ސޫރަ ކުރެހުން- ބިރުހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 19ސ
ސޫރަ ކުރެހުން- ބިރުހުރި ކަމެއް!

ސޫރަ ކުރެހުމަކީ ބިރުހުރި ކަމެކެވެ. އެހެންކަމުން އެކަމާއިމެދު ކަންބޮޑުވާ ގިނަ ބައަކު ތިބުމުން އެކަމުގެ ދީނީ ޙުކުމާއިމެދު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އަސް ދެންނެވުމުން ފޮނުއްވައިދެއްވީ އެކަމާއި ގުޅިގެން ޢަދާލަތު ޕާޓީން ނެރެފައިވާ ބަޔާނެކެވެ.

ބަޔާން ޝާއިޢުކޮށްފައި އެވަނީ އެއިގެ އަޞްލާއި އެއްގޮތަށެވެ.

ޞޫރަ ކުރެހުމުގެ މައްސަލާގައި ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ބަޔާން

الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، وعلى آله وصحبه أجمعين، ومن تبعهم بإحسان إلى يوم الدين، أما بعد:

އަޅުގަޑުމެންގެ މުޖްތަމަޢުގައި ޚިޔާލު ތަފާތުވުން އެންމެ ބޮޑަށް އުފެދިފައިވާ އެއް މައްސަލަ އަކީ ޞޫރަ ކުރެހުމުގެ މައްސަލަ އެވެ. އަޅުގަޑުމެންގެ ކިޔަވާ ކުދިންގެ ތެރެއިން ސައިންސް ސްޓްރީމް ގައި ކިޔަވާ ކުދިން ވަރަށް ގިނަ ފަހަރަށް ޞޫރަ ކުރަހަން ޖެހެއެވެ. ކުޑަކުދިންނަށް ކިޔަވައިދެއްވާ ބޭފުޅުން އެކުދިންނަށް އުނގަންނައި ދިނުމަށް ޓަކައި ބައެއް ކަހަލަ ޞޫރަ ކުރަހަން ޖެހެއެވެ. އެގޮތުން މިލިޔުމުގައި މިއަލިއަޅުވާލަނީ ސޫރަކުރެހުމާ ބެހޭގޮތުންނެވެ. ފޮޓޯނެގުންފަދަ މިމައްސަލަޔާ ގުޅުންހުރިބައިތަކަކަށް އެހެން ފުރުސަތެއްގައި އަލިއަޅުވާލާނަމެވެ. إن شاء الله

ޞޫރަ ކުރެހުމަކީ ޙަރާމް ކަމެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަނެއްބައި ޢިލްމުވެރިން ވަކި ޙުދޫދެއްގެ ތެރޭގައި އެކަން ހުއްދަ ކުރައްވައެވެ. އަނެއްބައި ޢިލްމުވެރިން ޞޫރަ މާނަ ކުރައްވަނީ ބުދު ހެދުމުގެ މާނާގައެވެ. ނަތީޖާ އެއްގެ ގޮތުން ގިނަ ރަޢްޔިތުން ތަކެއް ވަނީ މައްސަލާގައި ރަގަޅު ގޮތަކީ ކޮބައިކަން ދެނެގަންނަން އުނދަގޫ ހިސާބަކަށް ގޮސްފައެވެ.

އެހެންކަމުން މި މައްސަލާގައި އިސްލާމީ ޝަރީޢަތުގައި ކަން އޮތް ގޮތް ބަޔާން ކޮށް ދިނުމަކީ ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމުގައި ދެކި އެކަން ކުރެވޭތޯ ބަލައިލާނަމެވެ.

وما توفيقنا إلا بالله عليه توكلنا وإليه ننيب.

އަތުން ކުރަހާ ކުރެހުން ޢިލްމުވެރިން ދެބަޔަކަށް ބައްސަވައެވެ. އެއީ:

ފުރާނަ އަޅުއްވާފައިވާ ތަކެތީގެ ޞޫރަ، (މިޘާލަކަށް އިންސާނުންނާއި ޖަނަވާރުންނާއި ދޫނި ޞޫފާ ޞޫފި ފަދަ ތަކެތި) ކުރެހުމާއި، ފުރާނަ އަޅުއްވާފައި ނުވާ ތަކެތީގެ މަންޡަރުތައް ކުރެހުމެވެ. މިޘާލަކަށް (ގަހެއް ނުވަތަ އިރު އަރާ މަންޡަރު ނުވަތަ މިނޫންވެސް ތަކެއްޗެވެ).

މީގެ ތެރެއިން ފުރާނަ އަޅުއްވާފައި ނުވާ ތަކެތީގެ ޞޫރަ ކުރެހުމަކީ ހުއްދަ ކަމެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވަނީ ފުރާނަ އެޅުއްވި ތަކެތީގެ ޞޫރަ ކުރެހުމެވެ.

ފުރާނަ އެޅުއްވި ތަކެތި ކުރެހުމަކީ ޙަރާމް ކަމެއް ކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ: ما رواه البخاري ومسلم في صحيحهما من حديث عبد الله بن مسعود رضي الله عنه أن النبي صلى الله عليه وسلم قال: إن أشد الناس عذابا يوم القيامة المصورون). މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން، ގިޔާމަތް ދުވަހުން އެންމެ ޢަޛާބު ބޮޑު ބަޔަކީ ޞޫރަ ކުރަހާ މީހުންނެވެ." އަދިވެސް އިމާމް މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. (من صور صورة في الدنيا كلف أن ينفخ فيها الروح يوم القيامة.) މާނައަކީ: "ދުނިޔޭގައި ޞޫރަ އެއް ކުރަހައިފިމީހަކަށް އެއެއްޗެއްގައި ފުރާނަ އެޅުމަށް ގިޔާމަތް ދުވަހުން ޖައްސަވާނެތެވެ." 

މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން އިމާމް ބުޚާރީ ރަޙިމަހުﷲ- ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ.

(من صور صورة فإن الله معذبه حتى ينفخ فيها الروح، وليس بنافخ فيها أبد) މާނައަކީ: "އެއެއްޗެއްގައި ފުރާނަ އެޅުމަށްދާންދެން މާތް ﷲ ޞޫރަކުރަހާ މީހާ އަށް ޢަޛާބު ދެއްވާނެތެވެ. ނަމަވެސް އެއްގޮތަކަށްވެސް އެމީހަކަށް އެކަމެއް ނުކުރެވޭނެއެވެ."

وقد بعث النبي صلى الله عليه وسلم عليا رضي الله عنه وأمره أن لا يدع صورة إلا طمسها. والحديث في صحيح مسلم .މާނައަކީ: "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަލީ ރަޟިޔަﷲ ޢަންހު- ފޮނުއްވުމުގެ ކުރިން އަމުރު ކުރެއްވިއެވެ. އެއްވެސް ޞޫރަ އެއް ތަޅާ ނުލާ ނުބަހައްޓާށެވެ."

އިސްވެ ބަޔާން ކުރެވުނު ދަލީލު ތަކުގެ މާނާގައި ޞޫރަ ކުރެހުން ހުއްދަ ކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ "ޞޫރަ" އޭ އޮތް ބަހުގެ މާނައަކީ ބުދު ހެދުން ކަމަށެވެ. ނުވަތަ ކަނޑާ ނެނގުން ކަމަށެވެ.

އިންސާނާގެ މޫނު ރަގަޅަށް ނޭނގޭ ގޮތަށް ހުންނަ ކުރެހުންތައް، (މިޘާލަކަށް ނޭފަތާއި ލޯ ނުހުންނަ ގޮތަށް މޫނު ކުރަހާފައި ހުންނަ ކުރެހުންތައް) ހުއްދަ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

އަލްމައުސޫޢަތުލް ފިގްހިއްޔާ ގައި އައިސްފައިވެއެވެ. އަށްވަނައީ: ތުއްތު ކުދިންނަށް އުނގަންނައި ދިނުން ފަދަ އެކަމެއްގައި މަޞްލަޙަތެއް އެކުލެވިފައިވާ ކަންކަމުގައި ޞޫރަ ކުރެހުމަކީ ޢިލްމުވެރިން މަނާ ކުރައްވާ ކަންތައްތަކެއް ނޫނެވެ. ޚާއްޞަ ގޮތެއްގައި ތުއްތު ކުދިން ކުޅުމަށް ތައްޔާރު ކޮށްފައި ހުންނަ ބުދު ތަކަކީ ޢިލްމުވެރިން އިސްތިޘްނާ ކުރައްވާފައިވާ ތަކެއްޗެވެ. އެއީ އަންހެން ކުދިން ދަރިން ތަރްބިއްޔަތު ކުރުވުމަށް ޢާދަ ކުރުވުމުގެ ބޭނުމުގައެވެ.

ފަޟީލަތުއް ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ވަކި މީހަކު ނޭނގޭ ގޮތަށް ނޭފަތާއި، ލޮލާއި، އަނގަ، ފަދަ ތަންތަން އުނިކޮށް ހުންނަ ޞޫރަ އަކީ ފުރިހަމަ ޞޫރަ އަކަށް ނުވެއެވެ. އަދި އެއީ ﷲ ގެ ޚިލްގަތާއި އެއްގޮތް ވުމުގެ ގޮތުން ކުރެވޭ ކަމަކަށްވެސް ނުވެއެވެ. އެހެންކަމުން މިގޮތަށް ޞޫރަ ކުރެހުން ހުއްދަވެގެން ވެއެވެ."

އެހެންކަމުން ލޮލުގެ ބަދަލުގައި ބޮޅެއް އަޅާފައި ނުވަތަ ނޭފަތުގެ ބަދަލުގައި ރޮނގެއް ދަމާފައި ހުންނަ ކުރެހުމަކީ ޙަދީޘް ގައި މަނާ ކުރައްވާފައިވާ ފަދަ ކުރެހުމަކަށް ނުވާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ އެފަދަ ކުރެހުމުގައި ﷲ ގެ ޚިލްގަތާއި އެއްފަދަ ކުރުން ހިމެނިފައި ނުވާތީވެއެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެގުނަވަނެއް ނެތުމުން ފުރާނަ ނުހުންނަ ވަރުގެ ބަޔެއް އުނިކޮށްފައި ކުރަހާފައި ހުންނަ ކުރެހުންތައް ހުއްދަވެގެން ވެއެވެ. އެގޮތުން ހަމައެކަނި މޫނު މަތި ކުރެހިދާނެއެވެ. އިބްނު ގުދާމާ ރަޙިމަހުﷲ- އެކަލޭގެފާނުގެ "އަލްމުޣްނީ" އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. "ފޮޓޯ އެއްގައި ބޮލެއް ނެތި ހުސްހަށިގަނޑެއް، ނުވަތަ ހަށިގަނޑެއް ނެތި ހަމައެކަނި ބޮލެއް، ނުވަތަ ބޮލެއް ހުރެފައި ތިރީކޮޅުގައި ދިރޭ އެއްޗެއް ނޫން އެއްޗެއްގެ ޞޫރަ އެއް ހުރެއްޖެނަމަ ޙަދީޘްގައި މަނާ ކުރެވިގެންވާ ޞޫރަ ކުރެހުމުގެ ތެރެއަކަށް ނުވަންނާނެއެވެ." 

އެހެންބައެއް ޢިލްމުވެރިން ވިދާޅުވަނީ ޙަދީޘް ގައި މަނާ ކުރައްވާފައިވަނީ ހަމައެކަނި ބޯކުރެހުމެވެ. ބޯނެތިއްޖެނަމަ ޞޫރަ އަކަށް ނުވެއެވެ. އެބޭފުޅުންގެ ދަލީލަކީ މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން އަލްއިސްމާޢީލީ އެކަލޭގެފާނުގެ "މުޢްޖަމް" ގައި ރިވާ ކުރައްވާފައިވާ ޙަދީޘެވެ.(الصورة الرأس فإذا قطع الرأس فلا صورة) މާނައަކީ: "ޞޫރަ އަކީ ބޮލެވެ. ބޯކަނޑާލައިފިނަމަ ޞޫރަ އަކަށް ނުވެއެވެ." މިއީ އައްޝައިޚް މުޙައްމަދު ނާޞިރުއްދީނުލް އަލްބާނީ- ރަޙިމަހުﷲ- ސިލްސިލަތުއްޞަޙީޙާގެ 4/544 ގައި ޛިކްރު ކުރައްވާފައިވާ ޙަދީޘެކެވެ. މިމާނާގައި ވަރަށް ގިނަ ޞަޙާބީންނާއި ތާބިޢީންގެ ފަރާތުން ރިވާޔަތްތައް އައިސްފައިވެއެވެ.

މި ޙަދީޘްގައި މިވާ "ބޮލުގެ" މުރާދަކީ މޫނު ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. މާނައަކީ މޫނު ނޭނގޭ ގޮތަށް ހުރުމުން މައްސަލަ އެއް ނެތެވެ. އިމާމް ސިންދީ ރަޙިމަހުﷲ- ސުނަނުއްނަސާއީގެ ޝަރަޙައިގެ ގޮތުގައި ލިޔުއްވާފައިވާ ":ޙާޝިޔާ" ގައި ވިދާޅުވެފައިވެއެވެ. "ފޮޓޯގެ ބޯ ބުރިކޮށްލާފައި، ނުވަތަ މޫނު މަތި ނޭނގޭ ގޮތަށް ނޭފަތާއި ލޯ ކަނޑާލާފައި ހުރެއްޖެނަމަ އެއީ ބޯނެތް ފޮޓޯ އެއް ކަމުގައި ބެލެވޭނެއެވެ."

ވީމާ، އިސްވެ ބަޔާން ކުރެވުނު ކަންތަކަށް ރިޢާޔަތް ކޮށް ކުރަހާފައި ހުންނަ ކުރެހުން ތަކަކީ ހުއްދަ ކުރެހުން ތަކެއް ކަމުގައި ގަބޫލު ކުރެވެއެވެ. والله أعلم.

މިއަދު އޮންލައިން