ދެއަތް އުފުލައިލާށެވެ! ދުނިޔޭގެ އުޑަށް މިއަދު ﷲ ފައިބައިވޮޑިގަންނަވަނީވެސ ތިބާގެ އަޑުއެއްސެވުމަށް ކަމަށް އުންމީދުކުރާށެވެ! އެދޭހައި ކަމަކުން ދަންނަވާށެވެ! ކިޔަން ހުރި ޛިކުރުތައް ކިޔުން ގިނަކުރާށެވެ!
ތިބާ ނިކަމެތި ކަމުން ދުނިޔޭގެ އެއްވެސް މީހަކު ތިބާގެ އަޑު ނުއެހި ނަމަވެސް ﷲ ތައާލާ އައްސަވައި ވޮޑިގެންވެއެވެ. ކުރެވިފައިވާ ފާފަތަކުން ތައުބާވެ ﷲ ތަޢާލާގެ ރަޙްމަތްފުޅަށް އެދި ދުޢާ ކުރީމާ ދޮނެއް ކަޅެއް ނުބައްލަވަތެވެ. ފަޤީރެއް މުއްސަންޖެއް ނުބައްލަވަތެވެ. ނަސްލީ ދަރަޖައަކަށް ނުބައްލަވަތެވެ. އަދާކުރާ ވަޒީފާއަކަށް ވެސް ނުބައްލަވަތެވެ. ޤައުމުގެ ރައީސްތޯ އެއްވެސް ވަޒީފާއެއް ނެތް މީހެއްތޯވެސް ނުބައްލަވަތެވެ.
ﷲ ތައާލާގެ ކުރިފުޅުމަތީގައި މީހާގެ ހުރިހާ މަތިވެރިކަމެއް ވަނީ އެމީހާގެ ތަޤްވާވެރިކަމުގައެވެ. އަތުގައި ހުރި ތަނަވަސްކަމެއްގައެއް ނުވަތަ ލިބިފައިވާ މަތިވެރތި މަޤާމެއް ނޫނެވެ. ވީމާ ތިމާގެ ދަރަޖައާއިމެދު ވިސްނުމެއް ނެތެވެ. ވިސްނަންވީ ހަމައެކަނި ތަޤްވާވެރިކަމާއިމެދުގައެވެ.
މިއަދަކީ މުޅި އަހަރުގެ ހުރިހާ ދުވަހެއްގެ ތެރެއިން ﷲ ތަޢާލާ އެންމެ މާތް ކުރެއްވެވި ދުވަހެވެ. ޢަރަފާތު ދުވަހެވެ. ބިމުގެ އުޑަށް ﷲ ތަޢާލާ ތަޖައްލީވެވޮޑިގެން މީސްތްކުންނާއިމެދު ފަޚުރުވެރިވެވޮޑިގަންނަވާ ދުވަހެވެ. އެންމެ ގިނަ ބައެއްގެ ދުޢާ އިޖާބަ ކުރައްވަވާ ދުވަހެވެ، އެންމެ ގިނަ ބައަކު ނަރަކައިން ސަލާމަތްކުރައްވަވާ ދުވަހެވެ.
"ޢަރަފާތް ދުވަހު ރަސޫލުﷲ صلى الله عليه وسلم އެންމެ ގިނައިން ދެންނެވި ދުޢާއަކީ
"لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ،
لَهُ الْمُلْكُ، وَلَهُ الْحَمْدُ،
وَهُوَ عَلَى كُلِّ شَيْءٍ قَدِيْر" އެވެ.
(މާނައީ: ﷲ އީ އެކަލާނގެ ފިޔަވައި ޙައްޤުގޮތުގައި އެއްވެސް އަޅުކަމެއްވެވޭ
އިލާހަކުނުވާ އެއްކައުވަންތަ އިލާހެވެ. އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ.
ވެރިކަންވަނީ އެކަލާނގެއަށެވެ. ޙަމްދުހުރީ އެކަލާނގެއަށެވެ. އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.)"