ރަސޫލް (ޞޢވ)ގެ އަތްޕުޅަށް އެއްޗެއް އަރުވަން ދިއަ މިދްއަމް ކިޔާމީހަކު ރަސޫލް (ޞޢވ) އާއި ވަރަށް އަރިއަހަށް ދެވިފައި ވަނިކޮށް އައި ތީރެއް ހެރި އޭނާ މަރުވިއެވެ. އެވަގުތު އަރިއަރުހައި ތިއްބެވި ޞަހާބީން ވިދާޅުވިއެވެ. "ކޮން ފަދަ ބޮޑު ނަޞީބުވެރިއެއް ހެއްޔެވެ؟ އޭނާ އެދިއައީ ސުވަރުގެއަށެވެ."
ރަސޫލް (ޞޢވ) ޞަހާބީންނަށް ހަދީޘްފުޅު ކުރެއްވެވިއެވެ. "ﷲ ތަޢާލާ ގަންދެއްވަވައި ޙަދީޘްފުޅު ކުރައްވަވަމެވެ. އޭނާ ވަނީ ހައިބަރުގެ ހަނގުރާމައިގައި ޣަނީމާއަށް ލިބުނު ތަކެތި ބެހުމުގެ ކުރިން ސިއްރުން އެތަނުން ހެދުމެއް ވަގަށް ނަގައިފައެވެ. އެހެދުން ކައްވަޅުގައި އަލިފާނަށްވެ އޭނާ އަންދާނެއެވެ."
އެހިނދު ޞަޙާބީން ދެއްކެވީ ތަޤްވާވެރިކަމުގެ ލާމަސީލު މިސާލެކެވެ. ޞަޙާބީއަކަށް ރަސޫލް (ޞޢވ) އަށް ނުދަންނަވައި ނެންގެވިފައި އޮތް ދެ ނާޑުވާކޮޅު ގެނެސް ރަސޫލް (ޞޢވ) އަށް އެރުވިއެވެ. އަދި ވިދާޅުވިއެވެ. "މިއީ އަޅުގަނޑަށް ކަލޭގެފާނު (ޞޢވ) ހުއްދަ ނުދެއްވަނީސް ނެންގެވިފައިވާ 2 ނާޑުވާ ކޮޅެވެ. މިއީ އަލިފާނުގެ 2 ނާޑުވާ ކޮޅެވެ.
މީސްތަކުންނޭވެ! އެމީހަކަށް ޙައްޤު ނޫން އެއްވެސް އެއްޗެއް ބޭނުން ނުކުރާށެވެ! ސިއްރުން އެއްވެސް އެއްޗެއް ނުނަގާށެވެ! ވައްކަން ނުކުރާށެވެ! އެތަކެތި ކައްވަޅުގައި ތިބާ އާއި ބައްދަލުކުރާނީ އަލިފާނުގެ ގޮތުގައެވެ. އެ އަލިފާން ތިބާ އަނދާނެއެވެ. ކިހައި ދުވަހެއް ވަންދެން ހެއްޔެވެ؟ ޤިޔާމަތްވެ ކައްވަޅުން ތެދުވަން ޖެހެންދެންނެވެ. އެހިސާބުން ދެން ހުރީ ނަރަކައެވެ. ވީމާ ބިރުވެތިވާށެވެ!
- ޝައިޚް އަބޫ އިބްރާޙީމް ޙުސްނައިނިގެ ދަރުސަކުން