މީސްތަކުންނޭވެ! ދޮގު ހެދުމާއި ކީރިތި ޤްރުއާނަށް ފަރުވާ ކުޑަކުރުމާއި (އެނގި ހުރެ އަމަލު ނުކުރުމާއި) ޒިނޭކުރުމާއި ރިބާކެއުމުގެ ހުރި ނުބައިކަން ނިކަން ދެކިބަލާށެވެ.
ޞަޙީހް ބުޚާރީގައި ރިވާވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. އެއް ރެއަކު ރަސޫލް (ޞޢވ) އަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެއް ޞަހާބީންނަށް ބަޔާންކޮށްދެއްވަވަމުން ޙަދީޘްފުޅު ކުރެއްވެވިއެވެ.
"ތިމަންކަލޭގެފާނަށް (ޞޢވ) އަށް ރޭ ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެ ހުވަފެންފުޅުގައި ދެ ބޭކަލަކު ވަޑައިގެން ތިމަން ކަލޭގެފާނު (ޞޢވ) ތަނަކަށް ގެންދެވިއެވެ. އެތަނުން ފެނިވަޑައިގެންނެވި އެކެއްގެ އަނގައިގެ އެއް ކަންމިޔައަށް މީހަކު ބުޅިގަނޑެއްހަރައިލައެވެ. އެބުޅިގަނޑުން އޭނާގެ ބޮލުގެ ފުރަގަހާއި ހަމައަށް އެކުގައި ކަފައިލައެވެ. އަނެއްފަޅިއަށް ވެސް ހަދަނީ ހަމަ އެގޮތަށެވެ. އަނގައިގައި ބުޅިގަނޑު ލައްވާފައި ބޮލުގެ ފުރަގަހާއި ހަމައަށް ކަފައިލަނީއެވެ. އެއިރު ކުރިން ކަފައިލި ފަޅި އޮންނަނީ އިޢާދަވެފައެވެ. އަނެއްކާވެސް އެފަޅި ކަފައިލަނީއެވެ. އެކަން ދިއައީ ތަކުރާރުވަމުންނެވެ.
އެކަމާއި ބެހޭ ގޮތުން ރަސޫލް (ޞޢވ) ސުވާލު ކުރެއްވެވުމުން 2 ބޭކަލުން ޖަވާބު ނުދެއްވައި ދެންނެވީ ކުރިއަށް ވަޑައިގަތުމަށެވެ.
ދެން ފެނިވަޑައިގަތީ މީހެއްގެ ބޮލުގައި ބޮޑު ހިލައަކުން ޖަހައި ޗިސްކޮށްލެވޭތަނެވެ. ޝިސްކޮށްލުމާއިއެކު ހިލަ ފުރޮޅިގެން ދެއެވެ. އެ ހިލަ ނަގައިގެން އެމީހާގެ ގާތަށްދާއިރު ބޯއޮންނަނީ ކުރިން ހުރި ގޮތަށް ރުޖޫޢަވެފައެވެ. އަނެއްކާވެސް ހިލައިން ޖަހައި ޗިސްކޮށްލައެވެ. އެކަން ދިއައީ ތަކުރާރުވަމުންނެވެ.
އެކަމާއި ބެހޭ ގޮތުން ރަސޫލް (ޞޢވ) ސުވާލު ކުރެއްވެވުމުން ވެސް 2 ބޭކަލުން ޖަވާބު ނުދެއްވައި ދެންނެވީ ކުރިއަށް ވަޑައިގަތުމަށެވެ.
ދެން ފެނިވަޑައިގަތީ އަލިފާން އަނދައަނދައި ހުންނަ އުނދުނެއް ފަދަ ތަނެކެވެ. އެތަން ހުންނަނީ ތިރިއަށް ފުޅައުކޮށް މައްޗަށް ހިމަކޮށެވެ. ތިރިން އަލިފާންގަނޑު އަނދައިގަތުމުން އެމީހުން މައްޗަށް އަރައި ނުކުމެވެން ދާދި ގާތްވެފައި ހުއްޓައި އަނެއްކާވެސް ތިރިއަށް ވެއްޓެއެވެ. ވެއްޓޭއިރަށް ހުޅުގަނޑޫ ބޮޑުވެގެންދެއެވެ. މައްޗަސް އަރައެވެ. އަނެއްކާވެސް ވެއްޓެނީއެވެ. އެކަން ދިއައީ ތަކުރާރުވަމުންނެވެ. އެތަނުގައި ތިބީ ބަރަހަނާ ޙާލުގައި ތިބި އަންހެނުންނާއި ފިރިހެނުންނެވެ.
