ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާގެ ސޫތުކުޅިއަށް އެތެރެވާން މަސައްކަތްކުރި ރާއްޖޭގެ ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބު އަދި ރާއްޖެ ގެނެވިފައިނުވާކަމަށް ފުލުހުންބުނެފިއެވެ.
ފުލުހުން މިފަދައިން ވިދާޅުވީ، އަދީބު ރާއްޖެ ގެނެސް، ދޫނިދޫ ޖަލަށް ގެންދެވިފައިވާ ކަމަށް ބުނެ، ބައެއް މީޑިއާތަކުގައި މިއަދު ފެތުރެމުންދިޔަ ޚަބަރުތަކަށް ޖަވާބު ދެއްވަމުންނެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އަހުމަދު އަދީބު އަދި މިހާތަނަށް ރާއްޖެނެގެވިފައި ނުވާކަމަށެވެ. ނަމަވެސް މިކަމާގުޅޭ މާބޮޑު ތަފްސީލެއް އޭނާ ދެއްވާފައިނުވެއެވެ. ފުލުހުން މިހާތަނަށް މިމައްސަލާގައި ވިދާޅުވެފައިވަނީ އަދީބް މިހާރުހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ.
އަދީބު ފިއްލައވައިގެން ވަޑައިގަތް ޓަގު ބޯޓު ރާއްޖެއިން ފުރާފައިވަނީ މިދިޔަ ޖުލައި މަހުގެ 27ވަނަ ދުވަހުއެވެ. ރާއްޖެއިން އެބޯޓު ފުރިއިރު، އެ ބޯޓުގައި ރާއްޖެއަށް އައި 9 މީހުންގެ އިތުރުން އެކަކު ހުއްޓެވެ. އެއީ ކުރީގެ ނައިބު ރައީސް އަދީބުކަން ފަހުން ވަނީ ހާމަވެފައެވެ.
ރާއްޖެއިން އިތުރު މީހަކު އެ ބޯޓަށް އެރިކަން އެ ބޯޓުގެ އެޖެންޓަށް އެންގީ އެބޯޓުގައި ހުރި އިންޑިއާ ފަޅުވެރިޔާއެވެ. އެޖެންޓް މެދުވެރިކޮށް، އިންޑިއާގެ ކަސްޓަމާއި ކޯސްޓްގާޑާއި ޖާސޫސީ އިދާރާތަކަށް އެންގުނުއިރު ބޯޓު ރާއްޖެއިން ފުރާފައިވާކަމަށް ބެލެވެއެވެ. އިންޑިއާގެ ފުލުހުންނަށް ބޯޓު އަތުވެފައިވަނީ އިންޑިއާގެ ޓްުޓިކޮރި ނުވަތަ ސޫތުކުޅި އާއި ހަމައަށް ދަތުރުކުރިފަހުންނެވެ.
ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވަނީ އަދީބް ދަތުރުކޮށްފައިވަނީ ސިންގަޕޫރުގައި ރެޖިސްޓްރީކޮށްފައިވާ ވަރގޯ-9 ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. މި އުޅަނދަކީ މިދިޔަމަހުގެ 11ވަނަ ދުވަހު ހިލަވެލި ބަރުކޮށްގެން ރާއްޖެ އައިސްފައިވާ އުޅަނދެކެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި އަދީބު ހުންނެވި ސިފައިންގެ އުޅަނދު އަދި އަންނަނީ ރާއްޖެ އަށް ދަތުރުކުރަމުންނެވެ.