މީސްތަކުން މިއަދު ކުރިއަރައި ވަރަށް ގިނަ ކަންތައްތައް އެނގޭ ކަމަށްބުނެ އެކަމަށް ދައުވާތައް ކުރެއެވެ. އަދި ބައެއް މީހުން ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތައް ޤަބޫލުކުރުމަށްވެސް އިންކާރުކުރެއެވެ. އެމީހުންނަށް އެނގޭ ގޮތް މާމޮޅުކަމަށް ބުނެއެވެ.
ދާދިފަހުން އިސްލާމް ދީން ދޫކުރުމަށް ޚިޔާލުކުރަމުން ދިއަ މީހެކެވެ. ކީރިތި ޤްރުއާންގައިވާ ބައެއް އާޔަތްތައް ކަމުނުދާ ކަމަށާއި އޭނާ އަށާއި އޭނާގެ އެކުވެރިންނަށް ކަންކަން މާމޮޅަށް އެނގޭ ކަމަށް އޭނާ ބުނެއެވެ.
މިފަދަ ޚިޔާލުތަކެއްގެ ތެރޭގައި އުޅެނިކޮށް އޭނާ އާއި ބައްދަލުވި މީހެކެވެ. ހަމަ އޭނާ ފަދަ ވިޔަފާރިވެރިއެކެވެ. ދެ މީހުންގެ ގުޅުން އައީ ބަދަހިވަމުންނެވެ. އެކުގައި ގޭގައި ވަގުތު ހޭދަކުރުމާއި ބޭރަށް ގޮސް ކައި ބޮއި ހެދުން ފަދަ ކަންކަން ކުރުންވެސް ދިއައީ އިތުރުވަމުންނެވެ.
އެގޮތަށް އުޅޭތާ ހައަކަ މަސްދުވަސް ވީފަހުން މަސައްކަތުގައި އުޅެފައި އެއް ދުހު ގެއަށް އާދެވުނު އިރު ކަންކަން ހުރީ މުޅިން ބަދަލުވެފައެވެ. 2 ދަރިން ގޮވައިގެން އަނބިމީހާ ވަނީ ގެއިން ނުކުމެގެން ގޮސްފައެވެ. އެނދުމަތީގައި އޮތީ ކުޑަކުޑަ ނޯޓެކެވެ. "ފިރިމީހާއެވެ. ފިރިމީހާއަށްވުރެ ހުރިހާ ގޮތަކުންވެސް ފިރިމީހާ ހޯދައިގެން ގެއަށް ގެންނަން ފެށި އެކުވެރިޔާ މާރަނގަޅެވެ. އެހެންވެ އަހަރެން ގެއިން ނުކުމެގެން މިދަނީ އަހަރެންގެ ގެއަށެވެ. 2 ދަރިންވެސް ގޮވައިގެންނެވެ. ވަރިވާން ފޯމްތައް މާދަމާ ކޯޓަށް ލާނަމެވެ."
އޭނާ ކަން ބޮޑުވެ ފޯނުކުރުމުން އެގެއަށް ދިއައިމެވެ. އަދި އޭނާގެ ވާހަކަތައް އަޑުއެހުމަށްފަހު ބުނީމެވެ. "ރަހްމަތްތެރިޔާއެވެ. އެއްގޮތަކަށްވެސް ދެރަ ނުވާށެވެ! ތިއަކަންތައް ތިހެން މެދުވެރިވީ ތިބާއަށް ލިބެން އޮތް ރަނގަޅެއް ބޮޑުކަމުން ކަމަށް ޤަބޫލުކުރާށެވެ! ﷲ ތަޢާލާއީ މީސްތަކުންގެ ދިރިއުޅުން އެފުށް މިފުށަށް ޖައްސަވާ އިލާހްއެވެ.!"
އެހެން ބުނީ ރަހްމަތްތެރިޔާ ރުޅި އަންނާނެ ކަމަށް ވަރަށް ބޮޑަށް ވިސްނައިގެން ހުރެއެވެ. ކަންތައް ވީވެސް އެހެންނެވެ. ވަރަށް ރުޅިގަވެފައި ބުނީ "މިގޭގައި ﷲ ގެ ވާހަކަ ނުވެސް ދެއްކުމަށެވެ."
