އަހަރެމެންނަކީ ލެޓިނާ އިންނެވެ. ކަޅު ނަސްލުގެ ބައެކެވެ. ޢާއިލާގެ ދީނަކީ ކްރިސްޓިއަން ކެތަލިކް އެވެ. އަހަރެންގެ ބައްޕައަކީ އެމެރިކާގެ ސިފައިންގެ މީހެކެވެ. އަހަރެމެން އެމެރިކާއަށް ބަދަލުވީ އަހަރެންގެ އުމުރުން އެންމެ 6 އަހަރުގައެވެ.
އަހަރެންނަށް ފައްޅި ކަމަކު ނުދެއެވެ. އެތަނުގައި ހުންނަ ކުރެހުންތަކާއި އެހެން ވެސް ތަކެތި ފެނުމުން ހިތަ ހަމަ ނުޖެހޭތީ އަދި އެތަކެތިން ނުތަނަވަސްކަން ލިބޭތީ އެވެ.
އަހަރެން އިސްލާމް ވުމުގެ ޚިޔާލު އައީ ފެނުނު ފިލްމަކުންނެވެ. އެއީ މެލްކަމް އެކްސް އެވެ. އެހިސާބުން އޭނާގެ ބައިގްރަފީ ގަނެގެން ވަރަށް ޝައުޤުވެރިކަމާއިއެކު ކިޔައިލީމެވެ. އިސްލާމް ދީން އަހަރެންނަށް ވަރަށް ކަމުދިއައެވެ. އެހެންކަމުން އިސްލާމް ދީނުގެ ކަންކަން ދަސްކުރަން ވަރަށް ބޮޑަށް ޝައުޤުވެރިވިއެވެ.
އިސްލާމް ދީނާއިބެހޭ ގޮތުން ކަންކަން އޮޅުން ފިލަންފެށީ މަތީ ސާނަވީ މަރުހަލާގައި ބައްދަލުވި މިޞުރުގެ ކުއްޖަކާއި އޭނާގެ ޢާއިލާއިންނެވެ.
އެއިރު ރަސްމީކޮށް އަހަރެން އިސްލާމެއް ނުވަމެވެ. ނަމަވެސް އިސްލާމްވުމަށް ޝައުޤުވެރިވަމެވެ އަހަރެން ދިއައީ އިސްލާމް ދީނުގެ ކަންކަން ދަސްކުރަމުންނެވެ. އަހަރެންނަށް އެންމެ ފުރަތަމަ ދެވުނީ ޢީދު ނަމާދަކަށެވެ. އެއިރު މިސްކިތަކީ ކޮންތަނެއްކަމާއި ނަމާދަކީ ކޮބައިކަމެއްވެސް އަހަރެންނަކަށް ނުއެނގެއެވެ. މިޞުރުގެ ރައްޓެހި އަންހެން ކުއްޖަކާއިއެކު ދިއައީ އެވެ. މިސްކިތަށް އަރަން ނިވައިވަން ޖެހޭކަންވެސް އެނގުނީ އެދުވަހުއެވެ.
އެރޭ އަހަރެން ނިދީ ރައްޓެހި ކުއްޖާ އާއިއެކުގައެވެ. އެއިރު އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިއައީ ﷲ އަކްބަރުގެ އަޑެވެ. އެ އަޑާއި ހުރެ ނުނިދިގެން އަހަރެން ޝީބާއަށް ގޮވައި ހޭލެއްވީމެވެ. އަދި ﷲ އަކްބަރު އެއީ ކޮން އެއްޗެއްތޯ ސުވާލުކުރީމެވެ. ﷲ އަކްބަރުގެ މާނަ އެނގުނީ ޝީބާ ބުނެދިނުމުންނެވެ.
އަހަރެން ރަސްމީކޮށް ޝަހާދަތް ކިޔައި އިސްލާމްވީ އެއިގެ މާފަހުންނެވެ.
އަހަރެން ކައިވެކުނިތާ މިހާރު 7 އަހަރެވެ. އަހަރެމެން ދެމަފިރިންނަކީ މިހާރު އިސްލާމް ދީނަށް ގޮވައިލާ ދެމީހުންނެވެ. މާސްމީޑިއާގައި ވަކާލާތުކޮށް މިގެންދަނީ އިސްލާމް ދީނުގެ މައުލޫމާތު ފަތުރައި އިސްލާމް ދީނަށް ގޮވައިލަމުންނެވެ.
އަހަރެން މިހާރު މަސަކަތް މިކުރަނީ އިސްލާމް ދީނުގެ މައުލޫމާތު ލިބިފައިނުވާ މީހުންނަށް ދީނީ މައުލޫމާތު ފެތުރުމަށް ފޮތާއި އެހެނިހެން މައުލޫމާތު ފޯރުކޮށްދޭނެ މަގު ތަނަވަސްކުރަން މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މިއީ ޢުންމު ޢުޘްމާން ކިޔާ އަންހެނަކު އިސްލާމްވި ގޮތުގެ ވާހައިން ވަރަށް ކުރު މިންވަރެކެވެ. ވީޑިއޯ ބައްލަވައި އަޑު އައްސަލައި ލައްވާށެވެ! އަދި އިސްލާމް ދީން ފަތުރަން ތިމާއަށް ކުރެވެނީ ކޮން ކަމެއް ކަމާއިމެދުވެސް ވިސްނައިލާށެވެ!
ވީޑިއޯ: