ތިމާގެ އިހްމާލެއް ނެތި، ނިޢްމަތެއް އަނބުރާ ގެންދަވައިފިނަމަ ދެން ދެއްވަވާ ނިޢްމަތް މާމަތިވެރިކަމުގެ ހެކި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
ތިމާގެ އިހްމާލެއް ނެތި، ނިޢްމަތެއް އަނބުރާ ގެންދަވައިފިނަމަ ދެން ދެއްވަވާ ނިޢްމަތް މާމަތިވެރިކަމުގެ ހެކި!

ގިނަ ބައެއްގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ދެއްވަވާ ބައެއް ނިޢްމަތްތައް އެމީހުންގެ އަތުން ބީވެގެން ދިއުމެވެ. އެފަދަ ހާލަތުގައި ވިސްނައިލަން ޖެހޭނެ ފުރަތަމަ ކަމަކީ ތިމާއަށް ދެއްވެވި ނިޢްމަތަށް ފުރިހަމައަށް ޝުކުރުކުރެވުނުތޯއެވެ؟ ނިޢްމަތްތައް ދެއްވެވި ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް ފުރިހަމައަށް އަދާ ކުރެވުނުތޯއެވެ. 

ހަމަ ކުޑަކުޑަ މިސާލެކެވެ. ﷲ ތަޢާލާ ތިއައިން އެއްވެސް މީހަކަށް އަންތބެއް މިންވަރުފުޅު ކުރައްވަވަނީ އަނބި މީހާ ގޭގައި ބައިންދާފައި ގޮސް ރައްޓެހިންނަށް ޚަރަދުކުރާކަށް ނޫނެވެ. އަދި ރައްޓެހިންނާއިއެކު ވަގުތު ހޭދަކުރާކަށްވެސް ނޫނެވެ.

ތިބާ ދިއައީ ތިބާގެ މަސްއޫލިއްޔަތު އަދާކުރަމުންނެވެ. އަނބިމިހާއަށް އަދާކުރަންޖެހޭ ހުރިހާ ޙައްޤުތަކެއް އަދާކުރަމުންނެވެ. އެހެންކަމާއިއެކުވެސް އަނބިމިހާ ގެއްލިގެން ދިއައީއެވެ. ޔަޤީންކުރަންވީ ކަމަކީ އެކަމުގެ ބަދަލު މިދުނިޔޭގައިވެސް ﷲ ތަޢާލާ ދެއްވަވާނެ ކަމެވެ.

މިކިޔައިދޭ ހާދިސާއިން ޢިބްރަތް ޙާޞިލުކުރާށެވެ. 

އޭނާއަކީ ޒުވާނެކެވެ. ކިޔަވައިގެންހުރި ޒުވާނެކެވެ. ވަޒީފާވެސް އަދާކުރާ މީހެކެވެ. ނަމަވެސް ފައިސާވެރިއެއް ނޫނެވެ. ޢާއިލީ މުއްސަނދި ކަމެއްވެސް ނެތެވެ. އަދި އޭނާއަކީ ބަބުރެކެވެ. އެހެންވީމާ ދޮނެއްވެސް ނޫނެވެ. ނަތީޖާއަކީ ކައިވެނިކުރާނެ އަނހެންކު ނުލިބުމެވެ. ކޮންމެ ޢާއިލާއަކުންވެސް ބުނަމުން ދިއައީ އެމީހުންގެ ދަރިފުޅާއި ކައިވެނި ކުރުމަށް ކުފޫ ހަމަ ނުވާކަމަށެވެ.  

އެގޮތުގައި ގިނަ ދުވަސްތަކެއް ފާއިތުވެ ކައިވެންޏެއް ކުރެވުމުގެ އުންމީދު މުޅިންހެން ގެއްލިފައި ވަނިކޮށް ކައިވެންޏެއް ކުރެވޭނެ މަގު ފަހިވެ ކައިވެނިކުރެވުނެވެ. ދެމަފިރިން އުފަލުގައި އުޅެމުން ދަނިކޮށް ބަލިވެ އިނދެއްޖެއެވެ. ދަރިފުޅަކު ލިބުމުގެ އުފާވެރި އުންމީދުގައި ހުއްޓައި ވިހެއުމުގެ ތެރޭގައި ދެމައިން އެކުގައި މަރުވީއެވެ.  

