ކުށެއް ކުރެވިއްޖެކަން އެނގޭއިރުވެސް ކުށް ޤަބޫލުކޮށް މާފަށް އެދުމަކީ ބައެއް މީހުންނަށް ކުރަން ވަރަށް ދަތި އުނދަގޫ ކަމެކެވެ. އެއީ އެމީހުންގެ ކިބައިވާ ބޮޑާ ކަމާއި ކިބުރުވެރިކަން ބޮޑުކަމުންނެވެ.
އެފަދަ މީހުންނަށް ބައަކު ވިސްނައިދިން ނަމަވެސް މަޢާފަށް އެދެން ބޭނުމެއް ނުވާނެއެވެ. އެމީހުންނަށް ކުރެވުނު ކުށް ހާމައަށް ފެންނަން ހުރި ނަމަވެސް މެއެވެ.
މިފަދަ މީހުން ބިރުވެތިވާށެވެ! އެމީހެއްގެ ހިތުގައި ޒައްރެއްގެ މިންވަރަށްވެސް ކިބުރުވެރިކަމާއި ބޮޑާކަން އޮތް މީހަކަށް ސުވަރުގޭގެ ވަސްވެސް ނުފެންނާނެއެވެ.
ވީމާ ޢާއިލީ ދިރިއުޅުމުގައި ކަމަށްވީނަމަވެސް ކުށެއް ކުރެވިއްޖެނަމަ ބޮޑާވެ މަޢާފަށް ނުއެދި ނުހުންނާށެވެ! އެއްވެސް އިންސާނަކީ އަނެއް އިންސާނަކަށްވުރެ މަތީގައި ހުރި މީހެއް ނޫނެވެ. ތަޤްވާވެރިކަމުން މެނުވީއެވެ. ތަޤްވާވެރިކަމުން ކުރީގައި ހުރި މީހެއްގެ ހިތުގައި ބޮޑާކަމެއް ކިބުރުވެރިކަމެއް އޮވެގެން ނުވާނެއެވެ. އޮވެއްޖެ ނަމަ ތަޤްވާވެރިކަން ލިބިފައިވާ މިންވަރާއިމެދު ސުވާލު އުފެދޭނެއެވެ.
"ﷲ އަށް ދޮގުހެދިމީހުންގެ މޫނުތައް އަނދިރިވެގެންވާތީ، ޤިޔާމަތް ދުވަހުން ކަލޭ ދެކޭނޫއެވެ. ކިބުރުވެރިން ތިބޭނެތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟" (އައްޒުމަރު: 60)
"އަންގަވާހުށްޓެވެ. އެތާނގައި ދެމިތިބެނިވިގޮތުގައި، ތިއަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ (އެއީ) ކިބުރުވެރިވެގެންވާމީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ." (އައްޒުމަރު: 72)
"އެއުރެންނީ، ﷲ ގެ އާޔަތްތަކާމެދުގައި އެއުރެންނަށް ލިބިފައިވާ އެއްވެސް ދަލީލަކާނުލައި ޖަދަލުކުރާ މީހުންނެވެ. ﷲ ގެ ޙަޟްރަތުގައްޔާއި، އީމާންވިމީހުންގެ ގާތުގައި އެކަމަށްހުރި ނުރުހުން ބޮޑުވެގެންވެއެވެ. ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި ﷲ ސިއްކަގައްސަވަނީ އެފަދައިންނެވެ." (އަލްޣާފިރު: 35)
"އަދި އާދަމްގެފާނަށް ތިޔަބައިމީހުން ސަޖިދަ ކުރާށޭ ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! ފަހެ، އިބްލީސް ފިޔަވައި، އެ މަލާއިކަތުން ސަޖިދަކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަނެ، ކިބުރުވެރިވީއެވެ. އަދި ކާފިރުންގެ ތެރެއިން އެކަލޭގެވިއެވެ." (ބަޤަރާ: 34)
--މުފްތީ މެންކުގެ ދަރުސަކުން