އުމުރުން އެންމެ ދެއަހަރާއި 3 މަހުގެ އިންޝާ ބިންތު އިޝާމް އަކީ އުފަންވީ ދުވަހުން ފެށިގެން ވެސް ހިތުގެ މައްސަލަތަކެއް ހުރި ކުއްޖެކެވެ.
އެގޮތުން ހިތުގެ ދެބައި ކުޅަ އެއްބައިގައި ލޯވަޅެއް އުފެދިފައިވުމުގެ އިތުރުން، އިންޝާގެ ހިތާއި ގުޅިފައިވާ ނާރުތައް ހުންނަނީ ވަރަށް ހިމަކޮށެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާވަރަށް އޮކްސިޖެން ނުލިބެއެވެ.
އިންޝާ ގެ ހާލަތު "މިއަދުނޫހާއި" ހިއްސާ ކުރަމުން އޭނާގެ މަންމަ އައިމިނަތު ޝީޒާ ބުނީ، އިންޝާގެ ހިތުގައި ލޯވަޅެއް އުފެދިފައި ހުރުމުންނާއި، ނާރުތައް ހިމަވުމުގެ ސަބަބުން ބޭނުންވާވަރަށް އޮކްސިޖެން ނުލިބޭ ކަމަށެވެ. އެހެންކަމުން ކުއްޖާގެ އުމުރުން އެންމެ ތިން ދުވަސް ފުރުނު ދުވަހު އެމަޖެންސީގައި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދިޔަ ކަމަށް ވެސް ޝީޒާ ބުންޏެވެ.
"ދަރިފުޅު އުމުރުން ތިން ދުވަސް ފުރުނު ދުވަހު އެމަޖެންސީގަ އަމްރިތާ ހޮސްޕިޓަލަށް ދިޔައިން. އެއީ ނާރުތައް ވަރަށް ހިމަކޮށް ހުރީމަ، ބޭނުންވާވަރަށް އޮކްސިޖަން ނުލިބިގެން. އެހެންވެ ނާރުތައް ބޮޑު ކުރަން ވެގެން ބެލޫނެއް ލެއްވީ. އެކަމަކު ދަރިފުޅު މިހާރު ބޮޑުވަމުން އަންނާތީ، ބެލޫން ވެސް އަންނަނީ ފިތެމުން. ޑޮކްޓަރުން ބުނަނީ ހޮޅި ކޮންމެ ވަގުތަކު ވެސް ބެދިދާނެ ކަމަށް. އެހެންވެ ވީ އެންމެ އަވަހަކަށް އޮޕަރޭޝަނަށް ފުރަން އެބަޖެހޭ" ޝީޒާ ކިޔައިދިނެވެ.
ޝީޒާ ބުނިގޮތުގައި، އިންޝާގެ ހިތުގެ އޮޕަރޭޝަން ކުރުމަށް މިމަހުގެ 11 ވަނަ ދުވަހު ފުރުމަށް އެމީހުން އަންނަނީ ތައްޔާރު ވަމުންނެވެ. މިދަތުރުގައި އިންޝާގެ ހިތާއި ގުޅިފައިވާ ހޮޅިތަކުގެ އޮޕަރޭޝަންގެ އިތުރުން، ހިތުގައި އުފެދިފައިވާ ލޯވަޅުގެ އޮޕަރޭޝަން ވެސް ކުރެވޭތޯ އެމީހުން މަސައްކަތް ކުރަން ބޭނުންވެއެވެ.
އިންޝާ އަކީ ޝީޒާގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށާއި، އެދަރިފުޅު ލިބުނީ ދަރިއަކު ހޯދުމަށް ތިން އަހަރު ދުވަހު ބޭސްފަރުވާކޮށް، ހަތަރު ވަނަ އަހަރުގައި ކަމަށް ވެސް ޝީޒާ ބުންޏެވެ.
"ދަރިއަކު ބޭނުންވެގެން ވަރަށް ބޮޑަށް ބޭސްކުރަމުން އަންނަނިކޮށް އިންޝާ ލިބުނީ. ތިން އަހަރު ދުވަސް ވަންދެން ބޭސްކުރިން. ހަތަރުވަނަ އަހަރު ދަރިފުޅު ލިބުނީ." ޝީޒާ ބުންޏެވެ.
އިންޝާގެ ހިތުގެ މައްސަލައިގެ އިތުރުން، ވާހަކަ ދެއްކުމުގައި ވެސް މައްސަލަ ހުރި ކަމަށް ޝީޒާ ބުންޏެވެ. އެގޮތުން ބައެއް ބަސްތައް އަދިވެސް ރަނގަޅަށް ނުކިޔުމުގެ އިތުރުން، އިންޝާ އަކީ އޯޓިޒަމް ހުރި ކުއްޖެއްކަމަށް ޝައްކު ކުރެވޭ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް ވެސް ޝީޒާ ބުންޏެވެ. މީގެއިތުރުން އިންޝާ އަށް ރަނގަޅަށް ނުހިނގޭ ކަމަށާއި، ހިނގަން ފަށާއިރަށް ވަރަށް އަވަހަށް ވަރުބަލިވާ ކަމަށް ވެސް ޝީޒާ ބުންޏެވެ.
"އަޅުގަނޑުމެން މިމަސައްކަތް ކުރަނީ މިފަހަރު ގޮސް ދަރިފުޅުގެ ހުރި މިހުރިހާ ކަމަކަށް ވެސް ބޭސް ކުރެވޭތޯ. އެކަމަކު، އަތްމަތި އެހާ ތަނަވަހެއް ވެސް ނޫން. މިފަދަ ގިނަ ބޭސްފަރުވާތަކެއް ކުރުމަށް ވަރަށް ގިނަ ފައިސާ އާއި ދުވަސްވެސް ނަގާނެ ދެއްތޯ" ޝީޒާ ބުންޏެވެ.
އިންޝާ އަށް ބޭސްފަރުވާ ކުރުމަށް އާސަންދަ ހަމަޖެހިފައިވީ ނަމަވެސް އެކޮޅުގައި ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސަން ޖެހެނީ އެމީހުން އަމިއްލައަކަށެވެ. ޝީޒާ ބުނިގޮތުގައި އާމްދަނީ ހޯދަން މަސައްކަތް ކުރަނީ އިންޝާގެ ބައްޕަ އެކަންޏެވެ. ރިސޯޓް ދާއިރާގައި އޭނާގެ ބައްޕަ މަސައްކަތް ކުރާއިރު، އޭގެން އެވަރުގެ ދިގު ބޭސްފަރުވާއެއް ކުރެވޭވަރެއް ނުވެއެވެ.
އިންޝާއަށް ބޭސްފަރުވާ ކުރުމަށް އެހީތެރިވެދެއްވުމަށް ފައިސާ ޖަމާ ކުރާނީ:
ބީއެމްއެލް ޑޮލަރ އެކަންޓް ނަންބަރ: 7722491782002 (ޤާސިމް އިޝާމް)
ބީއެމްއެލް ރުފިޔާ އެކަންޓް ނަންބަރ: 7722491782001 (ޤާސިމް އިޝާމް)
އިތުރު މައުލޫމާތު 9738282 ނަންބަރު ފޯނާއި ގުޅުއްވާ ހިއްސާ ކުރެއްވުން އެދެމެވެ.





