ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާގެ ސޫތުކުޅިއަށް އެތެރެވާން މަސައްކަތްކުރި ރާއްޖޭގެ ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބު ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށްބުނެ އެ މައްސަލަ އދ.އަށް ހުށައަޅަން އަދީބުގެ ޤާނޫނީ ޓީމުން ނިންމައިފިއެވެ.
މީގެ ހަފުތާއެއް ކުރިން ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާގެ ސޫތުކުޅިއަށް އެތެރެވާން މަސައްކަތްކުރުމުން އިންޑިއާ ސަރުކާރުން ވަނީ ޞައްޙަ އެއްވެސް ލިޔެކިއުމެއް ނެތްކަމަށް ބުނެ އަދީބު ދަތުރުކުރި ޓަގްގައި ތިބި ނުވަ މީހުންނާއެކު އޭނާ އަނބުރާ ރާއްޖެއަށް ފޮނުވާލާފައެވެ.
އަދީބުގެ ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ވަނީ އަދީބު ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ މަސައްކަތްކުރާކަން ޔަޤީންވި ކަމަށާއި، ނަމަވެސް އަދީބުގެ ވަކީލުންނާއި ވާހަކަ ދެއްކުމުގެ ފުރުޞަތު ދީފައި ނުވާކަމަށެވެ. އަދި އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ޖަމްޢިއްޔާއަށާއި، އދ.ގެ ވޯކިން ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަނަށް އެ މައްސަލަ ހުށައަޅަން ނިންމާފައިވާކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދީބު ދިވެހި ފުލުހުންނާއި ހަވާލުކުރީ އިންޑިއާގެ ސިޔާސީ ސަރަޙައްދުން ނޫންކަމަށް އެ ޤައުމުން ބުނިނަމަވެސް، ދިވެހި ފުލުހުންނާއި އަދީބު ހަވާލުކޮށްފައިވަނީ އެޤައުމުގެ ސަރަޙައްދުންކަމަށްވެސް އަދީބުގެ ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައިވެއެވެ.