މެރީޑިއަމް ކުންފުނިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 19 މިލިޔަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
2016ވަނަ އަހަރު ސިވިލް ކޯޓުން މިމައްސަލާގައި ކޮށްފައިވާ ހުކުމް އެސްޓީއޯއިން ހައިކޯޓްގައި އިސްތިއުނާފް ކުރުމުން މިއަދު އެކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ މެރީޑިއަމުން އެސްޓީއޯއަށް 2010 ވަނަ އަހަރުގެ ފަހުކޮޅު ކްރެޑިޓަށް ތެޔޮދޫކުރިކަން ހެކިންގެ ހެކިބަހުން ސާބިތުވާކަމަށެވެ. އަދި މިމުޢާމަލާތުގައި ދެފާރާތުން ބަދަލުކޮށްފައިވާ ލިޔެކިޔުމުގެ މުޢާމަލާތްތަކުންވެސް އެކަން ސާފްވާކަމަށް ހައިކޯޓްގެ ހުކުމުގައި ބުނެފައިވެއެވެ. މިއަދުގެ ޝަރީއަތުގައި އެސްޓީއޯއަށް މިފައިސާ ދައްކަން ހުކުމް ކޮށްފައިވަނީ ތިންފަޑިޔާރުންގެ އިއްތިފާގުންނެވެ.
މެރީޑިއަމުން މިފައިސާ ދައްކަން ކޮށްފައިވާ ހުކުމުގައި މިއަދުން ފެށިގެން ހަ މަސް ދުވަހުގެތެރޭގައި އެފައިސާ އެސްޓީއޯއަށް ދައްކައި ޚަލާސްކުރަންޖެހެއެވެ. އަދި މިމުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތީން މޯގޭޖްގެ ގޮތުގައި ބަހައްޓާފައިއޮތް އުޅަދު ވިއްކާލުމުގެ ހައްޤު އެސްޓީއޯއަށް ލިބިގެންދާނެއެވެ.
2016ވަނަ އަހަރު އެސްޓީއޯއިން މިފައިސާ ހޯދުމަށް ސިވިލް ކޯޓްގައި އެދުމުން އެކޯޓުން ހުކުމް ކޮށްފައިވަނީ މެރީޑިއަމުން ތެޔޮގަތްކަމަށް އެސްޓީއޯއަށް ސާބިތުކޮށްދެވިފައިނުވާތީ ކަމަށް ބުނެ އެފައިސާ ދައްކަން ނުޖެހޭކަމަށެވެ. އެނގިފައިވާ ގޮތުގައި ތެޔޮ ސަޕްލައިކުރާ ފުނަދޫން އިން ގެއްލިފައިވަނީ ތެޔޮވިއްކިކަމުގެ ޑެލިވެރީ ނޯޓްތަކެވެ. އެއީ އެ ނޯޓްތައް ހުރި ފައިލް ކުއްލިއަކަށް ގެއްލުމުންނެވެ. ނަމަވެސް އެސްޓީއޯ އިން ވަނީ އެނޯޓްތަކުގެ ފައިލް ކޮޕީ ކޯޓަށް ހުށަހަޅާފައެވެ.
މެރީޑިޔަމް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީގުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.