އަނބިން އަޅުވެތިކުރި ވަރަކަށް ތިމާގެ ދީންވެރިކަން އިތުރުވާނެ ކަމަށް ޤަބޫލުކުރުމަކީ މުސްލިމުންގެ ސިފައެއް ނޫން!: ޑރ. ޢަބްދުއްﷲ ޙާކިމް ކްއިކް

ކިޔުމަށް ހޭދަވާނީ 2މ 31ސ
އަނބިން އަޅުވެތިކުރި ވަރަކަށް ތިމާގެ ދީންވެރިކަން އިތުރުވާނެ ކަމަށް ޤަބޫލުކުރުމަކީ މުސްލިމުންގެ ސިފައެއް ނޫން!: ޑރ. ޢަބްދުއްﷲ ޙާކިމް ކްއިކް

މިހާރަކަށް އައިސް އިސްލާމް ދީނަށް އަމަލުކުރުމުގެ ނަމުގައި އަނބިންނަށް ފިއްތުންތައް ކުރިމަތިކުރުވައެވެ. ގޮތަކަށް އަނބިން ތަޅުލައެވެ. އެފަދަ ވިސްނުމުގެ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުންގެ ދީންވެރިކަން ކުރިއަރާނީ އަނބިންނަށް ފިއްތުންތައް ކުރިމަތިކުރުވި ވަރަކަށް ކަމަށެވެ.  

ނަމަވެސް އަނބިން އަޅުވެތިކުރި ވަރަކަށް ތިމާގެ ދީންވެރިކަން އިތުރުވާނެ ކަމަށް ޤަބޫލުކުރުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެއީ އިސްލާމް ދީން ބާވައިލެއްވެވުމުގެ ކުރިން ޖާހިލުން އަމަލުކުރި ސިޔާސަތެކެވެ.  

ލޮބުވެތި އަޚުތުންނާއި އުޚުތުންނޭވެ! ކައިވެނި ކުރެވޭ ވަގުތުން ފެށިގެން ދެމަފިރިންނަށް ހުއްދަވެގެންވާ އިންތަކާއި ހުއްދަ ނުކުރެވޭނެ ކަންކަން އިސްލާމް ދީނުގައި ވަނީ ބަޔާންވެގެންނެވެ. ވީމާ އެއިގެ ބޭރުންކިތަންމެ ކުޑަ ކަމެއް ނަމަވެސް ކޮށްގެން ނުވާނެއެވެ. އަމިއްލައަށް އިންތައް ހަދައި ފިއްތުންތައް ކުރިމަތިކޮށްގެން ނުވާނެއެވެ. ހަމަ އެއާއިއެކު އަނބިމީހާވެސް އޭނާއަށް ލިބިދޭ އިންތަކުން އެންމެ މިލިމީޓަރެއްވެސް ބޭރަށް ނުކުމެގެން ނުވާނެއެވެ.  

އިސްލާމް ދީނުގެ އެންމެ ފުރިހަމަ ކަމަކީ މިބާވަތުގެ ކަންކަމުގައި ދެބަސްވާން ނުޖުހޭނެ ގޮތަށް ހުރިހާ ކަންކަން ބަޔާންވެގެންވާ ކަމެވެ. މައްސަލަ މިއުފެދެނީ އިސްލާމް ދީނުގައި ކަންކަން ބަޔާންވެގެންވާ ގޮތަށް ނުބަލައި އަމިއްލަ ޙުކުމްތަކާއި އިންތައް ނެރޭތީއެވެ.  

އުނގެނުމަށް އިސްލާމް ދީނުގައި މިހައި މަތިވެރިކަން ދެއްވާފައިވާއިރުވެސް އަދިވެސް އަންހެން ކުދިންނަށް ކިޔަވައި ދިނުމުގައި މިދަނީ ތަފާތުކުރުންތައް ފެންނަމުންނެވެ. ޚާއްޞަކޮށް މަތީ ތައުލީމަށް ކިޔެވުމުގައެވެ. އަދިވެސް ގިނަ ބައަކަށް ޤަބޫލުކުރެވެނީ މަތީ ތައުލީމް އުނގަންނައިދޭން ޖެހޭނީ ހަމައެކަނި ފިރިހެން ދަރިންނަށް ކަމަށެވެ.  

ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. އަންހެން ދަރިއަކަށް ކިޔަވައިދީފިނަމަ ކިޔަވައި އެދެވެނީ ހަމައެކަނި އޭނާއަކަށް ނޫނެވެ. އޭނާއަށް ﷲ ތަޢާލާ ދެއްވަވާނެ ދަރިންނަށާއިވެސް އެކުގައެވެ. ނަމަވެސް ފިރިހެން ދަރިއަކަށް ކިޔަވައިދީފިނަމަ ކިޔަވައި އެދެވެނީ ހަމައެކަނި އެދަރިފުޅަށެވެ. 

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އަންހެން ދަރިންނަށް ކިޔަވައިދީފިނަމަ އޭނާ ވަޒީފާ އަދާކުރަން އޮފީހަކަށް ދާނެ ކަމަށެވެ. އެކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އަންހެން ދަރިންނަށް ތައުލީމް ޙާޞިލުކޮށްދޭންވީ ކޮންހެން ފުއްޖައްސައި ސެންޓުލައްވާފައި އޮފީހަކަށް ފޮނުވާކަށް ނޫނެވެ. އޮފީހަށް ދިއުމާއި ނުދިއުމަކީ އެމީހެއްގެ އިޚްތިޔާރީ ކަމެކެވެ. 

އަންހެން ދަރިންނަށް ތައުލީމް ހާޞިލުކޮށްދޭންވީ އެންމެ ބޮޑު ސަބަބަކީ ހަރުދަނާ އިސްލާމީ މުޖުތަމަޢައެއް ބިނާ ކުރުމެވެ. މުސްތަޤްބަލުގެ ޖީލް ބިނާކުރާނެ ބައަކީ މިއަދުގެ މައިންނެވެ. ވީމާ މައިންގެ ކިބައިގައި ޢިލްމުނެތި، ހޭލުންތެރިކަން ނެތި ހަރުދަނާ ޖީލެއް ބިނާކުރަން ކުރާ ހުރިހާ މަސައްކަތްތަކެއްވެސް ދާނީ ފޭލްވަމުންނެވެ. 

ދަރިން އިލްމުވެރިކުރުވުމަކީ ރަސޫލް (ޞޢވ)ގެ އަމުރުފުޅެކެވެ. އެ އަމުރުފުޅުގައި މަތީ ތައުލިމުގެ މަރުހަލާ އިސްތިސްނާ ކުރައްވާފައެއް ނުވެއެވެ. އެއީ އެކަނބަލުން ޢިލްމުވެރިވުމުން މުޖުތަމައުއަށް ކުރާނެ ބޮޑު ފައިދާއަށްޓަކައެވެ.

- ޑރ. ޢަބްދުއްﷲ ޙާކިމް ކްއިކްގެ ދަރުސަކުން 

 

 

 

 

މިއަދު އޮންލައިން