އެވަގުތު އަހަރެން ބުނީމެވެ. "ރަހްމަތްތެރިޔާއެވެ. އިންސާނުންނަށް ބުއްދި ދެއްވެވީ ވިސްނަން ނޫން ހެއްޔެވެ؟ ރަޙްމަތްތެރިޔާ ތިއަ ބުނަނީ ﷲ ތަޢާލާ 7 އުޑުމަތިން ބާވައިލެއްވެވި ކީރިތި ޤްރުއާން ޤަބޫލުނުކުރާ ކަމަށެވެ. ﷲ ތަޢާލާގެ އެއްކައުވަންކަންވެސް ޤަބޫލު ކުރަން އުނދަގޫވެއްޖެ ކަމަށެވެ. ތިމާއަށް ހުރިހާ ކަންކަން މާމޮޅަށް އެނގޭ ކަމަށެވެ. އެކަމަކު މިއަދުވެސް މިފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ކީރިތި ޤްރުއާނަށްވުރެ މޮޅަށް ކަންކަން އެނގޭ ކަމަށް ބުނާ މީހާ އަމިއްލައަށް ގެއަށް ވެއްދި އެކުވެރިޔާ، ތިމާ އެންމެ ލޯބިވާ އަނބިމީހާގެ އަތުގައި ހިފައިގެން 2 ދަރިން ވެސް ގޮވައިގެން ގޭގެ ދޮރުން ނުކުމެގެންދިއައިރު ތިއަ ހުރީ ރޭކާވެސް ނުލައެވެ. މިއީ ލޯމަތީގައި ހިނގަމުންދާ ކަންކަންވެސް ނުއެނގޭ ވަރެވެ. ވީމާ ޣައިބުގައިވާ ކަންކަން އެނގޭނެ މިންވަރު މިއޮތީ ފެންނަން ނޫން ހެއްޔެވެ؟ ކީރިތި ޤްރުއާނާއިމެދު ތިއަ ދައްކާ ވާހަކަތައް އެބަ ވަރަށް ދެކޮޅު ޖެހޭ ނޫންހެއްޔެވެ؟
މިއިން ޒަމާނެއްގައި ހުކުރަކުން ބައްދަލު ނުވެފައި ޖެހިގެން އައި ހުކުރުގައި ދެ މީހުން މިސްކިތުން ބައްދަލުވިއެވެ. ބުނީ ހަމަ އެހާލު ކުރިމަތިވާ އެންމެން ވެސް ބުނާ ބަހެވެ. "އެތީސްޓުން އަހަރެންގެ ބޯކައިލީއެވެ.! މިހާރު ވަރަށް ބޮޑަށް ވިސްނިއްޖެއެވެ. އިރާދަކުރެއްވިއްޔާ ދެން އެހެން ވިޔަކަ ނުދޭނަމެވެ.
އަހަރެމެންނަށް މިއެނގެނީ ހަމަ ވަރަށް ކުޑަ މިންވަރެކެވެ. އެއްވެސް ކަމެއް އެނގޭނަމަ ރަޙްމަތްތެރިއަކަށްވެ އެހައި ގާތްވެގެން އުޅުނު އެ ނުބައި ނުލަފާ މީހާގެ މަކަރުވެރި ރޭވުން އެނގުނީސް ނޫން ހެއްޔެވެ؟ އަދި ކޮބައި ހެއްޔެވެ؟ ކޮންމެ ރެއަކު އެކުގައި ނިދައި އުޅުނު އިރު އަނބިމީހާގެ ކިބައިންވެސް އެފަދަ ކަމެއް ޚިޔާލަށްވެސް ގެނެވިފައެއް ނެތެވެ!
އަހަރެން ބުނީމެވެ. "ތިއައީ ނިޢްމަތަކަށް މެދުވެރި ކަމަކަށްވެސް ވެދާނެ ކަމަކަށް އެދުވަހު ބުނީ މިހެންވެގެންނެވެ. ގެއްލިގެން ތި ދިއައީ އަނބިމިހާ ނޫންހެއްޔެވެ؟ ރަޙްމަތްތެރިޔާއަކީ ބޭނުން ނަމަ މިރޭ ނުކުމެ އެއްފަހަރާ 4 އަނބިން ގޮވައިގެން ގެއަށް ވަނުމުގެ ފުރުޞަތު އޮތް މީހެކެވެ. ނަމަވެސް ތިއަ މަމޮޅު ހެދިގެން އުޅޭ އެތީސްޓުންތަކުގެ އަވާގައި ޖެހި އިސްލާމް ދީން ދޫކޮށްލެވުނު ނަމަ އާޚިރަތުގައި ސަލާމަތްކަން ލިބޭނެ އެއްވެސް ގޮތެއް ނުއޮންނާނެ ނޫން ހެއްޔެވެ؟ ވީމާ ނަރަކައިގެ ގަދަފަދަ އަޛާބުން ރަހްމަތްތެރިޔާ ސަލާމަތް ކޮށްދެއްވެވި ކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުވެރިވެ ޝަދަޤާތް ކުރުން އިތުރުކުރާށެވެ!"
މީސްތަކުންނޭވެ! ދުނިޔޭގައި ހިނގާ މިފަދަ އެންމެހައި ކަންކަމަށް ހޭލުންތެރިވެ ޢިބްރަތް ޙާޞިލުކުރާށެވެ! އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކު މިފަދަ އެތައް ހާސް ހާދިސާތަކެއް ދަނީ ހިނގަމުންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން