ނަރަކައަށް ދާން ޖެހޭނެ ކަމަށާ ސުވަރުގެ ލިބޭނެ ކަމަށް ރަސޫލް (ޞޢވ) ޙަދީޘްކުރެއްވެވި 2 އަންހެނުންގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ނަރަކައަށް ދާން ޖެހޭނެ ކަމަށާ ސުވަރުގެ ލިބޭނެ ކަމަށް ރަސޫލް (ޞޢވ) ޙަދީޘްކުރެއްވެވި 2 އަންހެނުންގެ ވާހަކަ!

ޞަޙާބީން އެއްދުވަހަކު ރަސޫލް (ޞޢވ)އަށް އަނހެނެއްގެ ވާހަކަ ދެއްކެވިއެވެ. ވަރަށް ގިނައިން ސުންނަތް ނަމާދުކޮށް ސުންނަތް ރޯދަވެސް ހިފާ އަންހެނެއްގެ ވާހަކައެވެ. އަދި ޞަދަޤާތްވެސް ދީ އުޅޭ އަނހެނެއްގެ ވާހަކައެވެ. އޭނާގެ ވާހަކަތައް އަޑުފުޅު އިވިވަޑައިގަތުމާއިއެކު ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އޭނާ ދާނީ ނަރަކައަށް ކަމަށެވެ. 

ޞަހާބީން ކަންބޮޑުވެވަޑައިގެން އެހައި ގިނަ ހެޔޮ އަމަލުތައް ކުރާއިރުވެސްތޯ؟ ސުވާލުކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވީ އޭނާއަކީ އަވަށްޓެރިންނަށް ވަރަށް ނުބައި އަނހެނެއް ކަމަށެވެ. 

ޞަޙާބީން މެދުމިނުގައި އަޅުކަންކޮށް އުޅޭ އަންހެނެއްގެ ވާހަކަ ދެންނެވުމުން އޭނާ ދާނީ ސުވަރުގެއަށް ކަމަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. ސަބަބެއް ކަމަށް ޙަދީޘްފުޅު ކުރެއްވެވީ އޭނާއަކީ އޭނާގެ އަވަށްޓެރިންނަށް ވަރަށް ރަނގަޅު އަންހެނެއް ކަމަށެވެ. 

މީސްތަކުންނޭވެ! ބައެއް މީހުންނަށް ހީކުރެވެނީ އިސްލާމް ދީނަކީ ހަމައެކަނި އަޅުކަންކުރުން ކަމަށެވެ. އަޅުކަން ކުރުމުން ސުވަރުގެ ވައްދަވާނެ ކަމަށެވެ. ރަނގަޅު ވާހަކައެކެވެ. ސުވަރުގެ ވަނުމަށްޓަކައި އަޅުކަންކުރަން ޖެހެއެވެ. އަދި އަޅުކަންކުރުމާއިއެކު ތިމާގެ އަޚްލާޤްވެސް ރަނގަޅުކުރަން އެބަޖެހެއެވެ. މި ޙަދީޘްފުޅުން އެނގެނީ އަޚްލާޤް ރަނގަޅުކުރުމުގެ މުހިންމުކަމެވެ. 

މީސްތަކުންނޭވެ! ރިވެތި އަޚްލާޤަށް ދޭންޖެހޭ ސަމާލުކަން މިދަނީ ދުވަހެއް ދުވަހަކަށް ކުޑަވަމުންނެވެ. އެހެންކަމުން އެކަން ބަދަލުކުރަން އެބަޖެހެއެވެ. އަމަލުތައް އިޞްލާޙްކުރަން އެބަޖެހެއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އެންމެ މާތް ސާހިބާ ކަމުގައި ވެގެން ދިއައީ ހަމައެކަނި ކުރެއްވެވި އަޅުކަމަކުން ނޫނެވެ. ބެހެއްޓެވި ރިވެތި އަޚްލާޤީ ސިފަފުޅުތަކުންނެވެ. އެހެން ދީންތަކުގެ މީހުން މިއަދު ފޮތްތައް ލިޔާއިރު ރަސޫލް (ޞޢވ) އެންމެ މަތީގައި ދަރަޖަ ކުރަނީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނު (ޞޢވ) ކުރެއްވެވި އަޅުކަން ގިނަވެފައި ފުރިހަމަކަމަކުން ނޫނެވެ. އެކަލޭގެފާނު (ޞޢވ)، ޣައިރު މުސްލިމުންވެސް ހިމެނޭ ގޮތުން  މީސްތަކުންނާއިމެދު އަމަލުފުޅު ކުރެއްވެވި ރިވެތި އަޚްލާޤްގެ ސަބަބުންނެވެ. 

ވީމާ ރިވެތި އަޚްލާޤީ ނަމޫނާ ދެއްކުމަކީ ދުނިޔެއާއި އާޚިރަތުގައިވެސް މީހާގެ ޤަދަރު އުފުލިގެންދާނެ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން