ޔަތީމުންގެ މުދާ ނުޙައްޤުން ކައި އުޅުނު މީހުންނަށް ވެސް ކައްވަޅުން ތެދުވެ ނުހިނގޭނެ- މަޙްޝަރަށް ގެންދާނީ އެކުދިން އައިސް ކޮށްޕަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޔަތީމުންގެ މުދާ ނުޙައްޤުން ކައި އުޅުނު މީހުންނަށް ވެސް ކައްވަޅުން ތެދުވެ ނުހިނގޭނެ- މަޙްޝަރަށް ގެންދާނީ އެކުދިން އައިސް ކޮށްޕަމުން!

"ޔަތީމުންގެ މުދައު ކައި ޔަތީމުންގެ ޙައްޤުތައް ބޭނުންކުރި މީހުންގެ ހާލުވެސް ހަމައެފަދައެވެ. ކައްވަޅުން ތެދުވެ އެމީހުންނަކަށް ނުހިނގޭނެއެވެ. ރިބާ ކައި އިޅުނު މީހުން ފަދައިންނެވެ. އެހިނދު އެމީހުން އެކުިދިންގެ މުދާ ކައި އުޅުނު ޔަތީމު ކުދިން އައިސް އެމީހުން ކޮއްޕައި މަޙްޝަރު މައިދާނަށް ގެންދާނެއެވެ." އުސްތާޛް ވައްހާޖް ޠަރިން

"ހަމަކަށަވަރުން، އަނިޔާވެރިކަމުގެގޮތުން ޔަތީމުންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!) އެއުރެން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި، އަނދަ އަނދާާ ހުންނަ ނަރަކައަކަށް އެއުރެން ނިކަންހުރެ ވަންނާނެތެވެ.” (ނިސާ: 10)

މިއީ މިހައި ނުރައްކައުތެރި ބިރުވެރިކަމެއް ނަމަވެސް މިހާރަކަށް އައިސް މިކަމަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ މައްސލަތައް ދަނީ އިތުރުވަމުންނެވެ.

ޙާލަތު 1:

ދެމަފިރިންނަށް ދަރިން ލިބިފައި ތިއްބައި ފިރިމީހާ މަރުވަނީއެވެ. މުދަލަކީ ފިރިމީހާގެ މުއްސަނދި ކަމެވެ. ދަރިފުޅުގެ މަންމަ އިތުރު ކައިވެންޏެއް ކުރަނީއެވެ. ފަހުން ކައިވެނި ކުރި ފިރިމީހާއަށް ކުރީގެ ފިރިމީހާގެ މުދަލުން ހޭދަކުރަނީއެވެ! އެމީހާ ބޭނުންހައި ކަމެއް ކޮށްދެނީއެވެ. ވިޔަފާރިތައްވެސް ހުޅުވައިދެނީއެވެ. ސައިކަލް ފަދަ ތަކެތިވެސް ގަނެދެނީއެވެ.

ޙާލަތު 2:

ދެމަފިރިންނަށް ދަރިން ލިބިފައި ތިއްބައި އަނބިމީހާ މަރުވަނީއެވެ. މުދަލަކީ އަނބި މީހާގެ މުއްސަނދި ކަމެވެ. ދަރިންގެ ބައްޕަ އިތުރު ކައިވެންޏެއް ކުރަނީއެވެ. ފަހުން ކައިވެނި ކުރި އަނބިމީހާއަށް ކުރީގެ އަނބިމީހާގެ މުދަލުން ހޭދަކުރަނީއެވެ. އެމީހާ ބުނާހައި ޚަރަދެއް ކުރަނީއެވެ.

މިފަދަ ޙާލަތުގައި އަނބިމީހާ ނުވަތަ ފިރިމީހާގެ މުދައު ބަހައި އެމީހަކަށް ޙައްޤުވި މިންވަރުގެ އިތުރުން ފަހުން ކައިވެނިކުރާ ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް ހޭދަކުރުމަކީ ޔަތީމުންގެ މުދަލަށް ޚިޔާނާތްތެރިވުން ކަމުގައި ބެލެވޭނެތޯއެވެ؟

މި ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ޔަތީމް ކުދިންނަކީ ބައްޕަ މަރުވެފައި ތިބި ބާލިޣް ނުވާ ކުޑަކުދިން ކަމަށެވެ. އަދި ބާލިޣްވެފައި ތިބި ނަމަވެސް އެކުދިންގެ ޙައްޤުތައް ޙައްޤު ނޫން ގޮތުގައި ބޭނުންކުރުމަކީ ޙަރާމް ކަމެއް ކަމަށެވެ. އެކަން ފެތޭނީ ކީރިތި ޤްރުއާނުގެ މިއާޔަތަށް ކަމަށެވެ. ދެމަފިރިންކުރެ އެކަކު މަރުވުމުން ޖެހޭނީ އިސްލާމް ދީނުގައި ބަޔާންވެގެންވާ މަގުން މުދައު ބަހަން ކަމަށާއި ބޭނުން ކުރަން ޖެހޭނީ މުދައު ބަހައިގެން އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ލިބުނު މިންވަރު ކަމަށެވެ.

ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާފައިވަނީ މަންމަގެ ފަރާތުންވެސް އަދި ބައްޕަގެ ފަރާތުންވެސް ދަރިންނަށް ޙައްޤުވާ މުދައު ކައި ހެދުމުގެ ޙުކުމް ހަމަ އެއް ގޮތް ކަމަށެވެ.

ވީމާ މިކަމަށް އިތުރަށް ސަމާލުކަން ދީ އެކުދިންގެ ޙައްޤު ފުރިހަމައަށް ރައްކަތެރިކަމާއިއެކު ބަލަހައްޓައި އެކުދިން ބޮޑުވުމުން އެކުދިންނާއި ހަވާލުކުރުމުގެ މުހިންމުކަން ފާހަގަކުރެއެވެ.

މިއަދު އޮންލައިން