ކޮންމެ މީހަކު ވެސް އަނގައިން އެއްޗެއް އެތެރެކުރާނަމަ އެތެރެކުރާނީ އެންމެ މީރު އެއްޗެކެވެ. ޚާއްޞަކޮށް ހަށިގަނޑަށް ގެއްލުން ދޭނެ އެއްވެސް އެއްޗެއް އެތެރެ ނުކުރާނެއެވެ. ވިހަވާނެ އެއްޗެއްވެސް އެތެރެ ނުކުރާނެއެވެ.
މިއީ މިވަރުން ފުއްދައިލެވެން އޮތް ކަމެއް ނޫނެވެ. އަނގައިން އެތެރެކުރާ ތަކެއްޗަށް ދިން ސަމާލުކަން އަނގައިން ބޭރުކުރާ ތަކެއްޗަށް ވެސް ދޭން ޖެހެއެވެ. ހަޤީޤަތުގައި އަނގައިން އެތެރެކުރާ ތަކެއްޗަށް ދޭ ސަމާލުކަމަށްވުރެ މާ ބޮޑު ސަމާލުކަން އަނގައިން ބޭރުކުރާ ތަކެއްޗަސް ދީގެން ނޫނީ ކުރިމަތިވާނެ ނުރައްކާ މާބޮޑެވެ!
އަނގައިން ބޭރުކުރާ ތަކެއްޗަކީ ކޮބައި ހެއްޔެވެ؟ އެއީ ދުލުން ބުނާ ބަސްތަކެވެ. މިއީ އެންމެ ބޮޑަށް ބިރުގަންނަން ޖެހޭ ކަންތަކެވެ. ދުލުން ބުނެވޭ އެންމެ ބަހެއްގެ ސަބަބުން ނަރަކައަށް ވެސް ދާން ޖެހިދާނެއެވެ. ކުފުރުވެވި ތައުބާވާންވެސް ޖެހިދާނެއެވެ. ކުއްވެރިވެ ޙައްދު ޖަހަންވެސް ޖެހިދާނެއެވެ!
މީގެ އިތުރުން ޢާއިލާ ރޫޅި މުޅި ދިރިއުޅުން ވެސް ހަލާކުވެދާނެއެވެ! މިބުނީ އަނބި މީހާ ވަރިކުރެވިއްޖެ ނަމަ ލިބިދާނެ ބޮޑު ގެއްލުމުގެ ވާހަކައެވެ. ގިނަ ބައަކަށް އެ ބޮޑު ގެއްލުން ވެސް މިލިބެނީ ހަމަ އަނގައިގެ ސަބަބުންނެވެ. ވީމާ އެންމެ ބޮޑަށް ފާރަވެރިވާން ޖެހޭ އެއް ގުނަވަނަކީ ތިމާގެ އަނގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން