އިސްލާމް ދީނުގެ ޢަދުއްވުން ޤިޔާމަތާ ޖެހެންދެން ބަލިކުރައްވަވާނެއެވެ. އެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވަވައިފައެވެ.
ޞާލީހް ޢަމަލުތައް ފުރިހަމަވަނީ އެކަލާނގެ ދެއްވަވާ ނިޢްމަތްތަކުންނެވެ. ލަނޑުދަނޑިތައް ޙާޞިލުވަނީވެސް އެކަލާނމގެ ދެއްވަވާ ތައުފީޤުންނެވެ.
އިބްރާހީމްގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނު ޤްރުބާން ކުރައްވަން ﷲ ތައާލާ އެންގެވި ހިނދު އިސްމާޢީލްގެފާނު ވަނީ އެކަމުގައި ބޮޑު ދައުރެއް އަދާކުރައްވަވައިފައެވެ. އިސްމާޢީލްގެފާނު ވަނީ އެކަމަށް ފުރިހަމައަށް އެއްބާރުލެއްވުން ދެއްވަވައިފައެވެ. މިއީ މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމުގައި މިއަދުގެ ޒުވާނުން ދަސްކުރަން ޖެހޭ ފިލާވަޅެކެވެ. އިސްމާޢީލްގެފާނު ދެއްކެވީ ﷲ ތަޢާލާއަށް ކިޔަމްންތެރިކަން އަދާކުރުމަށްފަހު މައިންބަފައިންނަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރަން ޖެހޭނެ ކަމުގެ ފުރިހަމަ މިސާލެކެވެ.
ޢީދު ދުވަހު އައު ހެދުންލައި ރިވެތި ފޭރާމުން ޒީނަތްތެރިވުން އަޅުގަނޑުމެންނަށް ގޮވާލަނީ އަލުގަނޑުމެންގެ ހަށިތަކާ ޢަމަލުތައް އިސްލާމީ ރިވެތި އަޚުލާޤުން ޒީނަތްތެރިކުރުމަށެވެ. ހުވަނދުލައި މީރުވަސް ދުއްވާ ގޮތަށް، އިސްލާމީ ރިވެތި އަޚްލާޤްގެ ހުވަނދުން އަޅުގަނޑުމެންގެ މުޖުތަމައުގައި މީރުވަސް ދުއްވުމަށެވެ.
- މިއަދުގެ ޚުޠުބާއިން