"24434އަށް ގުޅީމަ އަބަދުވެސް މައްޗާ ގުޅޭނެ! ފޯނު ބިޒީވެ ނުގުޅޭނެ އެއްވެސް ގަޑިއެއްވެސް ނާންނާނެ. ބޭނުންވާހައި ކަމެއް ޙާޞިލުވެސް ވާނެ! ކޯލަށް އެއްވެސް އަގެއް ދައްކާކަށްވެސް ނުޖެހޭނެ!" މިއީ ކުޑަކުދިންނަށް މިސާލު ދައްކަން އަޅުގަނޑު ބުނެ އުޅޭ ބަހެކެވެ."
ފަޟީލަތުއްޝައިޚް އިލްޔާސް ހުސައިން މިމޭރުމުން ވިދާޅުވީ ރޭ އިސްލާމީ މަރުކަޒުގައި ދެއްވި ދަރުސްގައެވެ.
ޝައިޚް އިލްޔާސް ވިދާޅުވެފައި އެވަނީ ފަރުޟު ފަސް ނަމާދުގެ ރަކްޢަތްތަކުގެ ވާހަކައެވެ. މާނަ އކުރައްވަވާފައި އެވަނީ ފަރުޟު 5 ނަމާދު ކުރުމުގެ މުހިންމުކަމާއި ފަރުޟު 5 ނަމާދުކުރާ މީހާއަށް އޭނާ އެދޭ ކަންކަން ދާނީ ޙާޞިލުވަމުން ކަމެވެ. ފަރުޟު 5 ނަމާދުކުރާ މީހާއާއި ﷲ ތަޢާލާ އާއި އަބަދުވެސް ހުންނާނީ ގުޅިފައި ކަމެވެ. ގުޅުން ދާނީ ބަދަހިވަމުން ކަމެވެ.
މީގެ އިތުރުން ވިދާޅުވެފައި އެވަނީ އެމީހަކު ބޭނުން ކޮންމެ ވަގުތަކު ހެޔޮ އަމަލުތައް ކުރަންވީ ކަމަށާއި ހެޔޮ އަމަލުތައް ކުރުމާއިއެކު ދުޢާކުރަމުން ގެންދާ ނަމަ އެމީހަކު ބޭނުންވާ ކަންކަން ދާނީ ޙާޞިލުވަމުން ކަމަށެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ނަމާދުކުރަން އުޅޭނަމަ އެކަމަށް ހުރަސް އަޅަން ޝައިޠާނާ ތަފާތު ގޮތްގޮތުން މަސައްކަތް ކުރުވާނެ ކަމަށާއި ކުދިންނާއި މީހުން ޝައުޤުވެރިވާނެ ކަންކަމުގެ އަވާގައި ޖައްސުވައިގެންވެސް ޖަމާއަތަށް ނަމާދަށް ދިއުމަށް ހުރަސް އަޅާނެ ކަމަށެވެ. ވީމާ އެކަމަށް ހޭލުންތެރިވެ ޝައިޠާނާގެ އަވާގައި ނުޖެހި ޖަމާއަތަށް ނަމާދަށް ދާން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.
ނަމާދަށް ދިއުމާއި އަދި އެނޫން ވެސް ތިމާ ކުރަން މަސައްކަތްކުރާ އަޅުކަމަށް ހުރަސް އަޅަނީ އެންމެ ގާތް އެކުވެރިޔާ ކަމަށްވީ ނަމަވެސް އެއީ ޝައިޠާނެއް ކަމަށް ބަލައި އެމީހަކާއި ދުރުހެލިވުމަށްވެސް ޝައިޚް އިލްޔާސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.