އެކަމާއި ބެހޭ ގޮތުން ރަސޫލް (ޞޢވ) ސުވާލު ކުރެއްވެވުމުން ވެސް 2 ބޭކަލުން ޖަވާބު ނުދެއްވައި ދެންނެވީ ކުރިއަށް ވަޑައިގަތުމަށެވެ.
ދެން ފެނިވަޑައިގަތީ ލޭގެ ކޯރެއްގައި ފަތަފަތައި އޮންނަ މީހެކެވެ. އެމީހާ ކޯރުން ސަލާމަތްވާން އައްސޭރިއަށް އަންއިރަށް އައްސޭރީގައި ހުންނަ މީހަކު އޭނާގެ އަނގައަށް ބޮޑު ހިލައެއް އެއްލައެވެ. އެއާއިއެކު އޭނާ އެތައް ހިސާބު ބޭރަށް ދެއެވެ. އަނެއްކާވެސް ވަރަށް މަސައްކަތުން ކައިރިއަށް އާދެއެވެ. އަންނަ އިރަށް އޭނާގެ އަނގައަށް ހިލައެއް އެއްލައެވެ. މިކަން ދިއައީ ތަކުރާރުވަމުންނެވެ.
އެކަމާއި ބެހޭ ގޮތުން ރަސޫލް (ޞޢވ) ސުވާލު ކުރެއްވެވުމުން ވެސް 2 ބޭކަލުން ޖަވާބު ނުދެއްވައި ދެންނެވީ ކުރިއަށް ވަޑައިގަތުމަށެވެ.
މިއީ ވަރަށް ދިގު ޙަދީޘްފުޅެއްގެ ބައެކެވެ. މިހިސާބުން މިކިޔައިދެވުނު 4 ހާލަތު މެދުވެރިވީ ކޮން ބައަކަކަށް ބަޔާންކޮށްދޭނަމެވެ.
ބުޅިގަނޑަކުން އަނގަ އިރަމުން އެގެންދެވުނީ ދޮގުހަދައި ދޮގު ފެތުރި މީހާއެވެ. ދޮގު މައުލޫމާތު ފަތުރައި މީސްތަކުންގެ މެދުގައި ފިތުނަ އުފެއްދި މީހާއެވެ. ޤިޔާމަތްވުމާއި ހަމައަށް ކައްވަޅުގައި އެމީހާއަށް ދާނީ އެފަދައިން ޢަޛާބު ލިބެމުންނެވެ.
ހިލައަކުން ބޯ ޗިސްކުރެވެމުން އެދަނީ ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ ގޮތް އެނގި އަމަލު ނުކުރި މީހާއެވެ. ޤިޔާމަތްވުމާއި ހަމައަށް ކައްވަޅުގައި އެމީހާއަށް ދާނީ އެފަދައިން ޢަޛާބު ލިބެމުންނެވެ.
އަލިފާނުގެ އުނދުނުގައި އަނދަމުން އެދަނީ ޒިނޭކޮށް ފާހިޝް އަމަލުތައްކޮށް އުޅުނު މީހާއެވެ. ޤިޔާމަތްވުމާއި ހަމައަށް ކައްވަޅުގައި އެމީހާއަށް ދާނީ އެފަދައިން ޢަޛާބު ލިބެމުންނެވެ.
ލޭގެ ކޯރުގައި އަނގައަށް ގައު އުކެމުން އެދަނީ ރިބާކައި އުލުނު މީހާއެވެ. ޤިޔާމަތްވުމާއި ހަމައަށް ކައްވަޅުގައި އެމީހާއަށް ދާނީ އެފަދައިން ޢަޛާބު ލިބެމުންނެވެ.
މީސްތަކުންނޭވެ! މިއީ ނަރަކައިގައި އެމީހުންނަށް ލިބޭ ޢަޒާބެއް ނޫނެވެ. ކައްވަޅުގައި ލިބޭނެ އަޒާބެވެ. ބަރުޒަޚުގެ ޢާލަމުގައި އެމީހުން ދެމިތިބޭނީ މި ގަދަފަދަ ޢަޛާބުގައެވެ.
މީސްތަކުންނޭވެ! މިކަންކަން ޢާންމުވަމުން ގޮސް މިއަދު މިވަނީ މިކަންކަމަކީ ފާފައެއް ކަމުގައި ވެސް އެތައް ބައަކު ޤަބޫލު ނުކުރާހާލަތުގައެވެ. މީސްތަކުން ޖާހިލުވެ ވިސްނުން ބަދަލުވެދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ނިންމެވުންތަކަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. ޤަބޫލު ނުކުރި ނަމަވެސް އެމީހަކު ކުރި ފާފަފައަކަށް މަރުވުމުން ލިބެން ޖެހޭ ޢަޛާބު ދާނީ ލިބެމުންނެވެ.
- ޝައިޚް އަބޫ އިބްރާޙީމް ޙުސްނައިނިގެ ދަރުސަކުން