ރަސޫލް (ޞޢވ) ހުއްޓަވައި ނުލައްވަވައި 4 ކަމަކުން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން ދުޢާ ކުރައްވަމުން ގެންދެވިއެވެ.
އެއީ ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދިއާއި ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދި އާއި ފައުޅުވާނެ ދައްޖާލުގެ ފިތުނައިން ސަލާމަތްކޮށްދެއްވެވުމަށާއި ދުނިޔޭގައި އުޅޭއިރުގައާއި މަރުގެ ވަގުތުގައި ކުރިމަތިވާނެ މުޞީބާތްތަކުން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން އެވެ.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ،
وَمِنْ عَذَابِ جَهَنَّمَ،
وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ،
وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ
ޞަޙީހް ބުޚާރީ: 2/102 ޞަޙީހް މުސްލިމް: 1/412 (ދުޢާގެ ޢިބާރާތް ނަގާފައި އެވަނީ ޞަޙީހް މުސްލިމުން)
ކައްވަޅުގެ ޢަޛާބުން ސަލާމަތްކުރެއްވެވުން އެދި ކުރެވިދާނެ އެންމެ ފައިދާހުރި ކަމަކީ ގިނަގިނައިން ތައުބާވެ ފާފަފުއްސަވައި ދެއްވެވުމަށާއި ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމެވެ. ހަމަ އެއާއިއެކު ކައްވަޅުގެ ޢަޛާބު ލިބޭނެ އެންމެހައި ކަންކަމުން ދުރުހެލިވެ ހުރުމެވެ.
ޔަހޫދީ އަންހެންކު ޢައިޝަތުގެފާނަށް ކައްވަޅުގެ ޢަޛާބާއި ބެހޭ ގޮތުން ދެންނެވި ދެންނެވުމަކާއި ގުޅިގެން ކައްވަޅުގައި ވެސް ޢަޛާބު ލިބޭނެ ކަމާއިމެދު ފިރިކަލުން ރަސޫލް (ޞޢވ) އަށް ދެންނެވި ސުވާލުގެ ޖަވާބުގައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ ކައްވަޅުގައި ޢަޛާބް ލިބޭނެ ކަމަށެވެ. އަދި އެއަށްފަހު ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން ދުޢާ ނުކުރައްވަވާ އެންމެ ނަމާދެއް ރަސޫލް (ޞޢވ) ނުކުރައްވަވާކަމަށް ޢައިޝަތުގެފާނު ވަނީ ބަޔާންކުރައްވަވައިފައެވެ.
ޔަހޫދީ އަނހެން މީހާ ޢައިޝަތުގެފާނަށް ދެންނެވީ ކައްވަޅުގެ ޢަޛާބުން އެކަމަނާ (ޢައިޝަތުގެފާނު) ސަލާމަތްކޮށްދެއްވެވުމަށް އެދޭ ކަމަށެވެ.
ނަމާދުގެ ފަހު އައްތަޙިއްޔާތުގައި މިދުޢާ ކުރަމުއެވެ. އެއީ ހަމަ މި ދުޢާގެ މުހިންމުކަން ބޮޑުކަމުންނެވެ.
- ޝައިޚް އަބޫ އިބްރާޙީމް ޙުސްނައިނިގެ ދަރުސަކުން