ނަރަކައިގެ ޢަޛާބަށް ތިއަ އެދެނީ ހަމަ ކެތްކޮށްލެވޭނެތީ ހެއްޔެވެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ނަރަކައިގެ ޢަޛާބަށް ތިއަ އެދެނީ ހަމަ ކެތްކޮށްލެވޭނެތީ ހެއްޔެވެވެ؟

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ﷲ ތަޢާލާ ޢަޛާބު ދެއްވެވުމަކީ އެމީހަކަށް ދެއްވަވާ އަނިޔާއެއް ކަމަށެވެ. ނަމަވެސް ޙަޤީޤަތް މުޅިން ތަފާތެވެ. ކޮންމެ ޢަޛާބެއް ވެސް ދެއްވަވަނީ އެމީހަކު އެކަމަށް އެދުމުންނެވެ. ސުވާލަކީ ނަރަކައިގެ ޢަޛާބަށް ތިއަ އެދެނީ ހަމަ ކެތްކޮށްލެވޭނެތީހެއްޔެވެ؟  

އެގޮތަށް ބުނަން މިޖެހެނީ ތައުބާވުމަށް އެތައް ބައިވަރު ފުރުޞަތުތައް ދެއްވެވުމުން ވެސް ތައުބާ ނުވެ ފާފަކުރުންމަތީގައި ދެމިހުރުމަކީ އެމީހަކު އަމިއްލައަށް ޢަޛާބު ލިބިގަތުން ކަމުގައިވާތީއެވެ. ވަރަށް ސާފުބަހުން ކީރިތި ޤްރުއާނުގެ އެތައް ތަނެއްގައި ﷲ ތަޢާލާ ވަހީ ކުރައްވަވާފައިވަނީ ފާފައެއް ކުރެވިއްޖަނަމަ އަވަހަށް ތައުބާ ވުމަށެވެ. އަދި އެމީހަކަށް ކުރެވިފައިވާ ފާފަތައް ގިނަކަމުން ކަނޑުގެ ލޮނުގަނޑާއި އެއްވަރު ނަމަވެސް އަދި އެއަށްވުރެ ގިނަ ނަމަވެސް  ފުއްސަވައި ދެއްވާނެ ކަމާއި އެކަމަށް ކުރަންވީ ކަންކަން ވަނީ ބަޔާންކޮށްދެއްވަވައިފައެވެ.  

ފާފަފުއްސަވައި ދެއްވެވުން އެދި ކުރަން ހުރި ކަންކަން ނުހަނު ލުއި ފަސޭހަކަމާއިއެކު ކުރެވޭނެ ގޮތްތައް ބަޔާންކޮސްދެއްވަވާފައިވުމުން ވެސް އެ ފުރުޞަތުތަކުގެ ބޭނުން ނުހިފައި މިތިބެނީ ހަމަ ޢަޛާބު ލިބިގަންނަން އަމިއްލައަށް ބޭނުންވާތީ ނޫން ހެއްޔެވެ؟  

ރަނގަޅަށް ވިސްނައިގެން އަޑުއަހައިލާށެވެ!  

ބައެއް މީހުން ދެކޭ ގޮތުގައި ފާފަ ކުރުމުން އަޒާބު ދެއްވަވަނީ ހަމަ ހެޔޮ އަމަލުތަކަށް ސަވާބު ދެއްވަވާ ވެސް އުޞޫލުންނެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ﷲ ތަޢާލާ އަކީ ދީލަތިވަންތަ، އޯގާތެރިވަންތަ އިލާހްއެވެ. އެހެންކަމުން ސަވާބު ލިބޭނެ އެތައް ހާސް މަގުތަކެއް ވަނީ އިތުރުކޮށް ދެއްވަވައިފައެވެ.  

އެއްވެސް ޝައްކެއް ނެތެވެ. ފާފަ ކުރާނަމަ ނަރަކައަށް ދާންޖެހޭނެއެވެ. އެހެނަސް ނަރަކައިން ސަލާމަތްވުމަށް ހާދަ ގިނަ ފުރުޞަތުތަކެއް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ހެޔޮ އަމަލުތައް ކުރަން ބޭނުންވާ މީހާއަށް އެކަމުގެ ފުރުޞަތުތައް އޮތީ ހާދަ ފަހިކޮށެވެ. ކުރެވޭ ފާފަ ފާފައަކަށްވެ ޢަޒާބު ލިބޭ ޙާލަތަށް މިދަނީ އެކަމުން ސަލާމަތްވުމަށް ހާދަ ގިނަ ފުރުޞަތުތަކެއް ދެއްވެވުމަށްފަހުގައެވެ. 

ނިކަން ވިސްނައިލަމާހެއްޔެވެ؟ 

ﷲ ތަޢާލާގެ ދީލަތިވަންތަކަމާއިމެދު ނިކަން ވިސްނައި ފިކުރުކޮށްލަބަލާށެވެ! މީހަކު ހެޔޮ ކަމެއް ކުރަން ހިތަށް އެރުވި ނަމަވެސް އެކަން އެބަ ލިޔުއްވަވައެވެ. ހެޔޮ ކަމެއް ކުރިކަމުގެ ޘަވާބު އެބަ ލިޔުއްވަވައެވެ. އެ އަމަލު އެމީހާ ކޮށްފިނަމަ އެތައް ގުނައެއް އިތުރަށް އެބަ ޘަވާބު ދެއްވަވައެވެ. 

މި ބަހުގެ މާނަ އޮޅުވައި ނުލާށެވެ! މީގެ މާނައަކީ އެއްވެސް ހެޔޮ އަމަލެއް ނުކޮށް  ހުރެ ހަމައެކަނި ހެޔޮ ކަންކަން ކުރަން ނިޔަތް ގަނެގެން ނަރަކައިން ސަލާމަތްވާނެ ވާހަކައެއް ނޫނެވެ. 

ހަމަ އެއާއިއެކު ތައުބާ ވުމުގެ ފުރުޞަތަކީ އަބަދުވެސް ހުޅުއްވަވައިލައްވަވާފައިވާ ފުރުޞަތެކެވެ. އިޚްލާޞްތެރިކަމާއިއެކު ފުރިހަމަ ތައުބާއަކުން ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފެށުމުން ކުރިން ކުރެވުނު ފާފަތަކަކީ ކުރެވުނު ހެޔޮ އަމަލުތަކަށްވެސް ބަދަލުވެގެން އެބަދެއެވެ. 

ހެޔޮ ކަންކަމަށް މިފަދަ މަތިވެރިކަން ހުރި ނަމަވެސް ފާފަ ޢާއިމެދު ކަންކަން މިވަނީ މުޅިން ތަފާތު ގޮތަކަށެވެ. ފާފައެއް ކުރަން ހިތުގައިލި ނަމަވެސް އެކަމެއް ނުލިޔުއްވަވައެވެ. ލިޔުއްވަވަނީ އެފާފައެއް ކުރުމުންނެވެ. އެ ފާފައެއް ކުރުމަށްފަހު ތައުބާވެސް ނުވިނަމައެވެ. އެހެނީ ފާފައެއް ކުރެވުނު ނަމަވެސް އެކަމަކުން ތައުބާވޭތޯ ބެއްލެވުމަށް މަލާއިކަތުން 6 ގަޑިއިރު އިންތިޒާރު ކުރައްވަވައެވެ. ފާފަކުރިކަމަށް ލިޔުއްވަވަނީ އެހައި އިރުވާއިރުވެސް ތައުބާ ނުވި ނަމައެވެ.

ވީމާ ކުރެވޭ ފާފަތަކާއިމެދު ކަންކަން ހިނގާ ގޮތާއި ހެޔޮ އަމަލުކުރުމުން ކަންކަން ހިނގާ ގޮތާއި އަޅާބަލައިފިނަމަ އުޑާއި ބިމާހައި ބޮޑު ތަފާތު އެބަހުރި ނޫން ހެއްޔެވެ؟ ވީމާ އަހަރެމެން ކޮންމެ މީހަކަށްވެސް އޮތީ ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފަން ގަދައަޅައި މަސައްކަތް ކުރުމެވެ.   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން