ކީރިތި ޤްރުއާނަށާއި ރަސޫލް (صلى الله عليه وسلم) ގެ ސުންނަތަށް އިންކާރުކޮށް ގަދަ ބަސް ބުނާ ބައަކު އެބަ އުޅެއެވެ. އެމީހުންނަށް އެމީހުން ދުނިޔެއަށް ފޮނުއްވެވުނު ގޮތް ވެސް އެނގޭ ކަމަކަށް ނުވެއެވެ. އެމީހުން ދުނިޔެއަށް ފޮނުއްވެވީ ﷲ ތަޢާލާ ކަމަށް އެމީހުން ޤަބޫލެއް ނުކުރެއެވެ.
އެފަދަ މީހުންނާއިމެދު ﷲ ތަޢާލާގެ ވަހީ ބަސްފުޅު ވަރަށް ސާފެވެ. "އެ އިންސާނާ މީގެކުރިން މައުޖޫދުވެގެންވާ އެއްޗެއްކަމުގައި ނުވާ ޙާލް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާ ހެއްދެވިކަން އޭނާ ހަނދާން ނުކުރަނީހެއްޔެވެ؟" (މަރްޔަމް: 67) މިނޫންވެސް އެތައް އާޔަތެއްގައި މިކަން ވަނީ ބަޔާން ކުރައްވަވައިފައެވެ.
ތިއަ ބުނާ ބަހުގައި އެއްވެސް ބާރެއް ހުރިނަމަ ނިކަން މަރުވެބަލާށެވެ! މަރުވުމަށްފަހު އަލުން ދުނިޔެއަށް އައިސްބަލާށެވެ! އަލުން ދުނިޔެއަށް އައިސް ތިމަން މިހުރީ އަލުން ދުނިޔެއަށް އައިސް ކަމަށް ބުނެ އެކަމުގެ ހެކި ދައްކައިބަލާށެވެ!
ކީރިތި ޤްރުއާނަކީ ތެދުކަން މުޅި ދުނިޔެ ވެސް ޤަބޫލުކުރެއެވެ. އެހެނީ ކީރިތި ޤްރުއާން ޤަބޫލު ނުކުރާ މީހުންނަށް ވެސް އެފޮތުން އެއްވެސް އުނިކަމެއް ނުދެއްކެއެވެ. އެފޮތުގައިވާ އެއްވެސް ކަމެއް ދޮގެއް ނުކުރެވެއެވެ. ސައިންސްވެރިން ހޯދިވަރަކަށް ފެންނަމުންދަނީ އެފޮތުގައި ބަޔާން ވެގެންވާ ކަންކަމުގެ ތެދުކަމެވެ. ހަމަ އެންމެ ކަމެއްވެސް ދޮގު ނުކުރެވުމުން އަންގައިދެނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކުގެ ތެދުކަމެވެ.
ގަދަ ބަސް ބުނާ މީހުންނަށް ކުރެވޭ ހަމައެކަނި ކަމަކީ ކީރިތި ޤްރުއާން ޤަބޫލު ނުކުރާ ކަމަށް ބުނެއެވެ. އިރު އެރުމުންވެސް ރޭގަނޑުކަމަށް ބުނާ ފަދައިންނެވެ. އެފަދަ ބަސްތައް ބުނެވެނީވެސް ﷲ ތަޢާލާ އެކަމަށް ފުރުޞަތު ދެއްވަވާތީއެވެ. އެމީހެއްގެ ދޫ ބަންދުކުރައްވަވައިފިނަމަ އެދުލުން ހަމަ އެންމެ ބަހެއްވެސް އިތުރަކަށް ނުބުނެވެއެވެ.
މުސްލިމް ޒުވާނުންނޭވެ! ހޭލާށެވެ! ކަންކަމަށް ފިކުރު ހިންގާށެވެ! ޙައްޤާއި ބާޠިލު އަމިއްލައަށް ވަކިކުރަން ނުއެނގޭނަމަ ޙާޞިލުކުރާ ޢިލްމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން