ. މިހުރިހައި ކަންކަމުންވެސް އެނގިގެންދަނީ ﷲ ތަޢާލާ އާއި ކުއްތަންވުމަސް، ސުވަރުގެ ވަންނަން ބޭނުންވާ މީހާއަށް އެކަމުގެ ފުރުޞަތު ދެއްވަވަން ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާ މިންވަރު ބޮޑުކަމެވެ. ނަރަކައިން ސަލާމަތްވުމަށް ދެއްވަވާ ފުރުޞަތު ބޮޑުކަމެވެ.

ހައްޖުމަހުގެ އެންމެ މަތިވެރި އަޅުކަމަކީ ޙައްޖާއި އުމުރާވުމެވެ. ނަމަވެސް އެކަންކަން ކުރުމުގެ ފުރުޞަތު ލިބެނީ ވަރަށް މަދު ބައަކަށެވެ. ޙައްޖާއި އުމުރާ ނުވެވޭ މީހުންނަށް އޮތް އެންމެ މަތިވެރި އަޅުކަމަކީ ރޯދަ ހިފުމެވެ. ޚާޢްޞަކޮށް އަރަފާތު ދުވަހުއެވެ. 

ހަމައެއާއިއެކު ޛިކްރުކުރުން ގިނަކުރުމެވެ. "ސުބްޙާނަﷲ، އަލްޙަމްދުލިﷲ، ﷲއަކްބަރު" ކިޔުން ގިނަކުރުމެވެ. ޞަޙާބީ މުޅި ދުވަސް ހޭދަކުރެއްވެވީ ޛިކްރުކުރެއްވެވުމުގައެވެ. މާރުކޭޓްތައް ފަދަ ތަންތަނަށް ވަޑައިގެންނެވި އަޑުހަރުކޮށް މިކަލިމަތައް ވިދާޅުވެ އުޅުއްވެވިއެވެ. ޚާއްޞަކޮށް ނަމާދުގެ ފަހުގައެވެ. 

މިއީ އެންމެ މަތިވެރި ދުވަސްތައް ކަމަށްވުމުން ޞަދަޤާތް ކުރުމާއި ކީރިތި ޤްރްއާން ކިޔެވުމާއި ސުންނަތް ނަމާދުތައް ކުރުން ގިނަކުރަންވާނެއެވެ. ތައުބާވެ ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރަންވާނެއެވެ. ތަހައްޖުދު ނަމާދަކީ ރޭގަނޑު ކުރާ ނަމާދެއް ނަމަވެސް ތަހައްޖުދު ނަމާދުކުރުންވެސް ގިނަކުރާށެވެ! 

ކުޅަދާނަކަން ލިބިގެންވާ މީހާ ޢީދު ދުވަހު ޤްރްބާން ކުރުން ހަނދާން ނައްތައިލައިގެން ނުވާނެއެވެ! ޢީދުވަހު އުޟްޙިޔާ ކަތިލަން ނިޔަތް ގަނެގެން ހުންނަ މީހާ ހައްޖު މަހަށް ފެށުމުން އިސްތަށި ކޮށައި ނިޔަފަތިކަނޑައިހަދައިގެން ނުވާނެއެވެ. ވީމާ ޙައްޖު މަސް ފެށުމުގެ ކުރިން އެކަންކަން ކޮށްގެން ހުންނާށެވެ! 

ޢީދު ދުވަހު ކުރާ ޢީދު ނަމާދަނީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. ނަމަވެސް އަހަރެން ބުނާނީ ޢީދު ނަމާދަކީ ފިރިހެނުން ވެސް އަންހެނުންވެސް އެންމެންވެސް ކުރަން ޖެހޭނެ ނަމާދެއް ކަމަށެވެ. އެއީ އެނަމާދުގެ މުހިންމުކަން ބޮޑުކަމުންނެވެ. 

އެންމެ ފަހު ކަމަކަށް ބުނާނީ ފާފަ ފުއްސަވައި ދެއްވެވުން އެދި ވީހައި ގިނައިން ދުޢާކުރުމެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތައް މަތިން ހަނދާންކޮށް ޝުކުރުވެރިވުން ގިނަކުރުމެވެ! 

- ޝައިޚް ޔާސިރް ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން