މުސްލިމުންނަށް ރޯދަ ހިފުން ސުންނަތްކަން ގަދަވެގެންވާ އަރަފާތު ދުވަހާއި ޢާޝޫރާ ދުވަސް ފަދަ ދުވަހެއް ހޮނިހިރު ދުވަހާއި ދިމާވެއްޖެ ނަމަ އެދުވަހު އެކަނި ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ. އެހެނީ އެދުވަހު އޭނާ ރޯދަ ހިފަނީ ރަސޫލް (ޞޢވ) ސުންނަތް ރޯދަހިފުން މަނާކުރައްވަވާފައިވާ ހޮނިހިރު ދުވަހު ރޯދަ ހިފުމެގެ ނިޔަތަކު ނޫނެވެ. ރަސޫލް (ޞޢވ) ސުންނަތް ރޯދަ ހިފުމަށް އިރުޝާދު ދެއްވަވައި ބާރުއަޅުއްވަވާފައިވާ ޢަރަފާތު ދުވަސް ނުވަތަ ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ ނިޔަތުގައެވެ.
ހޮނިހިރަކަށް ދިމާވެގެން ނުހިފައި ދޫކޮށްލައިފިނަމަ އެ އަހަރު އެމީހަކަށް އެ ފުރުޞަތު ގެއްލިގެން ދިއައީއެވެ.
ދެދުވަހުން އެއް ދުވަހު ރޯދަ ހިފުމަށްވެސް ރަސޫލް (ޞޢވ)ގެ ސުންނަތުގައިވެއެވެ. އެހެންކަމުން 2 ދުވަހުން އެއް ދުވަހު ރޯދަ ހިފަމުންދާ މީހާއަށް ހަމަ ހޮނިހިރު ދުވަހެއްގައި ވެސް ރޯދަ ހިފަން ޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަހަރުގެ ޙައްޖު މަސް ހުކުރު ދުވަހެއްގައި ފެށުމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވި ބަސްފުޅު ހަނދުމަކޮށްލުން މުހިންމުކަނަ ފާހަކުރެވެ.
"މާދަމާ، ހުކުރު ދުވަހުން ފެށިގެން ރޯދަހިފަން ފެށިދާނެއެވެ.
މަނާވެގެންވަނީ ހުކުރު ދުވަހު އެކަހެރިކޮށް (ހުކުރު ދުވަހު އެކަނި) ރޯދަ ހިފުމެވެ. ވީމާ ހުކުރު ދުވަހު ރޯދަ ހިފާފައި ހޮނިހިރު ދުވަހުވެސް ރޯދަ ހިފާނަމަ މައްސަލައެއް ނެތެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގެނީ މިއަދު (ބުރާސްފަތި ދުވަހު) ސުންނަތް ރޯދަ ނުހިފާ މީހާއަށްވެސް ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހަކީ ރޯދަ ހިފުން ސުންނަތްކަން ގަދަވެގެންވާ 9 ދުވަސް ކަމަށްވެފައި މާދަމާއަކީ (ހުކުރު ދުވަހަކީ) މިއަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށްވުމުން މާދަމާ ވެސް ރޯދަ ހިފިދާނެ ކަމެވެ. ނަމަވެސް ހުކުރު ދުވަހު އެކަނި ރޯދަ ހިފުމެއް ނެތްކަމާއި ހުކުރު ދުވަހު ރޯދަ ހިފާ މީހާ ހޮނިހިރު ދުވަހުވެސް ރޯދަ ހިފުމުން މައްސަލައެއް ނެތްކަމެވެ.
މިއީ ޑރ. އިޔާޟްގެ މިބަސްފުޅަކީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު މިއަދުނޫހުގައި ޝާއިޢުކުރި ލިޔުމެކެވެ. މަސައްކަތް ކުރަންވީ ވީހައި ގިނަ ސުންނަތް ރޯދަތައް ހިފުމަށެވެ. ޢަރަފާތު ދުވަހާއި އާޝޫރާ ދުވަސް ފަދަ ދުވަސްތަކުގައި ކޮންމެހެންވެސް ރޯދަ ހިފުމަށެވެ.