ދެމަފިރިންގެ މައްސަލަތައް ޙައްލު ނުކުރެވޭނަމަ މިދަރުސަށް އަމަލުކުރުމުން ޙައްލު ފެންނާނެ! - އިން ޝާ ﷲ!: ޑރ. ޢަބްދުﷲ ޙާކިމް ކްއިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ދެމަފިރިންގެ މައްސަލަތައް ޙައްލު ނުކުރެވޭނަމަ މިދަރުސަށް އަމަލުކުރުމުން ޙައްލު ފެންނާނެ! - އިން ޝާ ﷲ!: ޑރ. ޢަބްދުﷲ ޙާކިމް ކްއިކް

އަނބިމީހާ އާއި ފިރިމީހާ އާއި ދެމެދުގައި ދަރަޖައިގެ މައްސަލަ އުފެދެނީ އަޅުވެތިކަމުގެ ވިސްނުމަކުން ވިސްނާތީއެވެ. އިސްލާމް ދީނުގައި އޮންނަ ގޮތަށް ވިސްނައިފިނަމަ އެފަދަ އެއްވެސް މައްސަލައެއް ނުނުކުންނާނެއެވެ. އެހެނީ ކައިވެނިކުރުމަށްފަހު ދެމަފިރިންނަކީ ހަމައެކަނި އަނބިމީހާ އާއި ފިރިމީހާއެއް ނޫނެވެ. އެއީ އެއް މަޤްޞަދެއް ޙާޞިލުކުރަން އެކުގައި މަސައްކަތްކުރަން ޖެހޭ ދެ ބައިވެރިންނެވެ. ދެ ޕާޓްނަރުންނެވެ. އެ ގޮތަށް ވިސްނައިފިނަމަ ވެރިއަކީ ކާކުކަން ކަނޑަ ނުއެޅިގެން މައްސަލަތައް ޖެހޭކަށް ނުޖެހޭނެއެވެ. 

ދެމަފިރިން ވާން ޖެހޭނީ އެކަކު އަނެކަކާއި ވާދަކުރާ ބައަކަށް ނޫނެވެ. އެކަކު އަނެކަކަށް އެހީތެރިވާ ބައަކަށެވެ. 

މިއަދު ގިނަ މައްސަލަތައް ކުރިމަތިވަމުން މިދަނީ ތިމާގެ ބައިވެރިވުން ވަރަށް ކުޑަ ޙާލުގައި ވެސް ގޭތެރޭގެ ހުރިހާ ކަމަކަށް ފިރިހެނުން އަތްގަދަކުރަން އުޅޭތީއެވެ. މަސައްކަތް ހުންނަ ގޮތުން ނަމަވެސް ގޭގައި ހޭދަކުރާނެ އެކަށީގެންވާ ވަގުތު ލިބެނީ މަދު ފިރިހެނަކަށެވެ. ޢާއިލާގެ ކަންކަން ބަލަހައްޓައި ގޭތެރޭގެ ކަންކަން ހަމަޖައްސަނީ އަނބިމީހާއެވެ. ނަމަވެސް ގެއަށް ވަނުމާއިއެކު އެންމެ ކުޑަމިނުން ކަންކަން ވެފައި ހުރި ގޮތް ބަލައިވެސް ނުލައި އެބަ ރުޅިއާދެއެވެ. އަނބިމީހާއަށް އިހާނެތި ބަސްތައް އެބަ ބުނެއެވެ. 

އެއީ އެކަންކޮށްގެންވާނެ ގޮތެއް ނޫނެވެ. ގޭގެ ކަންކަން އަމިއްލައަށް ނުބެލެހެއްޓޭނަމަ، އެކަމަށް އެކަށީގެންވާ ވަގުތު ނުދެވޭނަމަ އަނބިމީހާއަށް ގޭތެރޭގެ ހުރިހާ އިޚްތިޔާރެއް ދޭށެވެ. ކަމެއް ގޯސްވާނަމަ ފާޑުކިޔުމުގެ ކުރިން އެކަމެއް މެދުވެރިވި ސަބަބު އޮޅުން ފިލުވާށެވެ! އެކަމަކާއި ގުޅިގެން ދޭން ޖެހޭ ނަބޭހަތެއް ދޭށެވެ. ރުޅި އަންނަން ޖެހޭނީ ނަޞޭޙަތް ޤަބޫލު ނުކުރި ނަމައެވެ. އިޞްލާޙް ނުކުރި ނަމައެވެ. ނޫން ނަމަ އެ އަމަލުކުރެވެނީ އިސްލާމް ދީން ބާވައިލެއްވެވުމުގެ ކުރިއަށެވެ. އަންހެނުން އަޅުވެތިކޮށްގެން ގެންގުޅުނު ޒަމާނަށެވެ. އެއީ އިސްލާމް ދީނުގައި އޮތްގޮތެއް ނޫނެވެ. 

ހަމައެއާއިއެކު އަނބިންވެސް ވިސްނައިލަން ޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ޢާއިލާގެ އެންމެ އިސް މީހަކީ ފިރިމީހާކަން އަބަދުވެސް ޤަބޫލުކުރަންވާނެއެވެ. ޢާންމުކޮށް ނުކުރާ ކޮންމެ ކަމެއް ކުރި ނަމަވެސް ދެމަފިރިން މަޝްވަރާކުރަންވާނެއެވެ. އެކަމެއް ކުރަންވާނީ ދެމަފިރިންނަށް އެއްބަސްވެވޭ ގޮތަކަށެވެ. 

އިސްލާމް ދީނުގައި އަންހެނުންނަށް ހުރި ޙައްޤުތައް މަދު ކަމުގެ ވާހަކަތައް ދައްކައެވެ. ނަމަވެސް ހިތާމައަކީ އަންހެނުންނަށް އިސްލާމް ދީނުގައި ދީފައިވާ ޙައްޤުތަކުގެ ވާހަކަތައް ނުދައްކާ ކަމެވެ. 

"ކައިވެނީގެ ރަނަކީ އެކަނބަލުންގެ ޙައްޤެވެ. ބައެއް ދީންތަކުގައި އޮންނަފަދައިން އެކަނބަލުންގެ ބައްޕަގެ ޙައްޤެއް ނޫނެވެ. ފިރިހެނުންނާއި އެއްފަދައިން ވިޔަފާރިކުރެވެއެވެ. އަމިއްލަ ބޭންކް އެކައުންޓް އޮޕަރޭޓްކުރެވެއެވެ. އެއަންހެނެއްގެ ކިބައި ޤާބިލުކަން ހުރިވަރަކުން ދިރި އުޅެން މަސައްކަތްކޮށް އާމްދަނީ ހޯދައި އަމިއްލަކުރުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި ކިތަންމެ ތަނަވަސްކަން ހުރި އަންހެނެއް ނަމަވެސް ޢާއިލާއަށް ޚަރަދުކުރުން ލާޒިމެއް ނޫނެވެ. ޢާއިލާއަށް ޚަރަދުކުރުމަކީ ފިރިމީހާ ކުރަން ޖެހޭ ކަމެކެވެ. އަންހެނަކު ހިތުން ރުހުމުން ކުރި ޚަރަދެއް މެނުވީ ފިރިމީހާއަށް އަނބިމީހާގެ އަތުލުމުގެ އެއްވެސް ޙައްޤެއް ނެތެވެ. 

ބައެއް އެހެން ދީންތައް ފަދައިން އަނބިމީހާގެ ނަމުގެ ފަހަތަށް ފިރިމީހާގެ ނަން ގެންނާކަށް ނުޖެހެއެވެ. އޭނާގެ އަމިއްލަ ޢާއިލީ ނަމުގައި ދިރިއުލެވެއެވެ." 

މިފަދަ އެތައް ކަންކަން ފާހަގަ ކުރެވިދާނެއެވެ. ދެން އޮތީ ޢާއިލާގެ އިސް މީހާގެ މަޤާމެވެ. ޢާއިލާގެ އިސް މީހަކަށް ފިރިމީހާ ކަނޑައެޅިފައި އޮންނަނީ ޒިންމާތަކަކާއިއެކުގައެވެ. ހަމައެކަނި ފިރިހެނަކަށްވުމަކުން ނޫނެވެ. ފިރިހެނަކަށްވުމުން އަދާކުރަންޖެހޭ މަސްއޫލިއްޔަތަށް ބަލައިފިނަމަ އެފަދަ އެއްވެސް ޒިންމާއެއް ނެތި އަނބިމީހާއަށް ލިބިގެންވާ ޙައްޤުތައް މާ ފުރިހަމައެވެ. 

ޢާއިލާގެ އެންމެ އިސް މީހަކީ ފިރިމީހާ ކަމަށް ކަނޑައެޅުއްވެވީ ﷲ ތަޢާލާއެވެ. ވީމާ އެކަމަށް ބަހުސްކުރުމެއް ނެތެވެ. ކުރިން ބުނިފަދައިން އެންމެ އިސް މީހާގެ ދަރަޖައިގައި ހުރުމަށް ފިރިމީހާ އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައްވެސް ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. މިއީ ވަކިކުރެވޭނެ 2 ކަމެއް ނޫނެވެ. ޢާއިލާގެ އިސް ވެރިކަމާއި ޢާއިލާގެ ޒިންމާއަކީ ޗޭނެއްގައި ގުޅި ލާމެހިފައިވާ ދެ ބޮޅެވެ. ވަކިކޮށްފިނަމަ ޗޭނުގަނޑު ދާނީ ކަނޑައިގެންނެވެ. 

 

- ޑރ. ޢަބްދުﷲ ޙާކިމް ކްއިކްގެ ދަރުސަކުން

 

މިއަދު އޮންލައިން