މާޒީގަ ވަނީ ވަރަށް ގިނަ ފާފަ ކުރެވިފަ! ޢަރަފާތު ދުވަހު ރޯދަ ހިފިދާނެތަ؟: ޝައިޚް ޢަބްދުލްބާރީ ޔަހްޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މާޒީގަ ވަނީ ވަރަށް ގިނަ ފާފަ ކުރެވިފަ! ޢަރަފާތު ދުވަހު ރޯދަ ހިފިދާނެތަ؟: ޝައިޚް ޢަބްދުލްބާރީ ޔަހްޔާ

ދުވަސްތަކުގެ ތެރެއިން ﷲ ތަޢާލާ އެންމެ މާތް ކުރައްވަވާފައިވާ ދުވަސް، ޢަރަފާތު ދުވަސް އަހަރެމެންނާއި ބައްދަލުކޮށްފިއެވެ. އަދިވެސް ބައެއް މީހުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ސުވާލުތަކެއް އުފައްދައިގެންނެވެ. އެމީހާއަށް މާޒީގައި އުޅެވިފައިވާ ގޮތުގެ ސަބަބުން، ކުރެވިފައިވާ ފާފަތައް ގިނަވުމުގެ ސަބަބުން ޢަރަފާތު ދުވަހުގެ ސަވާބު ހޯދިދާނެ ކަމާއިމެދުގައެވެ. 

މިއީ އެއްގޮތަކަށްވެސް އުފައްދައިގެންވެސް ވާނެ ސުވާލެއް ނޫނެވެ. ތައުބާވާން ބޭނުން ކޮންމެ މީހަކަށް އެ ފުރުޞަތު އަބަދުވެސް ވަނީ ހުޅުވިގެންނެވެ. މަރު ހިއްޕަވަން މަލަކުލް ވަޑައިގެން އެމީހަކާއި ބައްދަލުކުރެއްވެވުމުގެ ވަގުތާއި ހަމައަށް އެފުރުޞަތު އެންމެންނަށްވެސް ވަނީ ލިބިގެންނެވެ. ވީމާ މިއީ ސުވާލު އުފައްދަންވީ ވަގުތެއް ނޫނެވެ. ތައުބާވުމަށް އަވަސްވެގަންނަންވީ ވަގުތެވެ. 

މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައަކީ ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު އުންމީދު ކަނޑައިލުމެވެ. އެހެންކަމުން ﷲ ތަޢާލާގެ ރަހްމަތްފުޅާއިމެދު އުންމީދު ކަނޑައި ނުލުމަށް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. 

ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމާއިމެދު ޝައްކު އުފައްދުވަނީ ޝައިޠާނާއެވެ. ކުރެވިފައިވާ ފާފަތައް ގިނަކަމުން ނަރަކައިން ސަލާމަތްނުވެދާނެ ކަމުގެ ބިރު އުފައްދުވަނީވެސް ޝައިޠާނާއެވެ. އެއީ ޝައިޠާނާ އޭނާގެ ބައަށް މީސްތަކުން ގިނަކުރަން ޖަހާ އެންމެ ވަރުގަދަ ދަންތުރައެވެ. އޭނާގެ ބައިން ނެއްޓުނަ ނުދިނުމަށް އަޅުވާ އެންމެ ބޮޑު ދަންތުރައެވެ. 

ﷲ ތައާލާގެ ރަހްމަތްފުޅާއިމެދު މާޔޫސް ނުވާށެވެ! އުންމީދު ކަނޑައިނުލާށެވެ! ތައުބާވާން ބޭނުން މީހާއަށް އޮތީ އެކަމަށް އަވަސްވެގަތުމެވެ. މާދަމާއަށް މަޑުކުރުމެއް ނެތެވެ. މާދަމާ އާއި ބައްދަލުނުވެ މަރުވެދާނެ ކަމަށް ބިރުވެތިވާށެވެ!

 

- ޝައިޚް ޢަބްދުލްބާރީ ޔަޙްޔާގެ ދަރުސަކުން

މިއަދު އޮންލައިން