ކައިވެނިކުރާއިރަށް މާރީތި އެހެން މީހަކު ފެންނަ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކައިވެނިކުރާއިރަށް މާރީތި އެހެން މީހަކު ފެންނަ ސަބަބު!

ތިބާގެ ހިތް ދުނިޔަވީ ބޭނުންތަކުގެ އެދުމަށް އޮތް ލޯބިން ފުރައިލެވިދާނެއެވެ. ނަމަވެސް ތިބާގެ ހިތް ފުރާލާފައިވަނީ ﷲ އަށް ލޯބިން ނޫން ކަމުގައިވާނަމަ ތިބާ ވާނީ ދުނިޔޭގެ އެންމެ ފަޤީރު މީހާ ކަމަށެވެ. ތިބާގެ އާޚިރު ނިމުން ނިމޭނީ އެގޮތުގައެވެ. 

ދުނިޔެ އޮތްހައި ދުވަހަކު އިބިލީހަށް ދެމިހުންނާނެއެވެ. އެ ނިޢްމަތް ﷲ ވަނީ އިބިލީހަށް ދެއްވަވައިފައެވެ. ހަމަ އެއާއިއެކު އިބިލީސް ވާހައި ހިނދެއްގައި އިންސާނާގެ ހިތް ފުރައިލެވުމަކީ ވަރަށް ދަތި އުނދަގޫ ކަމެކެވެ. އެއްކަމެއް ޙާޞިލުކުރެވޭ އިރަށް އަނެއް ކަމަކަށް ދަހިވެތިކުރުވާނެއެވެ. 

ކައިވެނި ކުރާއިރަށް ބައިވެރިޔާއަށް ވުރެ ރީތި މީހަކު ދައްކާނެއެވެ! އެކަމުގެ ތެރޭގައި ކައިވެނި ރޫޅިއްޖެ ނަމަ އެކަން ކުރުވި ޝައިތާނުގެ ގައިގައި ބައްދައި އިނާމުދީ ހިތްވަރުދޭނެއެވެ. 

ހަމައެއާއިއެކު ބައިވަރު ރީތި މީހުންތައް ކައިވެނި ރޫޅުނު ދެމީހުންނަށް ދައްކާނެއެވެ. ދިރިއުޅުން ބޮޑު ޒަލްޒަލާއަކަށް ބަދަލުކޮށްލާނެއެވެ. މީރު ކާއެއްޗެތީގެ ގިނަ ބާވަތްތައް ހުންނަ ބުފޭއަކުން ނަގަންވާ ތަކެތި އޮޅިގެން އުޅެން ޖެހޭ ވަރަށް ގުޅެން ޖެހޭ މީހުން ދައްކާނެއެވެ. އަދި ކީއް ހެއްޔެވެ؟ ކާއެއްޗެތި އަޅަމުން ގޮސް ނުކެވި އިސްރާފުކުރަން ޖެހޭ ވަރަށް ތަށްޓަށް ކާތަކެތި އަޅުވައި އެތަކެތި މީރުކަމުން ކައިގެން ބަނޑުގައި ރިއްސާވަރަށް ކާން ޝައުޤުވެރި ކުރުވާ ފަދައިން މީހާގެ ދެދުނިޔެ ގެއްލޭ ވަރަށް މީހުންނާއި ގުޅުން އުފައްދުވާނެއެވެ. 

މިފަދަ ހުރިހާ މުޞީބާތްތަކުން ސަލާމަތްވުމަށް އޮތީ ހަމަ އެންމެ މަގެކެވެ. އެއީ ﷲ ތަޢާލާގެ މަގެވެ. ތަޤްވާވެރިކަމުގައި ސާބިތުވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން