ޙަޤީޤީ ލޯބި ހާމަކޮށްދޭ އެންމެ މާނަފުން ޢިބާރާތްކަމަށް ވިދާޅުވެ ޝައިޚް އިލްޔާސް ޖަމާލް ހާމަކުރައްވާފައިވަނީ އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅަށް ދެއްވެވި ނަޞޭޙަތްފުޅެވެ. "އޭ ބައްޕާއެވެ! ހަމަކަށަވަރުން، ރަޙްމާން ވަންތަ ރަސްކަލާނގެ ޙަޟްރަތުން ޢަޛާބެއް އައިސް، ބައްޕައަށް ޖެހިދާނެކަމަށް އަހުރެން ބިރުގަނެއެވެ. އޭރުން ބައްޕަ ވާހުށީ، ޝައިޠާނާގެ އެހީތެރިއެއް ކަމުގައެވެ." (މަރްޔަމް: 45)

ޝައިޚް އިލްޔާސް ޖަމާލުގެ މިބަސްފުޅުން އެނގެނީ ބަންގީގެ އަޑު އިވޭކަމަށް ނުހަދައި ކޮފީ މޭޒުތަކުގައި ތިބޭ މީހުންނަކީ ޙަޤީޤީ އެކުވެރިން ނޫންކަމެވެ. ފާފަތަކާއި ފާފައަކަށް ވެދާނެ އެއްވެސް ކުރުމަށް ތިބާއަށް މަގުފަހިކޮށްދޭ އެއްވެސް މީހަކީ ތިބާގެ ޙަޤީޤީ އެކުވެރިއެއް ނޫން ކަމެވެ. އާޚިރަތް ދުވަހު ނަރަކައިން ތިބާ ސަލާމަތްކުރަން މަސައްކަތް ނުކުރާ އެއްވެސް މީހަކީ ޙަޤީޤީ އެކުވެރިއެއް ނޫން ކަމެވެ. އަދި އެފަދަ އެއްވެސް މީހަކީ ތިބާއަށް ހެޔޮ އެދޭނެ މީހެއް ނޫން ކަމެވެ.