މިއަދު ކޮންމެ މީހަކުވެސް މިބަލަނީ އެންމެ އަރާމު ފަރުނީޗަރު ގެއަށް ވެއްދުމަށެވެ. އެންމެ އަރާމު ދިރިއުޅުމެއް ދިރިއުޅުމަށެވެ. ނަމަވެސް ރަސޫލް (ޞޢވ) އަމަލުކުރައްވަވާފައިވަނީ އެގޮތަކަށް ނޫނެވެ.
ރަސޫލް (ޞޢވ)ގެ އެންމެ އަރިސް ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްން މަސްއޫދު ރަސޫލް (ޞޢވ)ގެ ގަނޑުވަރަށް ވަޑައިގެންނެވި ދުވަހަކު ރަސޫލް (ޞޢވ) ގެ ބުރަކަށިކޮޅުގައި ހުރި ފާހަގަތަކެއް ފެނިވަޑައިގަތުމުން އެއަށްވުރެ ފަސޭހަފުޅުވާނެ ގޮތަކަށް އޮށޯވެވަޑައިގަތުމަށްޓަކައި ގޮދަޑިއެއް ފަދަ އެއްޗެއް ހަދިޔާ ކުރަންވަން ބޭނުންފުޅުވެ އެކަން ރަސޫލް (ޞޢވ) އަށް ހުށަހެޅުއްވެވިއެވެ.
ނަމަވެސް ރަސޫލް (ޞޢވ) އެކަމަށް ކުރެއްވެވީ އިންކާރެވެ. ޙަދީޘްފުޅު ކުރެއްވެވީ އެފަދަ އަރާމެއް ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށެވެ. ދުނިޔެއަކީ ވަގުތީ މަންޒިލެއް ކަމަށާއި ދާއިމީ މަންޒިލަކީ ސުވަރުގެ ކަމަށެވެ. އަހަރެމެންނަކީ މިއަދު މިތަނުގައި ތިބެފައި މާދަން ވަކިވާން ޖެހިދާނެ ދަތުރުވެރިންތަކެއް ކަމަށެވެ. ވީމާ ދުނިޔޭގައި އުޅެން ޖެހޭނީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ.
ނަމަވެސް މިއަދު އަޅުގަނޑުމެންގެ ދިރިއުޅުން ހަމަޖެހިފައި މިހުރީ ކޮން ގޮތަކަށް ހެއްޔެވެ؟ ފަޤީރަކަށް ޞަދަޤާތެއް ދޭން ވެއްޖެ ނަމަ އެކަން އޮންނަނީ ނުކުރެވިފައެވެ. އެކަން އޮންނަނީ ބޮޑު ކަމަކަށްވެފައެވެ. ނަމަވެސް ތިމާ އެންމެ އަރާމުގައި ދުނިޔޭގައި އުޅުމަށް ކިތަންމެ ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް އެކަން އެއީ އެއްވެސް ޚަރަދަކަށް ނުވެއެވެ.
އަގުބޮޑު ތަކެތި ހޯދައިގެން އަރާމުގައި ދުނިޔޭގައި އުޅޭ ކޮންމެ މީހަކުވެސް މަރުވުމަށްފަހު އެންމެ ބޮޑަށް ހިތާމަކުރާނީ އެގޮތަށް އެކަންތައް ކުރެވުނީތީއެވެ. އެތަކެތި ގަންނަން ހޭދަކުރި ފައިސާ ޞަދަޤާތް ނުކުރެވުނީތީއެވެ. ނަމަވެސް އެއިރު ވަގުތު އޮންނާނީ ފާއިތުވެފައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިސްލާމް ދީނަށް ލޯބި ކުރެއްވެވި ދީނީ ޢީލްމުވެރިން ދިރިއުޅުއްވަވާފައިވަނީ ވަރަށް އާދައިގެ ފެންވަރެއްގައެވެ. ވަރަށް އާދައިގެ ގޮތަކަށެވެ. އެކަމުގެ ކުޑަ މިސާލެއް ބުނެދޭނަމެވެ.
އިންޑިއާގެ މަޝްހޫރު ދީނީ ޢިލްމުވެރިއަކާއި ބައްދަލުކުރަން ބައަކު ދިއައެވެ. އެމީހުން ދިއުމުން މުސްކުޅި އުމުރުގެ ފިރިހެނަކު ނުކުމެ އެމީހުންގެ އަތް ދޮވުމަށް ފެން ދިނެވެ. އެއަށްފަހު ހަމަ އެމީހާ ކާންހަދައި ކާން ދިނެވެ. ކައި ނިމިގެން ޢިލްމުވެރިޔާ އާއި ބައްދަލުކުރަން އެދުމުން ހަމަ އެމީހާ ބުނީ ޢިލްމުވެރިޔާއަކީ ވެސް ތިމަންނާ ކަމަށެވެ. އަދި އެމީހުން އޮޅުންފިލުވަން ބޭނުންވި ކަންކަން އެމީހުން އަޖައިބުވާހައި ފުރިހަމައަށް ބަޔާންކޮށްދެއްވެވިއެވެ.
މިފަދަ ކަންކަމަކީ މުސްލިމުން މިއަދުވެސް ޢިބްރަތް ހާޞިލުކުރަން ޖެހޭނެ ކަންކަމެވެ.
- ޑރ. ޢަބްދުﷲ ޙާކިމް ކްއިކްގެ ދަރުސަކުން