ބޭންކިންގ އާއި ބެހޭ ޤާނޫނާއި ގަވާއިދުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ތަހުގީގީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާނެކަމުގެ ޔަގީންކަން ދޭކަމަށް އެބޭންކުން ބުފެފިއެވެ.
ބީއެމްއެލް އިން ބުނީ ބޭންކާއި، ކަސްޓަމަރުންނާއި މުވައްޒަފުންގެ އިތުރުން ގުޅުންހުރި އެންމެ ފަރާތްތަކެއްގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަދަ އެދެވޭ ހައްލެއް ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި ސިވިލް ކޯޓުގައި ބޭންކް އޮފް މޯލްޑިވްސް އިން އެދުނީ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2019/HC-A/26 އިން ކުރެއްވި ހުކުމް އާ ގުޅިގެން ތަހުގީގީ އިދާރާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ބޭންކުން އަމަލުކުރަންޖެހޭ ކަމަށް އެ ބޭންކަށް ގަބޫލުކުރެވޭ ގޮތާއި ތަހުގީގީ އިދާރާތަކުން ދެކޭ ގޮތާމެދު ފަރަގު އުފެދިފައިވާތީ ކަމަށެވެ.
ބީއެމްއެލްގެ ބަޔާނުން:
މިއަދު ސިވިލް ކޯޓުން ކުރެއްވި ހުކުމްގައިވާ ގޮތުން ބޭންކިންގ އާ ބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ލާޒިމްކުރާ މިންވަރަށް، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަސްޓަމަރުންގެ މަޢުލޫމާތު ރިޔާސީ ކޮމިޝަންތަކާއި އަދިވެސް އެހެން ތަހުގީގީ އިދާރާތަކުން ވެސް ބޭންކުން މައުލޫމާތު ހޯދުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށާއި ލިޔުމުން އެދުމުން ބޭންކުތަކުން އެ މައުލޫމާތެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް މިވަނީ ކަނޑައެޅިފައެވެ. އަދި މީގެއިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ)ގައި ބޭންކިން ގާނޫނުގެ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ޖިނާއީ ކުށްތައް ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް ހޯދުމަކަށް ހުރަސް ނާޅާ ކަމަށްވެސް ކޯޓު ހުކުމްގައި ހިމެނެއެވެ.
މިހެން ކަމުން މަތީގައި ދެންނެވުނު ކޯޓް ހުކުމާ އެއްގޮތަށް އަމަލުކުރުމުގެ ސަބަބުން ބޭންކާއިމެދުވެސް އަދި ބޭންކުގެ މުވައްޒަފަކާ މެދުވެސް އެއްވެސް ފަރާތަކަށް ޝަރުޢީ މައްސަލައެއް ހުށަނޭޅޭކަން މިވަނީ ކަނޑައެޅިފައެވެ. މިއީ މި ބޭންކުން ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބުވެސް މެއެވެ. އަދި ސިވިލް ކޯޓުން މިގޮތަށް ކަނޑަ އެޅުމާއެކު މި މައްސަލަ އަކީ މި ބޭންކުން މަތީ ކޯޓެއްގައި އިސްތިއުނާފްކުރަން ބޭނުން ނުވާ މައްސަލައެއްވެސްމެއެވެ.
މި ފުރުސަތުގައި ބޭންކް އޮފް މޯލްޑިވްސް އިން ބޭންކިންގ އާ ބެހޭ ޤާނޫނާއި ގަވާއިދުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ތަހުގީގީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާނެކަމުގެ ޔަގީންކަން އަރުވަމެވެ.