އެކަމެއް ﷲ ފުރިހަމަކޮށްދެއްވަވާނެ ކަމުގެ ޔަޤީންކަމާއިއެކު ކުރަން ފަށާ ކޮންމެ ކަމެއް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
އެކަމެއް ﷲ ފުރިހަމަކޮށްދެއްވަވާނެ ކަމުގެ ޔަޤީންކަމާއިއެކު ކުރަން ފަށާ ކޮންމެ ކަމެއް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެ!: މުފްތީ މެންކް

އެއެއްޗެއްގެ ދިރިއުޅުމަށް ބޭނުންވާނެ ކަންކަން ﷲ ތަޢާލާ ފުރިހަމަކޮށް ނުދެއްވަވާ އެއްވެސް އެއްޗެއް ނުވެއެވެ. މީގެ ތެރޭގައި ކުދިކުދި ފަނިފަކުސައިން ފެށިގެން ﷲ ތަޢާލާ އުފެއްދެވި ހުރިހާ ތަކެއްޗެއް ހިމެނެއެވެ. ދުނިޔޭގައި ލެއްވެވި ހުރިހާ ތަކެއްޗެއް ހިމެނެއެވެ. ވީމާ މީގެ ތެރެއިން އިންސާނުން ނުވަތަ އިންސާނަކު އިސްތިސްނާ ވާންވީ ކީއްވެގެން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ ކަމެއް އެބަ އޮވެއެވެ. ފުރަތަމަ ކަމަކީ އެކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ކުރާކަމަކަށް ހެދުމެވެ. އެއަށްފަހު ކުރާ ކޮންމެ ކަމެއްވެސް ކުރަން ފަށަންވާނީ އެމީހަކަށް އެކަން ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ. މިފަދައިން ފަށައިފި އެއްވެސް ކަމެއް ފޭލްވެގެނެއް ނުދާނެއެވެ. 

މިއަދު މައްސަލަތައް އުފެދިގެން މިއުޅެނީ އެމީހެއްގެ ދިރިއުލުމަށް ބޭނުންވާ ކަންކަން ﷲ ތަޢާލާ ފުރިހަމަކޮށް ނުދެއްވަވާތީއެއް ނޫނެވެ. މީހާ އެދޭކަންތައްތައް ގިނަވުމުންނެވެ. ދިރިއުޅެން ބޭނުންވާ ކަންކަމާއި މީހާ އެދޭ ކަންކަން އެއީ މުޅިން ތަފާތު ދެކަމެކެވެ. ޖެހިގެން މިއުޅޭ މައްސަލައަކީ އެކަން ޤަބޫލު ނުކުރެވެވުމެވެ. އެމީހާ އެދޭ ހުރިހާ ކަމެއް އެމީހާ އެދޭ ގޮތަށް ޙާޞިލު ނުކުރެވުމުން އެއްވެސް ކަމެއް ޙާޞިލު ނުކުރެވޭކަމަށް ޤަބޫލުކުރެވި މާޔޫސްވަނީއެވެ. 

ﷲ ތަޢާލާ ގަރަންޓީ ދެއްވަވަނީ އެމީހާ އެދޭ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވަވާނެ ކަމަކަށް ނޫނެވެ. އެމީހާއަށް ބޭނުންވާނެ ކަންކަން ފުރިހަމަކޮށްދެއްވަވާނެ ކަމަށެވެ. 

މީސްތަކުންނޭވެ! ބަނޑުފުރާނަ މުއްތިކޮށްލެވިފައި އައުރަ ނިވާކޮށްލެވިފައި އަދި ނިދައިލާނެ ތަނެއް ލިބިފައިވާނަމަ ޝުކުރުވެރިވާށެވެ! މީގެ މާނައަކީ އިތުރަސް ނުއެދުމެއް ނޫނެވެ. އިތުރަސް ހަމަ އެދެންވީއެވެ. އިތުރަސް އެދޭ ކަންކަމުގެ ތެރެއިން ﷲ ތަޢާލާ އިރާދަ ކުރައްވަވާ ކަންކަން ޙާޞިލުކުރެވޭނެއެވެ. ﷲ ތަޢާލާ އިރާދަ ކުރައްވަވާ ވަރަކަށް ނިޢްމަތްތައް އިތުރުކޮށް ދެއްވަވާނެއެވެ. ވީމާ އަހަރެމެންނަށް އޮތީ އެކަމުގެ ޔަޤީންކަމުގައި ދިރިއުޅުމެވެ. ޝަރުޠަކީ ތަޤްވާވެރިކަމެވެ.  

ވީމާ ﷲ ތަޢާލާއަށް ފުރިހަމައަށް އިތުބާރުކޮށްގެން ދިރިއުޅެން ދަސްކުރާށެވެ! އެކަމަށް އާދަކުރާށެވެ! އެމީހަކަށް ދާނީ ކާމިޔާބު ލިބެމުންނެވެ! އިން ޝާ ﷲ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން