ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ރާއްޖެ ގެންނަން ދިވެހި ފުލުހުންގެ ޓީމެއް އިންޑިއާ އަށް އަންނަ ކަމަށާއި އެހެންނަމަވެސް އަދީބު އަނބުރާ ރާއްޖެ ނުފޮނުވަން އަދީބުގެ ވަކީލުން އިންޑިއާގެ ކިބައިން އެދިއްޖެއެވެ.
ސުޕްރީމް ކޯޓުން ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާ އަށް އެތެރެވަނިކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އަދީބު ހިފަހައްޓާފައިވާއިރު އޭނާގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަދީބު އަނބުރާ ގެންނަން ދިވެހި ފުލުހުންގެ ޓީމެއް އިންޑިއާ އަށް އަންނަ ކަމަށާއި އަލުން އަނބުރާ އަދީބު ރާއްޖެ އަށް ފޮނުވާލައިފިނަމަ އޭނާއާ މެދު ނުހައްގުން އަމަލުކޮށް ފުރާނާއަށް ވެސް ގެއްލުންވެދާނެ ކަމަށެވެ.
ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުންނާ ދެކޮޅަށް އަދީބުލައްވާ އެގްރިމެންޓެއްގައި ސޮއިކުރުވާފައިވާ ކަމަށާއި އެ އެގްރިމެންޓުގައި ސޮއިކުރައްވަންދެން އަދީބަށް ސިއްހީ ފަރުވާ ނުދީ ސަރުކާރުން ހިފެހެއްޓި ކަމަށްވެސް ވަކީލުން ތުހުމަތުކޮށްފައިވެއެވެ.
އަދީބު އަދިވެސް ހުންނެވީ ޓަގު ބޯޓުގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވާއިރު ރާއްޖެ އަކީ އަދީބު އަށް ރައްކާތެރި ތަނެއް ނޫން ކަމަށް ބުނެ އިންޑިއާގެ ހިމާޔަތަށް އަދީބު ވަނީ އެދިވަޑައިގެންފައެވެ.
އަދީބު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ދިވެހި ފުލުހުން އިއްޔެ ވަނީ ހާމަކޮށްފައެވެ.