ޢީދުގައި ގިނަ ބައަކު ގިނަ ވަގުތުތަކެއް އެކުވެރިންނާއިއެކު ހޭދަކުރެއެވެ. ކުޅިވަރުތައް ބެލުމަށާއި ކައިބޮއި ހެދުމަށެވެ. އަދި އެނޫންވެސް ކަންކަމުގައެވެ. އެހެންކަމުން ޢީދަކީ ގިނަ ބައަކު އެންމެ ގިނަ ވަގުތުތައް އެކުވެރިންނާއިއެކު ހޭދަކުރާ ދުވަސްތަކެވެ.
ޢީދުތަކުގައި މިހާރު މިފެންނަ ގިނަ ކަންތައްތަކަކީ އިސްލާމް ދީން ހުއްދަކުރާ ކަންތައްތަކެއް ނޫނެވެ. އިސްލާމް ދީން ހުއްދަ ނުކުރާ އެތައް ކަންތައްތަކެއް ދަނީ ކުރަމުންނެވެ. އެހެން އެވަނީ މުސްލިމުންގެ ނަމުގައި ތިބި ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭތީއެވެ. ޝައިޠާނާއަށް އިސްކަން ދެވޭތީއެވެ.
ވީމާ ޢީދުގައި ވެސް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައި ނުވާ ކަންކަން ނުކުރުމަށެވެ. ޢީދު އުފާގެ ނަމުގައި ކުރި ނަމަވެސް، ކިތަންމެ ގިނަ ބައަކު އެކުވެގެން ކުރި ނަމަވެސް، ކިތަންމެ ބޮޑު ތަރުޙީބެއް ލިބުނު ނަމަވެސް އެކަންކަމުގެ ސަބަބުން ﷲ ތަޢާލާގެ ޙުކުމްފުޅަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. ޙަރާމް އޮންނާނީ ޙަރާމްގެ ގޮތުގައެވެ. ޙަރާމް އެއްވެސް ކަމެއް ހުއްދައެއް ނުކުރެވޭނެއެވެ.
ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައި ނުވާ ކަންކަން ޢީދު އުފާގެ ނަމުގައި ކުރި ނަމަވެސް، ކިތަންމެ ގިނަ ބައަކު އެކުވެގެން ކުރި ނަމަވެސް، ކިތަންމެ ބޮޑު ތަރުޙީބެއް ލިބުނު ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން އެކަމަކަށް ދެއްވަވަން އޮތް ޢަޛާބު ދެއްވަވާނެއެވެ. އެއީ އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫނެވެ.
ވީމާ ޢީދުގެ ކަންކަމުގައި ބައިވެރިވާއިރު ބަލަންވީ އެކަމުގައި ބައިވެރިވާ މީހުންގެ އަދަދަކަށް ނޫނެވެ. އެކަމަކަށް އޮތް ތަރުޙީބަކަށް ނޫނެވެ. ބަލަންވީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެއްތޯއެވެ. މިޔުޒިކާއި ޑާންސްކުރުމާއި ދެޖިންސުން މަސްހުނިވެގެން ކުރާ ކަންކަމަށް ތަރްޙީބުދީ ބަލަން ދިއުމަކީވެސް އެކަންކަމުގައި ބައިވެރިވުމެވެ. އެކަންކަން ކުރުމެވެ.
ކިތަށް ނައިޓް ކްލަބަށް، ނޫނީ މިޔުޒިކް ޝޯތަކަށް ހޮނު އަޅައިފި ހެއްޔެވެ؟ މަރުވަނީ މިޔުޒިކް ކުޅެން ތިބޭ މީހުން ހެއްޔެވެ؟ ބަލަން ތިބޭ މީހުން ހެއްޔެވެ؟ ޢިބްރަތް ޙާޞިލުކުރާށެވެ! ކޮންމެ މިޔުޒިކް ޝޯއަކަށް ހޮނު ނުއެޅުއްވެވުމަކީ އެ ޝޯ ހުއްދަކުރެއްވެވުން ކަމަށް ނުވިސްނާށެވެ! ރުޅި އަންނަ ބައަކު ރުޅިއަންނާށެވެ! ކަން އޮތީ މިފަދައިން ނޫން ކަމަށް ނުހެދޭނެއެވެ!
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން