ދުޢާ ކުރުމުގަ ވަރަށް ބޮޑަށް އިހްމާލްވެވޭ 2 ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ދުޢާ ކުރުމުގަ ވަރަށް ބޮޑަށް އިހްމާލްވެވޭ 2 ކަމެއް!: މުފްތީ މެންކް

މިއީ ޛުލްޙައްޖު މަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކެވެ. ﷲ ތައާލާ އެންމެ ބޮޑަށް މަތިވެރިކުރައްވަވައި މާތް ކުރެއްވެވި ދުވަސްތަކެވެ. އެހެންކަމުން ގިނަ ބައަކު އެކިއެކި ބޭނުންތަކުގައި ދުޢާކުރާނެއެވެ. އެހެންކަމުން ބައެއް ކަންކަން މިފުރުޞަތުގައިވެސް ހަނދާންކޮށްލައި ދޭނަމެވެ. 

ގިނަ ބެލެނިވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮންނަނީ އެމީހުންނަށް ލިބޭ ދަރިން ބަސް ޤަބޫލުނުކުރުމުގެ މައްސަލައެވެ. މިއީ މިއަދު ހަމަ ވަރަށް ޢާންމު މައްސަލައެކެވެ. އެހެންކަމުން އެކަމުގައި އެންމެ ފުރަތަމަ ވެސް ބަލައިލަންވީ އެމީހަކަށް އިހްމާލްވެވިފައިވާ މިންވަރަށެވެ. 

ބައެއް ބެލެނިވެރިން ބުނާ ގޮތުން އެމީހުން ދަރިން ބަލަހައްޓަނީ ވަރަށް ރަނގަޅަށެވެ. ކަންކަން ކޮށްދެނީވެސް ހަމަ ވަރަށް ރަނގަޅަށެވެ. އެހެންކަމަށްވީނަމަވެސް ވަރަށް ގިނަ ބެލެނިވެރިންގެ ވަރަށް ބޮޑު އިހްމާލެއް އޮވެއެވެ. އެއީ ދަރިން ދެއްވެވުން އެދި ދުޢާކުރުމުގައި ވެވޭ އިހްމާލެވެ! 

ގިނަ މީހުން ދުޢާކުރާނީ ދަރިން ދެއްވެވުން އެދިއެވެ. "ދީންވެރި ތަޤްވާވެރި" ދަރިން ދެއްވެވުމަށް ދުޢާކުރަން ހަނދާންވެސް ހުންނަނީ ވަރަށް މަދު މީހެކެވެ. އެހެން އެވަނީ ކީރިތި ޤްރުއާނާއި ދުރުވެވޭތީއެވެ. ކީރިތި ޤްރުއާން ކިޔަވައި މާނައަށް ވިސްނާނަމަ މިކަންކަން އެނގޭނެއެވެ. އިބްރާހީމްގެފާނު ކުރެއްވެވި ދުޢާތަކުންނެވެ. 

ހަމައެފަދައިން އަހަރެމެންގެ ތެރެއިން ވަރަށް މަދުމީހަކަށް ނޫނީ ދުޢާ ކުރެވެނީ ހަމައެކަނި ނުވަތަ އެމީހެއްގެ އަނބިދަރިންގެ މައްޗަށެވެ. މައިން ބަފައިންގެ މަތިން ހަނދާން ހުންނަނީވެސް ވަރަށް މަދު މީހެކެވެ. މިއީ އެއްވެސް ޙާލެއްގައި މިކަން ކުރަން އޮތް ގޮތެއް ނޫނެވެ. ކުރާ ޢާންމު ދުޢާތަކުގައި ވީހައި ގިނަ ބައަކު ހިމަނަންވާނެއެވެ. މުޅި އުންމަތްވެސް ހިމަނަންވާނެއެވެ. އެކަންވެސް އިބްރާހީމްގެފާނު ކުރެއްވެވި ދުޢާތަކުން އެނގިގެންދާނެއެވެ. އިބްރާހީމް ސޫރަތުގެ އާޔަތްތައް ކިޔާށެވެ. އެއިރުން އޮޅުން ފިލާނެއެވެ. 

މިފަދަ ކޮންމެ ކަމަކަށް ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ ގޮތް ބަލަން މިބުނަނީ ވެސް ކީރިތި ޤްރުއާނުގައި އެކަން އެގޮތަށް ކުރުމަށް ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވާތީއެވެ. "މި ޤްރުއާނަކީ (އެންމެހާ) މީސްތަކުންނަށް އެއިން އިންޒާރު ކުރެއްވުމަށްޓަކައި އޮތް އެންގެވުމެކެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، އެއްކައުވަންތަ ކަލާނގެކަން އެއުރެން ދެނެގަތުމަށާއި، އަދި ބުއްދީގެ އަހުލުވެރިން ނަޞޭޙަތް ލިބިގަތުމަށްޓަކައެވެ." (އިބްރާހީމް: 52)

 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން