ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ނަމާދުކުރި ނަމަވެސް ނަމާދުކުރާއިރު މައްކާގެ ޙަރަމަފުޅު، ކައްބާއަށް ކުރިމަތިލާން ޖެހޭ ސަބަބާއިމެދު ބައެއް މީހުން މިހާރުވެސް ސުވާލުވެސް އުފައްދައެވެ. އަދި ކަޢްބާއަށް ކުރިމަތިލާން ޖެހޭތީ ނަމާދުކުރުމަކީ ކައްބާއަށް އަޅުކަން ކުރުން ކަމަށް ޤަބޫލުކުރެވޭ ބައަކުވެސް އުޅެއެވެ.
އެހެންކަމުން މިފަދަ އޮޅުންތައް އަރާ މީހުންނަށް އޮޅުންފިލުވައި ދިނުމުގެ ގޮތުން ބުނަމެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ނަމާދެއް ކުރި ނަމަވެސް ކަޢްބާއަށް ކުރިމަތިލަނީ މުސްލިމުންގެ އެއްބައިވަންތަކަން ދެއްކުމަށެވެ. ކަޢްބާއަކީ މުސްލިމުންގެ ޤިބްލަކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވަނީ ވަކިތަނެއް ކަނޑައަޅުއްވަވާފައި ނުވާނަމަ އެމީހަކު ބޭނުން ދިމާއަކަށް ކުރިމަތިލައިގެން ތިބެ ނަމާދުކުރާނެތީއެވެ. އެކަމުގެ ސަބަބުން މުސްލިމުންގެ މެދުގައި ބައިބައިވުން އުފެދި ހަމަނުޖެހުންތައް ހިނގާނެތީއެވެ.
ކައްބާއަކީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ބިންމަތީގައި ހުރި އެންމެ ޙުރުމަތްތެރިވެގެންވާ ބިނާއެވެ. އެ ބިނާއަށް ޙައްޤު އިހްތިރާމް އަދާކުރަންޖެހެއެވެ. އަދި މިއަދާއި ހަމައަށްވެސް މުސްލިމުން ދަނީ އެކަންކުރަމުންނެވެ. އަދި މުސްތަޤްބަލުގައިވެސް އެކަން ހަމަ އެގޮތަށް ކުރާނެއެވެ. ﷲ ތަޢާލާ ކައްބާ ޙިމާޔަތް ކުރައްވަވާނެތެވެ. ފީލްބާގައިގެ މީހުން ކަޢްބާ ނެތިކޮށްލަން ދިއުމުނެ ވީގޮތް އެއޮތީ ޤްރުއާނުގައި ބަޔާން ކުރައްވަވައިފައެވެ. އެމީހުންނަށް ޢަބްދުލްމުއްތަލިބްގެފާނު ދެއްވެވި ޖަވާބުން ހުރިހާ ކަމެއް ވަރަށް ސާފެވެ. "ކަޢްބާގެ ވެރި ރަސްކަލާނގެ ކައްބާ ހިމާޔަތްކުރައްވަވާނެތެވެ."
މިބާވަތުގެ ޚިޔާލުތައް ހުށަހަޅައި ސުވާލުތައް ކޮށް މުސްލިމުންގެ ހިތްތަކުގައި ޝައްކު އުފައްދުވަން މަސައްކަތްކުރަނީ މުސްލިމުންގެ ޢަދާވާތްތެރިންނެވެ. އެފަދަ މީހުން ގާތު ބުނާށެވެ! ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައި ސައުންޑް ސިސްޓަމާއި ތާޅަފިލިތައް މިހާރު އުފައްދާފައިވުމުން އެތަކެތީގެ ބޭނުންކޮށްގެން މިއަދު ބަންގި ގޮވި ނަމަވެސް ރަސޫލް (ޞޢވ)ގެ ހަޔާތްޕުޅުގައި ބަންގި ގޮވީ ޚަޢްބާގެ އެންމެ މައްޗަށް އަރައެވެ. އަދި ބަންގީގައި ގޮވައިލަނީ ﷲ ތަޢާލާއަށް އަޅުކަން ކުރަން އައުމަށެވެ. ބަންގީގެ އެންމެ ބޮޑު އެއް ބޭނުމަކީ ވީހައި ގިނަ ބައަކު އެއްތަނަކަށް އެއްވެ ނަމާދުކުރުމެވެ. ﷲ ތަޢާލާ އަށް އަޅުކަން ކުރުމެވެ.
ވީމާ ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބެގެން ނަމާދުކުރި ނަމަވެސް ކައްބާއަށް ކުރިމަތިލަނީ މުސްލިމުންގެ އެއްބައިވަންތަކަން ހާމަކުރުމަށެވެ. އަދި ބޮޑު ޖަމާއަތް ހަދައިގެން ނަމާދުކުރަނީވެސް ހަމަ އެސަބަބަށްޓަކައެވެ. މުސްލިމުންގެ އެއްބައިވަންތަކަން ހާމަކުރުމަށެވެ. އަދި ޙައްޖުވުމަށް އަހަރުގެ ބަޔާންވެގެންވާ ދުވަސްތަކެއްގައި ދުނިޔޭގެ ހުރިހާ ޤައުމުތަކުގެ މުސްލިމުން މައްކާއަށް ދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް މުސްލިމުންގެ އެއްބައިވަންތަކަން ހާމަކޮށް ދައްކައިދިނުމެވެ.
- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން