ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު އަށް އިންޑިއާ އިން ހިމާޔަތް ނުދީ، ރޭ ދަންވަރު އެޤައުމުން ޑީޕޯޓް ކޮށްލައިފިއެވެ.
އެއްވެސް ލިޔެކިޔުމެއް ނެތި އަދީބު ރާއްޖެއިން ފިލައިގެން، ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އިންޑިއާ އަށް ވަގަށް އަރަން އުޅެނިކޮށް، އެޤައުމުގެ ސިފައިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ ހައްޔަރު ކޮށްފައެވެ.
ނަމަވެސް އަދީބު ހިފެހެއްޓުމާއެކު އޭނާގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ އޭނާގެ ފުރާނައަށް ރާއްޖޭގައި ނުރައްކާ އެބަ އޮތް ކަމަށާއި، އިންޑިއާ އަށް ދިޔައީ އެގައުމުގެ ރައްކާތެރިކަން ހޯދުމަށް ކަމަށެވެ.
އެކަމަކު ރޭ ދަންވަރުގެ ވަގުތެއްގައި އިންޑިއާ އިން ވަނީ ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާއި އަދީބު ހަވާލުކޮށް، އެގައުމުން ޑީޕޯޓުކޮށްލައިފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އޭނާ ރާއްޖެ ގެންނާނެ އެވެ.
ކޮރަޕްޝަނާއި ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކުގައި 33 އަހަރަށް ޖަލުގައި ހުރި އަދީބު މިނިވަން ވެފައި ވަނީ އެ މައްސަލަތައް އަލުން ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.
އެއާއެކު އަދީބަށް ވަނީ ބޭހަށް އިންޑިއާ އަށް ދިޔުމަށް ހުއްދަ ދީފަ އެވެ. އޭރުވެސް އޭނާ ފިލަން މަސައްކަތް ކުރާނެ ކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. ނަމަވެސް އެއިރު ކުރީގެ ނައިބު ރައީސް ވިދާޅުވީ އޭނާއަކީ ކަންކަމުން "ރެކޭނެ" ބޭފުޅެއް ނޫން ކަމަށެވެ.