ޙާލުގައި ޖެހުމުން އަބަދުވެސް ފުރަތަމަ ކަމަކަށް ﷲ އަށް ދުޢާކުރާ މީހަކު ހައްޔަރުކުރުމުން ގޭގެ ފާރު ވެއްޓުނު ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ޙާލުގައި ޖެހުމުން އަބަދުވެސް ފުރަތަމަ ކަމަކަށް ﷲ އަށް ދުޢާކުރާ މީހަކު ހައްޔަރުކުރުމުން ގޭގެ ފާރު ވެއްޓުނު ގޮތުގެ ވާހަކަ!

މީހަކަށް ކަމެއް ދަތިވެއްޖެ ނަމަ ނުވަތަ ޙާލުގައި ޖެހިއްޖެ ނަމަ މިއަދު އެންމެ ފުރަތަމަވެސް ކުރެވޭ ކަމަކީ ކޮންމެވެސް މީހެއްގެ ގާތަށް ގޮސް އެހީއަށް އެދުމެވެ. ބައެއް ފަހަރު ފުލުހުންނަށް ގުޅުމެވެ. އެހެންކަމުން ތަފާތު ވާހަކައެއް ކިޔައިދޭނަމެވެ. 

މިއީ ނައިޖީރިއާގައި ހިނގި ކަމެކެވެ. އޭނާއަކީ ވަރަށް ހެޔޮ ލަފާ ތަޤްވާވެރިއެކެވެ. ކޮންމެ ކަމެއް މެދުވެރިވި ނަމަވެސް ފުރަތަމަ އޭނާ ދަންނަވަނީ ﷲ ތަޢާލާއަށެވެ. އެކަމަކީ އެހެން ފަރާތެއްގެ އެހީތެރިކަމަށް ބޭނުންވާ ކަމެއް ނަމަ އެހެން ފަރާތެއްގެ އެހީތެރިކަމަށް އެދެނީ ﷲ ތަޢާލާއަށް ދެންނެވުމަށްފަހުގައެވެ. ކިތަންމެ ކުޑަ ކަމެއްގައި ނަމަވެސް އަދި ކިތަންމެ ބޮޑުކަމެއްގައި ނަމަވެސް އޭނާ އަމަލުކުރަނީ އެގޮތަށެވެ. 

އެންމެ ކުޑަމިނުން ބަލިވެގެން ޑޮކްޓަރަށް ދައްކަން ޖެހުނު ނަމަވެސް ބޭސްކައި ބަލި ފަސޭހަ ނުވުމަކުން ނޫނެވެ. ނުވަތަ ބަލި ފަސޭހަވުން ލަސްވުމަކުންވެސް ނޫނެވެ. ފުރަތަމަ ކަމަކަށް ދުޢާކުރެއެވެ. ޑޮކްޓަރަށް ދަނީ ދުޢާކުރުމަށްފަހުގައެވެ. އޭނާ އަބަދުވެސް ޔަޤީންކޮށްގެން ހުންނަނީ ކޮންމެ ކަމަކުން ވެސް ﷲ ތަޢާލާ އޭނާ ސަލާމަތްކޮށްދެއްވަވާނެ ކަމަށެވެ.   

އެއްދުވަހަކު މަގުމަތިން ދަނިކޮށް ބައަކު އައިސް އޭނާ ވަގަށް ނަގައި ކާރަކަށް އަރުވައިގެން ގެންދިއައެވެ. އެކަންކުރީ އެކަން ކުރި ބައަކަށް އެރި އޮޅުމަކުންނެވެ. އެހެން މީހަކު ކަމަށް ހީކޮށެވެ. ކޮންމެއަކަސް އެމީހުން އޭނާ ކަނުބަދެގެން ގެންގޮސް ކޮޓަރިއެއްގައި ބަންދުކުރިއެވެ. އަދި ބޭރުން ތަޅުލާފައި ދިއައީއެވެ. 

އޭނާ އަތުލައިގަތް ވަގުތުން ފެށިގެން އޭނާ ދިއައީ ﷲ ތަޢާލާއަށް ދުޢާ ކުރަމުންނެވެ. އޭނާއަކީ މަގުމަތީގައި އުޅޭއިރު ފޯނު ގެންގުޅޭ މީހަކަށް ނުވުމުން ޢާއިލާއަށްވެސް އަދި ފުލުހުންނަށްވެސް ގުޅޭނެ އެއްވެސް ގޮތެއް ނެތުމުން ވިސްނައިލުމަށްފަހު އަވަހަށް ވަނީ ފާޚާނާއަށެވެ. ވުޟޫކޮށްލައިގެން ނުކުމެ 2 ރަކްޢަތް ނަމާދެއް ކުރުމަށްފަހު ދެއަތް އުފުލައި ދުޢާކުރަން ފެށިއެވެ. 

ދުޢާކުރަން އިންދައި އިވުނީ އެއްޗެއް އައިސް ވަރަށް ބާރަށް ފާރުގައި ޖެހުނު އަޑެވެ. އެއާއިއެކު ފާރުން ބައެއް ވެއްޓުނެވެ. އިސާހިތަކު މީހުން އެއްވެއްޖެއެވެ. އަދި އެމީހުން އޭނާ އާއި ސުވާލުކުރުމުން ކަންހިނގައިދިއަ ގޮތް ކިޔައިދިނެވެ. ކިޔައިދޭން ހުއްޓައި ފުލުހުން އައިސް އޭނާ ސަލާމަތްކޮށްގެން ގެއަށް ގެންގޮސްދިނީއެވެ. 

މިވީގޮތަކީ މަގުމަތިން ދުއްވާފައި ދިއަ ބުލްޑޯޒަރެއް މަތަ ނުވެ ގޮސް ފާރުގައި ދަތްގަނޑުން ޖެހި ގޭގެ ފާރުން ބައެއް ވެއްޓުނީއެވެ. މިފަދަ ކިތަންމެ ހާދިސާތަކެއް ވަނީ ހިނގައިފައެވެ. ވީމާ އަހަރެމެން އަބަދުވެސް ސާބިތުވެތިބެންވީ ތަޤްވާވެރިކަމުގައެވެ. ތަްްވާވެރިކަމުގައި ސާބިތުވެ ހުރެއްޖެ ނަމަ އެމީހަކަށް ކޮންމެ ފަދަ ބޮޑު މުޞީބާތެއް ކުރިމަތިވި ނަމަވެސް އެކަމުގެ ޙައްލު އެމީހަކަށް ފެންނާނެއެވެ. ބައެއް ފަހަރު ވަރަށް އަވަހަށެވެ. ލަހުން ނަމަވެސް އެމީހާ އެދޭކަންތައް ހިންމަވައި ދެއްވަވާނެތެވެ. ބޭނުންވަނީ ތަޤްވާވެރިކަމުގައި ސާބިތުވުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން