ޢަރަފާތު ބިމުގަ ފައިޖެހުމުން ގިނަ ބައެއްގެ ލޮލުން "ހޯސްލާފަ" ކަރުނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޢަރަފާތު ބިމުގަ ފައިޖެހުމުން ގިނަ ބައެއްގެ ލޮލުން "ހޯސްލާފަ" ކަރުނަ!

 

ޙައްޖު ވެރިންގެ އެންމެ މުހިންމު އެއް މަންޒިލަކީ ޢަރަފާތު ބިމެވެ. މަގުމަތީގެ ކާރޫބާރޫ ބޮޑުކަމުން މިނާއިން ޢަރަފާތަށް އައުމަކީވެސް ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން ޢަރަފާތުގެ ބިން ފެނި އެ ބިމަށް ފޯރަން އެތައް ބައިވަރު ވަގުތަކު އިންތިޒާރުކުރަން ޖެހެއެވެ. އެ އިންތިޒާރުގެ މަތީގައި ތިބޭއިރު ބާރަށް ހިތް ތެޅުމަކީ ވަރަށް ޢާންމު ކަމެކެވެ. ޢަރަފާތުގެ މާތް ބިމުގައި އަވަހަށް ފައިޖައްސާލަން ބޭނުންވާތީ ކެތް މަދުވެގެންނެވެ. 

 

- ހައްޖުވެރިން ޢަރަފާތު ފަރުބަދައަށް އަރަނީ

ކޮންމެއަކަސް ޢަރަފާތު ބިމުގައި ފައިތިލަ ޖެހުމާއިއެކު ވަރަށް މަދު މީހަކަށް މެނުވީ ރޮވޭގޮތް ވުމަކީ ވަރަށް ޢާންމުކަމެކެވެ. ވަގުތުން ދެ އަތް އުފުލައި ދުޢާކުރަން ފަށައެވެ. ހިތުގައި ހުންނަ އިޙްޞާޞްތައް ބޭރުކޮށް ހުސްކޮށްލައެވެ. ރެއިން ފެށިގެން ޢަރަފާތުގެ ބިމުން ފެންނަމުން އައީ މިފަދަ ކަންކަމެވެ. 

ރޭގެ ފަތިހަށް އަލިވިލެމުން އައިއިރު މީސްތަކުން ދިއައީ "ޖަބަލް ޢަރަފާތު" ފަރުބަދައަށް އަރަމުންނެވެ. މިހާރު ޙައްޖު ޚުޠުބާ ދެނީ މިސްކިތެއްގައި ނަމަވެސް ރަސޫލް (ޞޢވ) ޙައްޖު ވިދާޅުވެދެއްވީ އެފަރުބަދަމަތީގައި ހުންނަވައިގެން ކަމަށްވާތީއެވެ. 

އެ ގަދަ ހޫނުގައި މީހަކާއި ޖެހިގެން މީހަކު ތިބޭއިރު އެމީހުންގެ ކަރު ހިއްކާކަންވެސް ގިނަ ބައކަށް އިޙްޞާޞެއް ނުވެއެވެ. ފާޚާނާ ކުރަންވެސް ބޭނުންވަނީ ވަރަށް މަދު މީހެކެވެ. ކާން، ބޯން ވެސް ބޭނުންވަނީ ވަރަށް މަދު މީހެކެވެ. މުޅި ދުވަސް ގިނަ ބައަކު ފުއްދައިލަނީ ކުޑަކުޑަ ލުއި ކާނާ ކޮޅަކުންނެވެ.

އެމީހުންގެ ހުރިހާ ސަމާލުކަމެއް ވަނީ އަޅުކަން ކުރުމަށެވެ. ﷲ ތަޢަލާއަށް ދުޢާ ކުރުމަށެވެ. އެމީހުންނަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާ ކުރުމަށެވެ. އެމީހުންގެ ޙައްޖު ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވައި ދެއްވެވުން އެދި ދުޢާ ކުރުމަށެވެ.

 

 

 

 

 

 

މިއަދު އޮންލައިން