މިހާލަތުގައި އޭނާއަށް ކުރިމަތިވާނެ ހިތްދަތިކަމާއި ހިތާމަވެރިކަން ނިކަން އިޙްޞާޞްކޮށްބަލާށެވެ! އެހައި ހާލުން ލިބުނު އަނބިމީހާ ގެއްލިގެން އެދިއައީ ލިބެން އުޅުނު ދަރިފުޅާއިވެސް އެކުގައެވެ. ނިކަން ބުނެބަލާށެވެ. އެހާލުގައި ހަތަރު އުދަރެސް ފެނު ނުޖެހޭނީ ކާކުގެ ހެއްޔެވެ؟ މިހާރުގެ ބަހުރުވައިން ނަމަ ދުނިޔެއިން މޮޔަ ނުވާނީ ކާކު ހެއްޔެވެ؟  

އެހާލަތުގައިވެސް إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ކިޔުން ފިޔަވައި އިތުރު އެއްވެސް ބަހެއް ނުބުނެއެވެ. ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތައް އަނބުރައި ގެންދެވީ ކަމަށް ޤަބޫލުކޮށް ޙަމްދުކޮށް ޝުކުރުކޮށްގެން ހުރީއެވެ. މާޔޫސްވެ ގެއަކު ނުއޮވެއެވެ. އުޅެމުން ގެންދިއައީ ހަމަ ޢާންމު ދިރިއުޅުމެވެ. އެދި ދުޢާކުރަމުން ގެންދިއައީ ބާއްޖަވެރިކަމާއި ކުރިއެރުން ދެއްވެވުމަށެވެ. ދުނިޔެއަށްވުރެ އާޚިރަތް ބާއްޖަވެރިކޮށްދެއްވެވުން އެދިއެވެ. ކުރީގެ އަނބިމީހާޢަށްވުރެ ރަނގަޅު އަންބަކާއި ގިނަ ދަރިންތަކެއް ދެއްވެވުމަށެވެ.  

ނަތީޖާއަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ މިއަދު އޭނާއަށް ވަނީ މާތްވެގެންވާ މަދީނާއަށް އައުދެވިފައެވެ. މަދީނާގެ އަހުލުވެރިއަކާއި ކައިވެނި ކުރެވިފައެވެ. ދަރިން ލިބިފައެވެ. އުޅެމުން ގެންދަނީ އުފާވެރި ދިރިއުޅުމެކެވެ.

މިއީ ވަރަށް ޢިބްރަތްތެރި ވާހަކައަކަށްވާތީ ވަރަށް ގިނަ ދީނީ ޢިލްމުވެރިން މިވާހަކަ ވިދާޅުވެދެއްވައެވެ. މިވާހަކައިން ޙާޞިލްކުރަން ޖެހޭ ޢިބްރަތަކީ ކިތަންމެ ބޮޑު ހިތްދަތިކަމެއް ކުރިމަތިވި ނަމަވެސް އެކަން މެދުވެރިވީ ﷲ ތަޢާލާ މެދުވެރި ކުރެއްވެވުމުންކަން ޤަބޫލުކުރުމެވެ. ނިޢްމަތެއް ދެއްވެވުމަށްފަހު ތިމާގެ އަމިއްލަ އިހްމާލެއް ނެތި އަނބުރައި ގެންދަވާނީ މަތިވެރި ޙިކުމަތަކަށްޓަކައިކަން ޤަބޫލުކުރުމެވެ. އަދި އެއަށްވުރެ ފުރިހަމަ ނިޢްމަތެއް ދެއްވެވުން އެދި ދުޢާކުރުމުގައި ސާބިތުވެ ހުރުމުގެ މުހިންމުކަން ފާހަގަކުރުމެވެ.  

މިފަދަ ޢިބްރަތްތެރި ހާދިސާތަކުވެ ވާހަކަތައް ގިނަގިނައިން އަޑުއަހާށެވެ! ކިޔާށެވެ! އެއިރުން ކަމެއް ކުރިމަތިވާހިނދު ސާބިތުކަން އިތުރުވާނެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސްކުން

 

މިއަދު އޮންލައިން