ނަމާދު ނުކުރާ މީހުންނާއި ނަމާދުގައި ފަރުވާކުޑަކުރާ މީހުން ހަމައެކަނި މި ކުރު ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ނަމާދު ނުކުރާ މީހުންނާއި ނަމާދުގައި ފަރުވާކުޑަކުރާ މީހުން ހަމައެކަނި މި ކުރު ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކޮށްލާށެވެ!

އިބިލީސް ސުވަރުގެއިން ބޭރުކޮށްލައްވައި ލައްނަތް ލައްވަވައި ނަރަކައިގެ އެންމެ އަޑިން ޖާގަ ދެއްވެވީ ﷲ ތަޢާލާގެ އަމުރުފުޅަށް އާދަމްގެފާނަށް ސަޖިދަ ނުކުރުމުންނެވެ. އާދަމްގެފާނަކީ ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤެކެވެ. އިބިލީސް އިބިލީހަކަށް ވެގެންދިއައީ ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤަކަށް ސަޖިދަ ނުކުރުމުންނެވެ! ވީއިރު ﷲ ތަޢާލާގެ އަމުރުފުޅަށް ﷲ ތަޢާލާއަށް އަހަރެމެން ސަޖިދަ ނުކުރާނަމަ އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

މީސްތަކުންނޭވެ! މުސްލިމް ލަޝްކަރުގެ ފާރަވެރިއަކަށް ރަސޫލް (ޞޢވ) ބެހެއްޓެވި ޞަހާބީއަކު ނަމާދަށް ހުންނަވަނިކޮށް ހަށިކޮޅަސް 3 ތީރު އެރިއިރުވެސް އެންމެ ކުޑަމިނުން އެއިން ތީރެއްވެސް އުފުރޫއްވައި ނުލައްވަވައި ދެމި ހުންނެވީ ނަމާދުކުރެއްވެވުމުގައެވެ. އެއިރު ކިޔަވައި ވިދާޅުވަމުން ގެންދެވި ސޫރަތަކީ ވަރަށް ލޯބިފުޅުވާ ސޫރަތަކަށްވާތީ އަމިއްލަފުޅު ފުރާނަފުޅަށްވުރެ އިސްކަން ދެއްވެވީ ސޫރަތް ނިންމަވާލައްވައި ނަމާދު ފުރިހަމަކުރެއްވެވުމަށެވެ. މިއީ އެބޭކަލުންގެ ހިތްޕުޅުގައި ނަމާދުކުރެއްވެވުމަށާއި ކީރިތި ޤްރުއާން ކިޔަވައި ވިދާޅުވުމަށް އޮތް ލޯބީގެ މަތިވެރިކަން އެނގިގެންދާ ކަމެކެވެ. 

ބޭކަލެއްގެ ފައިންޕުޅު ބުރިކޮށްލަން ޖެހުނެވެ. ވިދާޅުވީ ނަމާދުގައި ހުންނަވަނިކޮށް އެކަން ކުރުމަށެވެ. އަޅާނެ ވޭން ނިކަން ވިސްނައިލަބަލާށެވެ! ނަމަވެސް އެ ބޮޑު އޮޕަރޭޝަންކޮށް ނިންމައިލިއިރުވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމާދުގައި ދެމިހުންނެވީއެވެ. 

އިމާމް ބުޚާރީގެ ދަރިވަރުން ބަޔާންކުރއްވާފައިވެއެވެ. ނަމާދު ނިމިވަޑައިގެން ބުރަކަށިފުޅުގައި އެއްޗެއް އިންހެން ހީފުޅުވެގެން ލިބާސްކޮޅު ނަންގަވައި ބެއްލެވިއިރު މުޅި ބުރަކަށިފުޅުގައި އެތައްބައިވަރު ކުޅަނދުރުތަކެއް ތިއްބެވެ. 

ޢަލީގެފާނު ގެކޮޅުގައި ނަމާދަށް ހުންވަނިކޮށް ގެކޮޅުގައި އަލިފާންރޯވިއެވެ. މީސްތަކުން އެއްވެ ގެކޮޅުން ނުކުމެވަޑައިގަންނަވަން ދެންނެވިއެވެ. ނަމަވެސް ނުކުމެވަޑައިގަތީ ނަމާދު ނިންމަވައިފައެވެ. 

އަހަރެމެންނަށް މިކުރެވެނީ ނަމާދު ހެއްޔެވެ؟ އަހަރެމެންގެ ކިބައިގައި ޚުޝޫޢަތްތެރިކަން ހުރީ ކިހައިވަރަކަށް ހެއްޔެވެ؟ ނަމާދު ނުކޮށް ތިބެން ބިރު ނުގަންނަނީ މިކަންކަން އެނގޭ ހާލުގައި ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން