ޢަރަފާތު ދުވަސް އެންމެ ޚާއްޞަވެގެންދާ އެއް ސަބަބަކީ އެދުވަހަކީ ﷲ ތަޢާލާ އިސްލާމް ދީން ބާވައިލައްވަވައި ފުރިހަމަ ކުރެއްވެވި ދުވަސްކަމަށްވުމުންނެވެ. އެ މަތިވެރި ނިޢްމަތް މުސްލިމުންނަށް ދެއްވެވި ކަމަށްޓަކައެވެ. އެކަމަށްޓަކައި ޝުކުރުވެރިވުމުގެ ގޮތުން މުސްލިމުން ޢަރަފާތު ދުވަސް ފާހަގަކުރަނީ ޝުކުރުވެރިވުމުގެ ދުވަހެއްގެ ގޮތުގައެވެ. ޢަރަފާތު ދުވަހަކީ ރޯދަ ހިފައި ވީހައި ގިނަ އަޅުކަން ކުރުމުގެ ދުވަހެވެ. ވީހައި ގިނައިން ދުޢާ ކުރުމުގެ ދުވަހެވެ.
"މުޅަތަކެއްޗާއި، (އޮހޮރޭ) ލެޔާއި، އޫރުމަހާއި، ﷲ ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗާއި، ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗާއި، ޖަހައި މަރައިލާ ތަކެއްޗާއި، އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި، (އެހެން ޖަނަވާރެއްގެ) ދަޅުންޖަހައިގެން މަރުވާތަކެއްޗާއި، މިނިކާ ޖަނަވާރެއް (އެއްބައި) ކައިފައިވާ ތަކެތި، ތިޔަބައިމީހުންގެ މައްޗަށް ހަރާމް ކުރައްވާފައިވެއެވެ. (މިތަކެތީގެ ތެރެއިން ފުރާނަހުއްޓައި އެއެއްޗެއް އަތުޖެހި ޝަރުޢީ ހަމައިގެ މަތިން) ތިޔަބައިމީހުން ކަތިލި އެއްޗެއް މެނުވީއެވެ. އަދި ބުދުތަކުގެ ނަންމައްޗަށް ކަތިލާ ތަކެއްޗާއި، أزلام މެދުވެރިކޮށްގެން ތިޔަބައިމީހުންގެ ނަޞީބު ހުރިގޮތާއި، ކަންތަކުގެ ރަނގަޅުގޮތް ބަލައިހެދުންވެސް، ތިޔަބައިމީހުންގެ މައްޗަށް ޙަރާމް ކުރައްވާފައިވެއެވެ. ފަހެ، އެކަންތައްތަކަކީ، ފާސިޤް ކަންތައްތަކެކެވެ. މިއަދު، ތިޔަބައިމީހުންގެ ދީނާއިމެދު (އެބަހީ: އެ އެދިނަށް ގެއްލުމެއް ދެވިދާނެ ކަމާމެދު) ކާފިރުން، ނާއުއްމީދު ވެއްޖެއެވެ. ފަހެ، އެއުރެންދެކެ ތިޔަބައިމީހުން ބިރު ނުގަންނާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢްމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ. ފަހެ، ބަނޑުހައިހޫނުކަމެއްގެ ތެރޭގައި ފާފައިގެ ފަރާތަށް ލެނބިގަތުމެއްނެތި (އިސްވެދިޔަ ޙަރާމް ތަކެތީގެ ތެރެއިން އެއްޗެއް ކެއުމަށް) މަޖުބޫރުވީ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ. (ނޯޓު: أزلام އަކީ، ފާލުބެލުމަށް ޖާހިލީ ޒަމާނުގައި ބޭނުންކޮށްއުޅޭ ދަނޑިކޮޅުތަކެކެވެ. ނުވަތަ ދުނިދަނޑިތަކެކެވެ.)" (އަލްމާއިދަތު: 3)
މިއީ ރަސޫލް (ޞޢވ) ޙައްޖު ދުވަހު (ޢަރަފާތު ދުވަހު) މާތްވެގެންވާ ޢަރަފާތު ބިމުގައި ހުންނަވަނިކޮށް އެދުވަހުގެ ޢަބްރު ވަގުތެއްހައިއިރު ﷲ ތަޢާލާ ބާވައިލެއްވެވި އާޔަތެކެވެ. މުސްލިމުން މިހައި ބޮޑަށް ޝުކުރުވެރިވަނީ "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢްމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." މިއާޔަތުގައި ބަޔާންކުރައްވަވާފައި އޮތުމުންނެވެ.
ޢަރަފާތު ދުވަސް ވެފައިވަނީ މުޅި އަހަރުގެ ތެރެއިން ﷲ ތަޢާލާ އެންމެ މާތް ކުރެއްވެވި ދުވަހަށެވެ. އެންމެ ގިނަ ބައެއްގެ ފާފަތައް ފުއްސަވައި ދެއްވަވައި ނަރަކައިން ސަލާމަތްކޮށްދެއްވަވާ ދުވަހަށެވެ. އެދުވަހު ރޯދަ ހިފަންވީ އަދި ވީހައި ގިނަ އަޅުކަން ކުރަންވީ އަދި ވީހައި ގިނައިން ދުޢާކުރަންވީ ވެސް ތިމާއަކީވެސް ﷲ ތައާލާ ރުހިވޮޑިގެން ފާފަތައް ފުއްސަވައި ދެއްވަވާ އަޅުންގެ ތެރޭގައި ތިމާ ހިމަނުއްވަވައި ދެއްވެވުން އެދިއެވެ.
މިއާޔަތާއިމެދު އިތުރަށް ވިސްނައިލާށެވެ! މިއާޔަތް ބާވައިލައްވަވައި އިސްލާމް ދީން ފުރިހަމަ ކުރެއްވެވިކަން އެވަނީ އަނގަވައި އެކަން ވަޙީކުރައްވަވައިފައެވެ. ވީމާ އެއްވެސް އުނި އިތުރެއް ނުގެނެވޭނެއެވެ. އެއްވެސް ކަމަކާއިމެދު ކަންބޮޑުވެއްޖެ ނަމަ ނުވަތަ ސުވާލު އުފދިއްޖެ ނަމަވެސް ޢަމަލުކުރަންވީ ގޮތް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ.
"އަދި ތިޔަބައިމީހުން އެކަމަކާމެދުގައި ޚިލާފްވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުންވަނީ، ﷲ އަށެވެ. އެއީ ﷲ އެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލްކުރައްވައިފީމެވެ. އަދި ތައުބާވަނީ ހަމައެކަލާނގެ ހަޟްރަތަށެވެ. (އައްޝޫރާ: 10)
މިހައި ސާފުކޮށް ބަޔާންކޮށްދެއްވަވާފައިވާއިރު ޚިޔާލު ތަފާތުވާ ކޮންމެ ކަމެއްގައިވެސް ބަލަން ޖެހޭނީ ކީރިތި ޤްރުއާނަށާއި ރަސޫލް (ޞޢވ)ގެ ސުންނަތަށެވެ. އެހެން އެއްވެސް ދެވަނަ ފަރާތެއްގެ ނިންމުން ޤަބޫލުކުރުމެއް ނެތެވެ. ބިދުޢައަށް ބިރުވެތިވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން