ދުވަސްތައް ދައުރުވަމުން އައިސް އަނެއްކާވެސް މިއަދަކީ ބަރަކާތްތެރި ހުކުރު ދުވަހެކެވެ. މިއަދުގެ މާތައްކަން އިތުރުވެގެންވެސް ދެއެވެ. މިއަދަކީ އަހަރުގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތްކުރެއްވެވި ޛުލްޙައްޖާ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރެއިން ފުރަތަމަ ފުރަތަމަ ދުވަސްކަމަށްވެގެން ދިއުމުންނެވެ.
ރަމަޟާން މަހުގެ ފައިދާ ހެޔޮ ގޮތުގައި ލިބިފައިވާނަމަ ރަމަޟާން މަސް ނިމުމުން އެމީހާ ކުރިން ޢާންމުކޮށް ނުކުރާ ހެޔޮ އަމަލެއް ކުރަން ފަށާނެ ކަމަށް އޮވެއެވެ. އަޅުގަނޑުމެން އިތުރު ހެޔޮ އަމަލެއް ކުރަން ފަށަން ކޮންމެ ރަމަޟާން މަހެއް ނިމެންދެން ނުތިބެ އަވަސްވެގަންނަމާތޯއެވެ! އެގޮތުން ކޮންމެ ހުކުރު ދުވަހަކީ ވެސް އިތުރު ހެޔޮ އަމަލެއް ކުރަން ފަށާ ދުވަހަކަށް ހަދަމާތޯއެވެ!
ކޮންމެ މީހަކަށް ބެލި ނަމަވެސް ފައިދާހުރި ހެޔޮ އަމަލުތަކުގެ ތެރެއިން ގިނަ އަމަލުތަކެއް ހުންނަނީ ނުކުރެވިއެވެ. ކުރަން ނުފެށިއެވެ. ވީމާ އަހަރަކު ކަމެއް ފަށަން މަޑުކުރާ މީހާއަށް ލިބޭނެ ފުރުޞަތު ވަރަށް މަދުވެދާނެ ކަމަށްޓަކައެވެ. ހަފްތާއަކު ކަމެއް ކުރަން ފެށޭތޯ މަސައްކަތްކޮށްފިނަމަ އަހަރު ނިމޭއިރު އޮންނާނީ ވަރަށް ގިނަ ކަންކަން ކުރަން ފެށިފައެވެ.
އަހަރެމެން އެއްވެސް މީހަކީ ހަފްތާ ނިމެންދެން ވެސް ދުނިޔޭގައި ހުންނާނެ ކަމުގެ ޔަޤީންކަން އޮތް މީހެއް ނޫނެވެ. ވީމާ އަހަރު ނުވަތަ އަހަރުތަކެއް ނިމެންދެން ދުނިޔޭގައި ތިމާ ނުހުރެދާނެކަމަށް ވިސްނައި ހެޔޮ އަމަލުތައް ކުރުން ގިނަ ކުރަމާތޯއެވެ.
މިއަދުގެ ޙުރުމަތަށްޓަކައި ވެސް ވީހައި ގިނަ ހެޔޮ އަމަލުތައް ކުރާށެވެ. ރަސޫލް (ޞޢވ) ގެމައްޗަށް ޞަލަވާތްކިޔެވުން ގިނަކުރާށެވެ! ޛިކުރުކުރުމާ ދުޢާކުރުން ގިނަކުރާށެވެ! ކުރެވެން އޮތް ވަރަކުން ޞަދަޤާތްކުރާށެވެ! މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް އެހީތެރިވުން އިތުރުކުރާށެވެ!
ކަލަންޑަރު ދިމާވާގޮތުން މިއަހަރުގެ ޢަރަފާތު ދުވަސް ވާނީ ހޮނިހިރު ދުވަހަކަށެވެ. ނަމަވެސް ޛުލްހައްޖު މަހުގެ ފުރަތަމަ ދިހައިގެ ތެރެއިން އަދިވެސް އެއް ހުކުރު ލިބޭނެއެވެ. ވީމާ މިއަދު ރޯދަ ނުހިފޭ މީހުންވެސް ދެން އަންނަ ހުކުރު ދުވަހަކު ރޯދަ ހިފޭތޯ ވެސް ގަދައަލައި މަސައްކަތްކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން