އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނާތްތެރިވެ، މަނީ ލޯންޑަރ ކުރި ކަމަށް އަދީބު ވަނީ އެއްބަސްވެ ވަޑައިގެންފަ!

ކިޔުމަށް ހޭދަވާނީ 1މ 49ސ
އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނާތްތެރިވެ، މަނީ ލޯންޑަރ ކުރި ކަމަށް އަދީބު ވަނީ އެއްބަސްވެ ވަޑައިގެންފަ!

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރް ރާއްޖެއިން ބޭރަށް ފިއްލަވައިގެން ވަޑައިގެންނެވުމުގެ ކުރިން ވަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށާއި އެފައިސާ ލޯންޑަރ ކުރިކަމަށް ވެސް އަމިއްލަފުޅަށް އިއުތިރާފްވެ ވަޑައިގެންފައި ކަމަށް ހާމަވެއްޖެއެވެ. 

އަދީބު ރާއްޖެއިން ފިއްލަވައިގެން އިންޑިއާ އަށް ޓަގުބޯޓެއްގައި ފުރާވަޑައިގެންފައި ވަނިކޮށް، އަނބުރާ މާލެ ގެނެސް ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް ފުލުހުން އެދި، ކްރިމިނަލް ކޯޓުގައި ރެ މުއްދަތު ޖެހުމަށް ބޭއްވި އަޑުއެހުމުގައި ވަނީ ގިނަ ކަންތައްތަކެއް ހާމަވެފައެވެ. 

އެގޮތުން ރޭ ބޭއްވި އަޑުއެހުމުގައި، އަދީބުގެ މައްސަލަ ތަހުގީގު ކުރާ އިންވެސްޓިގޭޝަން އޮކިސަރ ވިދާޅުވީ އަދީބު ރާއްޖެއިން ފިއްލަވައިގެން ވަޑައިގަތީ ދައުލަތުގެ ފައިސާއަަށް ޚިޔާނާތްތެރިވެ، މަނީ ލޯންދަރ ކުރިކަމަށް އަމިއްލަފުޅަށް އިޢުތިރާފްވުމަށްފަހު އެމައްސަލައިގެ ތަޙުގީގަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވުމަށްފަހު ކަމަށެވެ. އަދި އަދީބު ވަނީ އެމައްސަލައިގެ ހެކި ހުރި ފޯނަކާއި ޕެންޑްރައިސެއް ފުލުހުންނާއި ހަވާލުކުރައްވާފައި ކަމަށް ވެސް އޮފިސަރ ވިދާޅުވިއެވެ. އެވާހަކަތަކަށް އަދީބު ވެސް ވަނީ ކޯޓުގައި އިއުތިރާފްވެ ވަޑައިގެންފައެވެ. 

ކުރީގެ ނައިބު ރައީސް އަދީބު ޖިނާއީ ކުށްތަކެއް ހިންގެވިކަމަށް އިޢުތިރާފްވެފައިވާކަން މީގެކުރިން އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވާއިރު ބަންދުގެ މަޖިލިހުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ރޭ ކޯޓުގައި ވިދާޅުވެފައިވަނީ އެގޮތަށް ކުށަށް އިއުތިރާފްވެ ޕީޖީ އޮފީހާއެކު އެއްބަސްވުމެއް ހަދައި ސޮއި ކުރެއްވީ މީގެ ދެ މަސް ކުރިން ކަމަށެވެ. 

ޖިނާއި އިޖުރާއަތުގެ ޤާނޫނުގެ 96 ވަނަ މާއްދާގެ ދަށުން ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފްވާ ހާލަތްތަކުގައި ޕްރޮސެކިއުޓާ ޖެނެރަލާއެކު ދެފަރާތުން ދެކެވޭ ވާހަކަތަކުގެ މައްޗަށް އެފަދަ އެއްބަސްވުންތައް ހެދިދާނެއެވެ. އަދި އެފަދަ އެއްބަސްވުމެއްގައި ކުށްކުރި މީހާގެ މައްޗަށް ދައުވާ ނުރުކުރުން ނުވަތަ އޭނާގެ މައްޗަށް ބައެއް ދައުވާ ނުކުރުން ނުވަތަ ކުށުގެ އަދަބު ލުއިކޮށްދޭން އެދޭނަމަ އަދަބު ލުއިކޮށްދިނުން ހިމެނިދާނެ ކަމަށް ވެސް އެޤާނޫނުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން