ތިމާއަށް ބޭނުންވާ ހުރިހާ ފައިދާތަކެއް ދަމުނަމާދުން ލިބޭކަން އެނގޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ތިމާއަށް ބޭނުންވާ ހުރިހާ ފައިދާތަކެއް ދަމުނަމާދުން ލިބޭކަން އެނގޭ ހެއްޔެވެ؟

ދަމުނަމާދާއި ބެހޭ ގޮތުން ރަސޫލް (ޞޢވ) ކުރައްވަވާފައިވާ ހަދީޘްފުޅެއްގައި ދަމުނަމާދުކުރުމުން ލިބޭނެ 4 ކަމެއް ބަނީ ބަޔާން ކުރައްވަވައިފައެވެ. އެއީ 

1 އެއީ އަހަރެމެންގެ ކުރިން ދުނިޔޭގައި މާތް ތަޤްވާވެރި މީހުންވެސް ކކުރަމުން އައި ނަމާދެކެވެ.

2 އެއީ ﷲ ތައާލާ އާއި ކުއްތަންވުމަށް އޮތް އެންމެ ފަހި މަގެވެ.

3 ދަމުނަމާދުގެ ސަބަބުން ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ.

4 ދަމު ނަމާދުކުރުމަކީ ފާފަކުރުމުން ސަލާމަތްކޮށްދޭ ކަމެކެވެ. 

ދެން ނިކަން ބުނެބަލާށެވެ! އިތުރަށް ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެމެން މުސްލިމުންވެސް ކުރިއަށް ދާންވީ އަހަރެމެންގެ ކުރިން ދުނިޔޭގައި އުޅުނު ތަޤްވާވެރިން ފަދައިންނެވެ. އަހަރެމެންގެ އެންމެ ބޮޑު އެދުމަކީ ﷲ ތައާލާ އާއި ވީހައި ބޮޑަށް ކުއްތަންވެވުމެވެ. އެހެނީ ﷲ ތައާލާ އާއި ކުއްތަން ވެވޭ ވަރަކަށް ތިމާއަށް ދާނީ ހުރިހާ ކަންކަން ފުރިހަމަވަމުންނެވެ. ދުނިޔެއާއި އާޚިރަތުގައިވެސް ބާއްޖަވެރިކަން ލިބުން މިއޮތީ ﷲ ތަޢާލާ އާއި ކުއްތަންވެވުނު މިންވަރަކުންނެވެ. 

ހުރިހާ މުސްލިމުންގެ ވެސް އެންމެ ބޮޑު އެދުމަކީ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވެވުމެވެ. އަހަރެމެން ގަދައަޅައި މަސައްކަތްކުރަމުން މިދަނީ އެކަމަށް އެދިއެވެ. އެހެނީ ހުރިހާ މުސްލިމުންވެސް މަސައްކަތް ކުރަމުން މިދަނީ ސުވަރުގެ ލިބިގަތުމަށެވެ. ސުވަރުގެ ލިބެން އޮތީ ފާފަތައް ފުއްސަވައި ދެއްވެވުމުންނެވެ. ހަމައެއާއިއެކު ދަމުނަމާދު ވެގެން މިދަނީ ފާފަކުރުމުން ސަލާމަތްކޮށްދޭ ކަމަކަށެވެ. 

ދެން ނިކަން ބުނެބަލާށެވެ! ދަމުނަމާދުން ނުލިބޭ ނިޢްމަތަކީ ކޮބައިހެއްޔެވެ؟ ތަނަވަސްކަމާއި ސަލާމަތް ޞިއްހަތާއި ހެޔޮލަފާ އަނބިން، ފިރިން، ދަރިން ލިބުމާއި މިހެން ގޮސް ލިސްޓު ދިގުކުރެވިދާނެއެވެ. ﷲ ތައާލާ އާއި ކުއްތަން ވެވިއްޖެ ނަމަ އެމީހަކަށް ނުލިބޭނެ އެއްވެސް ނިޢްމަތެއް ނުއޮންނާނެއެވެ. ވީމާ ދަމު ނަމާދުން ނުލިބެނީ ކޮންކަމެއް ހެއްޔެވެ؟ 

އަދިވެސް އިތުރަށް ވިސްނައިލާށެވެ! 

" އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ!"

" ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށްކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ."

" އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެޔަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ!"

" ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން قرآن ކިޔަވައި ވިދާޅުވާށެވެ!"

" ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބަރުދަންހުރި ބަހެއް ބާވައިލައްވާހުށީމެވެ."

" ހަމަކަށަވަރުން، ނިދުމަށްފަހު، ރޭއަޅުކަންކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ: ނަމާދުގެ ތެރޭގައި ކިޔަވާ ކިޔެވުންތައް) ސީދާކަން ބޮޑެވެ."

(މުއްޒައްމިލް: 1،2،3،4،5،6) 

އަހަރެމެންގެ ތރެެއިން ގިނަ ބައަކަށް ޤަބޫލުކުރެވިގެން މިއުޅެނީ ދަމުނަމާދުކުރުމަކީ ހަމައެކަނި ރަމަމާން މަހު ކުރަން އޮތް އަޅުކަމެއް ކަމަށެވެ. މިއިން އެއްވެސް އާޔަތެއްގައި އެކަން ބަޔާންކުރައްވަވާފައިވޭ ހެއްޔެވެ؟ 

މީސްތަކުންނޭވެ! އަހަރެމެން ކޮންމެ މީހަކު ވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއް ކަމަކީ އަހަރެމެންގެ ދަރިންނަކީ ހެޔޮ ލަފާ ތަޤްވާވެރިން ކަމުގައި ހެދުމަށެވެ. އެކަމަށް އެދޭ މައިން ބަފައިން ދަމުނަމާދު ނުކޮށް އެކަމަސް އެދޭނީ ކިހިނަކުން ހެއްޔެވެ؟ އިސްލާމް ދީނަށް ދައުވަތުދީ އިސްލާމް ދީން ފަތުރަން މަސައްކަތްކުރާނަމަ އެމީހަކު ދަމު ނަމާދު ނުކޮށް އެކަން ކުރާނީ ކިހިނަކުން ހެއްޔެވެ؟ 

ކައްވަޅު ތިމާ ފިއްތަލާނެ ކަމާއި ކައްވަޅުގައި މަލާއިކަތުން ސުވާލުކުރައްވަވާނެ ކަމާއި ޤިޔާމަތް ދުވަހު ﷲ ތަޢާލާ އާއި ބައްދަލުވާނެ ކަމަށް ޤަބޫލުކުރާ މީހާ ދަމު ނަމާދު ނުކޮށް ފުއްދައިލާނީ ކިހިނަކުން ހެއްޔެވެ؟ 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

މިއަދު އޮންލައިން