އަންނަ ހަފްތާ ބަންދަކީ އަޅުކަމަށް ޚާއްޞަ 2 ދެ ދުވަސްކަމަށް ހަދައި އެކަމުގެ ފައިދާ ލިބިގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
އަންނަ ހަފްތާ ބަންދަކީ އަޅުކަމަށް ޚާއްޞަ 2 ދެ ދުވަސްކަމަށް ހަދައި އެކަމުގެ ފައިދާ ލިބިގަންނާށެވެ!

އެދުވަހަކަށް އިރުއަރާނެ އެންމެ އިތުރުކަން ބޮޑު ދިހަ ދުވަހުގެ ތެރެއިން 4 ދުވަސް ފާއިތުވެގެން ދިއައީއެވެ. ހާޞިލު ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ އެއްވެސް ކަމެއް ހާޞިލުކުރެވިއްޖެ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ޛުލްޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ އިތުތުކަން ބޮޑު 10 ދުވަހެވެ. މިދުވަސްތަކުގައި ﷲ ތަޢާލާގެ މަތިން ވީހައި ގިނައިން އިސްތިޣްފާރުކޮށް ހަނދުމަކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެކަމަށް ރަސޫލް (ޞޢވ) ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. އިރުޝާދު ދެއްވަވައިފައެވެ. 

ވީމާ ކޮންމެ ނަމާދަކަށްފަހުގައިވެސް ޛިކުރުކުރުންމަތީގައި މަދުވެގެން 10 ވަރަކަށް މިނިޓް ހޭދަކޮށްލަން ގަދައަޅައި މަސައްކަތްކުރާށެވެ. އެވަރު ނުކުރެވޭނެ ނަމަ 5 މިނިޓް ނަމަވެސް މަޑުކޮށްލާށެވެ! އަދި ހިނގައި އުޅޭއިރުގައާއި އެނޫންވެސް ވަގުތުތަކުގައި ޛިކުރުކުރުން ގިނަކުރާށެވެ. މިކަންކަމަކީ ކުރަން ޖެހޭ ކަންކަން ކަމާއި ކުރުމުން ނުހަނު ގިނަ ގުނަ ސަވާބު ދެއްވަވާނެ ކަންކަން ކަންވެސް އެންމެންނަށްވެސް އެނގެއެވެ. އަދި ކިޔަންވީ ތަކެތިވެސް އެނގެއެވެ. ހަމައެކަނި ނުކުރެވިގެން މިއުޅޭ ކަމަކީ އަމަލުކުރުމެވެ. 

އަޅުކަމުގެ މިފަދަ ކޮންމެ މޫސުމަކާއި ގުޅިގެން ދައްކާނެ އައު ވާހަކަތަކެއް ނުހުންނާނެއެވެ. ކުރަން ބުނާނެ އިތުރު ކަންތައްތަކެއްވެސް ނުހުންނާނެއެވެ. ހަމައެކަނި ކުރެވެން އޮތް ކަމަކީ ކުރަން ޖެހޭ ކަންކަން ކުރަން ހަނދާންކޮށް ދިނުމެވެ. ކުރޭތޯ އާދޭސް ކުރުމެވެ. މިއަޅާ މިކުރަނީ އެކަމެވެ. 

މީސްތަކުންނޭވެ! ގިނަ ބައަކަށް މިއުޅެނީ އަހަރުގެ ދުވަސްތަކުގައި ކޮންމެހެން ކުރަން ޖެހޭ ވަރަށް ވެސް ޛިކްރް ނުކުރެވިގެންނެވެ. އެހެންކަމަށްވާއިރު އެދުވަސްތަކެއްގައި ޛިކްރު ކުރުމުން ސަވާބު އިތުރުވެގެންދާނެ ދުވަސްތައް އައިސް ބައްދަލުކުރުމުން، އެކަމުގެ ނަޞީބް ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވުމުން އެ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފުމަކީ އެކަމުގެ ހިތާމަ ދެ ދުނިޔޭގައިވެސް ކުރަން ޖެހޭނެ ކަމެކެވެ. 

ކުރީ ދަރުސެއްގައިވެސް ފާހަގަކުރި ފަދައިން މިއަހަރުގެ ޢަރަފާތު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. އެއީ ޗުއްޓީ ދުވަހެކެވެ. ނަޞީބު ރަނގަޅުކަމުން އެއިގެ ކުރިއަށް މިއަންނަނީ ހުކުރު ދުވަހެވެ. އެއީ ވެސް ޗުއްޓީ ދުވަހެކެވެ. މިހުކުރު ދުވަސް ހިމެނިގެން މިއަންނަނީ ހައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ އެންމެ ފަހު ހުކުރު ދުވަހުގެ ގޮތުގައެވެ. ވީމާ ކޮންމެ މީހަކުވެސް މިހަފްތާގެ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވީހައި ގިނަ ހެޔޮ އަމަލުކުރަން ކުރިއާލައި ތައްޔާރުވާށެވެ! 

ވެހޭތަނުގައި ފެންނެގުމަކީ ކުރަންޖެހޭ ކަމެކެވެ. ނުނަގައިފިނަމަ އެމީހަކު ވާނީ އަމިއްލައަށް ނަޞީބުން މަޙްރޫމްވި މީހަކަށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން