މައިން ބަފައިންނަށް އިންޒާރެއް! - ދަރިން އިސްރާފް ކުރާނަމަ އެއީ މައިން ބަފައިންގެ ފޭލްވުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
މައިން ބަފައިންނަށް އިންޒާރެއް! - ދަރިން އިސްރާފް ކުރާނަމަ އެއީ މައިން ބަފައިންގެ ފޭލްވުމެއް!

ވަރަށް ގިނައިން މައިން ބަފައިން ކުރާ އެއް ޝަކުވާއަކީ އެމީހުންގެ ދަރިން އިސްރާފްކުރާ ކަމުގެ ޝަކުވާއެވެ. އެންމެ އަގު ބޮޑު ހެދުމާއި ބޫޓު ނޫނީ ބޭނުން ނުވާ ކަމުގެ ޗަކުވާއެވެ. 

ފުރަތަމަ ބަލައިލަން ޖެހެނީ މައްސަލަ އުފެދޭ ހިސާބަށެވެ. އެހިސާބަށް ބަލައިފި ނަމަ ފެންނާނީ މައިން ބަފައިންގެ ކުށްތަކެވެ. ގިނަ ފަހަރަށް މި މައްސަލަ މިގޮތަށް ފެންމަތިވެގެން އަންނަނީ ކުއްޖާ އެންމެ ކުޑައިރު އެފަދަ ތަކެތި އެކުދިންނަށް ހޯދައިދީ އެގޮތަށް ދަރިން ތަރުބިއްޔަތުކުރާތީއެވެ. މައިން ބަފައިންގެ ދިރިއުޅުމުގެ ކަންކަން އެފެންވަރުގައި ބަހައްޓާތީއެވެ. 

ދަރިން ކުޑައިރު އެކުދިން ދެކެ ވާލޯބި ދައްކަން ޖެހޭނީ ގަނެދޭ އަގުބޮޑު ތަކެއްޗަކުން ނޫނެވެ. އެކުދިންނަށް ބޭނުންވާ ލޯތްބާއި ކުލުނު ދީގެންނެވެ. އެކުދިންނާއި ވަގުތު ހޭދަކޮށް އުފާކޮށްދީގެންނެވެ. ނަމަވެސް މައިންބަފައިންނަށް ގިނަ ފަހަރު އަމަލުކުރެވެނީ އެގޮތަކަށް ނޫނެވެ. ވަގުތު ދެވޭ ކަމަކަށް ނުވެއެވެ. ވީމާ އެކަން ފޫބައްދަން ކުރެވޭ ކަމަކީ އަގުބޮޑު ތަކެތި ގަނެދިނުމެވެ. 

ދޮށީދަރިފުޅުގެ ކައިވެންޏަށް ދަރައިގެން ނަމަވެސް އެތައް ބައިވަރު ފައިސާއެއް ޚަރަދުކޮށްފާނެއެވެ. ޢާއިލާގެ ތަނަވަސް މީހަކު އޭނާގެ ދަރިފުޅުގެ ކައިވެނި ހަފްލާ ބޭއްވި ފެންވަރުގައި ބާއްވަން ބޭނުންވެގެންނެވެ. އެ ބޮޑު ޚަރަދުކުރީ ދަރަންޏަށް ފައިސާ ހޯދައިގެންކަމެއް ހަގަށް ތިބޭ ކުދިންނަކަށް ނުއެނގޭނެއެވެ. ވީމާ އެކުދިންވެސް ހަމަ އެފެންވަރުގައި ކަންކަން ބޭނުންވާނެއެވެ. އަގުބޮޑު ތަކެއްޗަށް އެދޭނެއެވެ. 

އިސްލާމް ދީނުގެ އެންމެ މުހިންމު އެއް އަސާސަކީ ރިވެތި އަޚްލާޤެވެ. ރިވެތި އަޚްލާޤްގެ އެންމެ މުހިންމު އެއް އަސާސަކީ ފުދުންތެރި ދިރިއުޅުމެކެވެ. ދިރިއުޅުމުގެ އެއްވެސް ކަމެއްގައި އެއްވެސް އެހެން މީހަކާއި ވާދަކުރުމަކީ އިސްލާމް ދީނުގައި އޮތް ކަމެއް ނޫނެވެ. ވާދަކުރުން ހުއްދަވެގެންވާ ހަމައެކަނި ކަމަކީ ތަޤްވާވެރިކަމެވެ.

މައިން ބަފައިން ޖަހާ ސެންޓާއި ލާ ހެދުމަކީ އެންމެ އަގުބޮޑުތަކެތި ކަމުގައި ވާނަމަ ދަރިންވެސް އެފަދަ ތަކެތި ބޭނުންވާނެއެވެ. އަދި ދަރިންނަށް އެފަދަ ފެންވަރުގެ ތަކެތި ހޯދައިދޭނަމަ ބޮޑުވެ އަމިއްލަ ދިރިއުޅުމަކަށް ފަށާ ދުވަހުވެސް އެފަދަ ތަކެއްޗަށް ބޭނުންވާނެއެވެ. ނުލިބުމުން ފިރިމީހާ ގާތުން ވަރިވަނީ ކިތައް އަނބިން ހެއްޔެވެ؟ ހަމައެފަދައިން ފިރިމީހާގެ އަމިއްލަ ބޭނުންތަކަށް ކުރާ ޚަރަދު އިންތިހާއަށް ބޮޑުވެފައި އެއާއި ކައިރިކުރާ ވަރަކަށްވެސް ގޭތެރޭގެ ކަންކަމަށް ޚަރަދު ނުކުރާތީ ވަރިވަނީ ކިތައް އަނބިން ހެއްޔެވެ؟ 

މިފަދަ ކަންކަމުން އެނގެނީ މައިން ބަފައިން ފޭލްވަމުން އަންނަކަމެވެ. އިސްލާމް ދީނުގައިވާ މަގުން ދަރިން ތަރުބިއްޔަތުކުރުމުގައެވެ. ވީމާ މައްސަލަ ހައްލުކުރެވޭނީ ވެސް ހަމަ މައިންބަފައިންނަށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން