ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވީ ފަހުން، އަލުން ބަންދު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އެދިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ޕީޖީ ބިޝާމް މީގެ ކުރިން ވިދާޅުވެފައިވަނީ އަދީބު ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށާއި އެގޮތަށް އެދުނީ އެކޯޓުގައި ޕީޖީއިން އިލްތިމާސްކުރި އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކަމަށެވެ.
ނަމަވެސް ޕީޖީގެ އެވާހަކަތައް ދޮގުކޮށް މިއަދު ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށާއި ބަންދުގެ އަމުރަކަށް ޕީޖީއިން ސުޕްރީމް ކޯޓުގައި އެދިފައިވަނީ އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް ކަމަށެވެ.
"ޕީޖީއިން އެދިފައިވާ ފަދައިން އަދީބުގެ ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރު ކުރެވެން ނެތަތީ އާއި، އަދީބުގެ ބަންދާމެދު އޭނާގެ ޣައިރު ހާޒިރުގައި ގޮތެއް ކަނޑައެޅުމަކީ އުސޫލެއްގެ ގޮތުން ޝަރުއީ އަދި ގާނޫނީ އިޖުރާއަތާއި އެއްގޮތް ކަމަކަށް ނުވާތީ" ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދީބު އެވަގުތު ހުރީ ބަންދެއްގައި ކަމުން އެހާލަތުގައި މީހަކު ބަންދު ކުރުމުގެ އަމުރެއް ނެރުމަކީ އެއްވެސް ބޭނުން ހުރި ކަމަކަށް ނުވާތީ ޕީޖީ އެދުނު ގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އަދީބުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ނެރެދީފައިވާނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.