ޢިޝާ ނަމާދާއި ފަތިސް ނަމާދަކީ މުނާފިޤުންނަށް ކުރަން އެންމެ އުނދަގޫ ދެ ނަމާދުކަމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟
އެއީ އެއިރު މަގުތަކުގައި އަލިކަމެއް ނުހުންނާތީ އެވެ. އަދި މިސްކިތުގައި އަލިކަމެއް ނުހުންނާތީއެވެ. ނަމާދަށް ދަނީ ކޮން ބައެއްކަން މީސްތަކުންނަސް ނުއެނގޭނެތީއެވެ. ތިމާއަކީ ނަމާދުކުރާ މީހެއް ކަމަށް މީހުންނަށް ދެއްކިގެން އެކަމުގެ ފައިދާ ހޯދަން އުޅޭ މީހުންނަށް އެ ދެ ނަމާދުން އެއްވެސް ފައިދާއެއް ނުކުރާނެތީއެވެ.
މީސްތަކުންނޭވެ! ހިތާމައަކީ މިއަދުވެސް އެދުވަހު އުޅުނު ފަދަ މުނާފިޤުން އުޅޭ ކަމެވެ. މިސްކިތައް ދާކަން ދައްކައި އެކަމުގެ ފައިދާ ދުނިޔެއިން ހޯދަން މަސައްކަތްކުރާ ބައަކު އުޅޭ ކަމެވެ. މިއީ ވަރަށް ނުރައްކައުތެރިކަމެކެވެ. އެކަމުން އެނގެނީ އެއީ މުނާފިޤުންގެ ބައަކު ކަމެވެ. މުނާފިޤުންނަކީ ނަރަކައިގެ އެންމެ އަޑީގައި ތިބޭނެ މީހުންނެވެ. އެންމެ ގަދަފަދަ ޢަޒާބު ލިބޭނެ މީހުންނެވެ.
ވީމާ ދެއްކުންތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައި ބާއްވައިގެން މިސްކިތަށް ނުއަރާށެވެ! އަހަރެމެން ރީތި ފޭރާން ލައި މީރުވަސް ދުވާ ސެންޓު ޖަހައިގެން ތިބުމުން އެހެން މީހުންނަށް އަހަރެމެންގެ ގައިން މީރުވަސް ދުވާނެއެވެ. ނަމަވެސް އެއިރު އަހަރެމެންގެ އެތެރެ ހަށިން ދުވާނީ ކުނިވަހެވެ. ވީމާ މިކަންކަމަށް ބިރުވެތިވުމަށް ވަޞިއްޔަތް ކުރަމެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން