ﷲ ތަޢާލާ ގުޅުން އުފައްދަން ޖެހޭ ވަރަށް ގުޅުން އުފެއްދިއްޖެ ނަމަ ތިބާގެ ސިކުނޑި އަބަދުވެސް އޮންނާނީ ހަމަޖެހިގެންނެވެ. އުނދަގޫވާނެ އެއްވެސް ކަމެއް ކުރިމައްޗެއް ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ ފޭރާން ތިބާގެ ހަންގަނޑު ނިވައިކޮށްދޭ ފަދައިން ތިބާގެ އުނިކަންކަން ﷲ ތަޢާލާ ފޮރުއްވަވައި ދެއްވަވާނެތެވެ.
އެއިރުން މީސްތަކުންނަށް ތިބާގެ ކިބައިން ފެންނާނީ ރަނގަޅު ސިފަތަކެވެ. އުނި އެއްވެސް ކަމެއް ނުފެންނާނެއެވެ.
ވީމާ ތިބާއަކީ މީސްތަކުންގެ ތެރޭގައި ފުރިހަމަ މީހަކަށް ވުމަށް ވެސް ކުރަން އޮތް ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ. ﷲ ތައާލާ އާއި އޮންނަން ޖެހޭ ގުޅުންތައް ބަދަހިކުރުމެވެ. އެކަންކަން ޙާޞިލުކުރެވޭނީ ހަމައެކަނި ތަޤްވާވެރިކަމުންނެވެ. ކޮންމެ މީހަކަށް އެންމެ މުހިންމު ކަމަކީ ތަޤްވާވެރިކަން ކަމުގައި ވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ.
ތަޤްވާވެރި ވެވޭނީ އިސްލާމް ދީނަށް އަމަލުކޮށްގެންނެވެ. ކީރިތި ޤްރުއާނަށް ޢަމަލުކޮށްގެންނެވެ. މަޝްހޫރު މީހުންގެ ފަހަތުން ހިނގައި އެމީހުންގެ ވަށައިގެން މުގޯލި އަޅައިގެނެއް ނޫނެވެ. އެގޮތުން ހޯދޭ ކުރިއެރުން ދަމަހައްޓަން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް ދާދި އަވަހަށް އެމީހަކާއި ވަކިވެގެންދާނެއެވެ. އެމީހަކު ދަމަހައްޓަން ބޭނުންނަމަ ވަކިވެގެން ނުދާނީ ހަމައެކަނި ތަޤްވާވެރިކަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން