ހަފްތާ ބަނދުގަ ފާފަކުރާ މީހުން މިވާހަކަކޮޅަށް ވިސްނައިލުން ވަރަށް މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ހަފްތާ ބަނދުގަ ފާފަކުރާ މީހުން މިވާހަކަކޮޅަށް ވިސްނައިލުން ވަރަށް މުހިންމު!

ބައެއް މީހުން ހަފްތާގެ 6 ދުވަހު އަޅުކަންކުރުމަށްފަހު ހަފްތާ ބަންދުގައި އެބަ ފާފަތައް ކުރެއެވެ. އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ 6 ދުވަހު އަޅުކަންކޮށްފައި އެންމެ ދުވަހަކު ފާފައެއް ކޮށްލުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެފަދައިން ވިސްނާ މީހުން ރަނގަޅަށް އަޑުއަހާށެވެ! 

ފުރަތަމަ ކަމަކީ ﷲ ތައާލާ ޙަރާމް ކުރެއްވެވި ކަމަކަށް ޤަޞްދުގައި އަރައިގަންނަ ނަމަ އެމިހަކީ ފުރިހަމަގޮތުގައި އީމާންވެ ތަޤްވާވެރިވެގެން ހުރި މީހެއް ކަމުގައެއް ނުވާނެއެވެ. ހަމަ އެއާއިއެކު އެފަދަ މީހަކު ކުރާ އަޅުކަން ﷲ ތައާލާ ޤަބޫލުފުޅު ކުރައްވަވާކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެއްވެސް ފާފައެއް ނުކުރާ މީހުން ކުރާ އަޅުކަން ޤަބޫލުފުޅު ކުރައްވަވާކަންވެސް މިއުލެނީ ޔަޤީން ނުކުރެވިގެންނެވެ. ޔަޤީން ކުރެވޭނެ އެއްވެސް ގޮތެއް ނެތިގެންނެވެ. 

ދެވަނަ ކަމަކީ ނަރަކައިގެ ހޫނުން އެންމެ ކުޑަ މިންވަރު އިޙްޞާޞްކުރަން ޖެހޭ މީހާ ބުނާނެ ބަސް އެނގޭ ހެއްޔެވެ؟ 

އޭނާގެ ގައިގައި ނަރަކައިގެ އަލިފާން ނުވެސް ޖެހެއެވެ. ހަމައެކަނި ހޫނުކަން އެންމެ ކުޑަމިނުގައި ވައިރޯޅިއެއް ފަދައިން އައިސް ބީހިލަނީއެވެ. ހަރުލާފައި ހުންނަނީއެއްވެސް ނޫނެވެ. ބީހިލާފައިދަނީއެވެ. އެފަދަ މީހުން ވެސް ބުނާނީ މިވަރުގެ ގަދަފަދަ ޢަޛާބެއް ދުވަހަކުވެސް ނުދެކޭ ކަމަށެވެ. ނަރަކައިގެ އެންމެ އަޑީގައި އޮންނަން ޖެހުނު ކަމަށް އިޙްޞާޞް ކުރެވުނު ފަދަ ކަމަށެވެ.

ވީމާ މީސްތަކުންނޭވެ! ނަރަކައިގެ އަލިފާނަށް ބިރުވެތިވާށެވެ. ނަރަކައަށް ވަންނަން ޖެހިއްޖެ ނަމަ ލިބޭނެ ގަދަފަދަ ޢަޛާބަށް ބިރުވެތިވާށެވެ! ހަފްތާ ބަނދުގައިވެސް އަދި އެނޫން ދުވަހަކުވެސް ތިމާއަށް ނަރަކައަށް ވަންނަން ޖެހިދާނެ ކިތަންމެ ކުޑަ އަމަލެއް ނަމަވެސް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ކިރިޔާވެސް ސަލާމަތްކމެއް ލިބޭނީ އެއިރުންނެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން  

މިއަދު އޮންލައިން