ހިތް ދުރުގަ ބާއްވައިގެން އެހެން ގުނަވަންތަކުން ނަމާދުކުރާ މީހުންނާ ﷲ ވަގުތުން ކުރިމަތިކުރައްވަވާނެ ބިރުވެރި ސުވާލުތައް އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ހިތް ދުރުގަ ބާއްވައިގެން އެހެން ގުނަވަންތަކުން ނަމާދުކުރާ މީހުންނާ ﷲ ވަގުތުން ކުރިމަތިކުރައްވަވާނެ ބިރުވެރި ސުވާލުތައް އެނގޭތަ؟

އިމާމް އިބްން ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. 

ނަމާދުގައި ﷲ ތަޢާލާ އަށް ދޭންޖެހޭ ސަމާލުކަން ނުދީ ނަމާދުކުރާ ނަމަ އެމީހަކާއި ﷲ ތަޢާލާ ސުވާލުކުރައްވަވާނެތެވެ. "ތިމަން ﷲގެ އަޅާއެވެ. ތިއަ ދަނީ ކޮން ތަނަކަށް ހެއްޔެވެ؟ ތިމަން ﷲ އަށް ސަމާލުކަން ނުދީ އެހެން ކަންކަމަށް ސަމާލުކަން ތިއަ ދިނީ އެކަންކަން ތިމަން ﷲ އަށް ވުރެ މުހިންމުކަން ބޮޑުވީމައި ހެއްޔެވެ؟ ތިއަ އެނބުރެނީ  (ހިތް ތިއަ އަނބުރަނީ ތިމަން ﷲ އަށްވުރެ ތިބާއަށް ފައިދާ ކުރާނެ ފަރާތަކަށް ހެއްޔެވެ؟ ތިމަން ﷲ އަށްވުރެ ތިބާ ސަމާލުކަން ދޭން ޖެހޭ އެހެން ފަރާތެއް ފެނިގެން ހެއްޔެވެ؟ ތިމަން ﷲ އަށްވުރެ ތިބާއަށް ހިތް ހަމަޖެހުން ގެނެސްދޭނެ، ތިބާއަށް ހިތް ހަމަޖެހުން ގެނެސްދޭނެ އިތުރު ފަރާތެއް ފެނިގެން ހެއްޔެވެ؟" 

ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާ ތިބާ އާއި ކުރައްވަވާ މި ސުވާލުތަކަށް ތިބާދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ދެވޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ދެވޭނެ އެއްވެސް ޖަވާބެއް ނެތްއިރުގައިވެސް މިއުޅެނީ ނަމާދުކުރާ 5 މިނިޓް ﷲ ތަޢާލާއަށް ޚާއްޞަކޮށް ނުލެވިގެންނެވެ. ވީއިރު މިކުރެވެނީ ކޮން ނަމާދެއް ހެއްޔެވެ؟ އެގޮތަށް ކުރާ ނަމާދަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

ނިކަން ވިސްނައިލަބަލާށެވެ. ކޮންމެ ނަމާދަކަށްފަހު އަހަރެމެން މިކިޔާ ޛިކްރް ތަސްބީހައިގެ މާނައަށެވެ. އެއީ ރަސޫލް (ޞޢވ) ކޮންމެ ނަމާދެއްގައި ވިދާޅުވި ކަލިމަތަކެވެ. އެއިރުން ކުރިން މިކުރި ސުވާލުތަކުގެ ޙަޤީޤަތް އިތުރަށް ވިސްނިގެންދާނެއެވެ. ސަލާމަތްކަން ލިބުން ވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންކަމަށް ޙަދީޘްފުޅުކުރެއްވެވި ބަސްފުޅުތަކަށް ވިސްނާށެވެ!  ހިތާމައަކީ ހަމަ އެކަލިމަތައް އަހަރެމެންވެސް ދުލުން އެބަ ކިޔަމުއެވެ. ނަމަވެސް ހިތަށް ނުވަންނަނީއެވެ. މާނަ ދަސް ނުކުރާތީއެވެ. އަދި ނުވެސް ވިސްނާތީއެވެ.   

ވީމާ ނަމާދަކީ ބޭރުފުށުގެ ހަރަކާތެއް ކަމަށް ހަދައިގެން ނަމާދުކުރާ މީހާއަށް ﷲ ތަޢާލާ ކުރިމަތި ކުރައްވަވާ އެ ބިރުވެރިކަމުން ފުރިގެންވާ އެންމެ ސުވާލަކަށްވެސް ޖަވާބެއް ނުދެވޭނެއެވެ. 

ﷲ ތަޢަލާގެ މަތިން ހަނދުމަކުރާ މީހާ އާއި ނުކުރާ މީހާގެ ހުރި ތަފާތަކީ މަރުވެފައިވާ މީހާ އާއި ދިރިހުރި މީހާގެ ހުރި ތަފާތުކަމަށް ރަސޫލް (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވާއިރު އެންމެ ކުޑަމިނުން ނަމާދުގައި ﷲ ތަޢާލާ ހަނދުމަ ނުކުރާ މީހާ ނަމާދު އެކުރަނީ މަރުވެފައި ހުރެގެން ނޫން ހެއްޔެވެ؟ އެގޮތަށް ހުރެ ނަމާދުކުރުމުން ލިބޭނީ ކޮން ދިރުމެއް ހެއްޔެވެ؟

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން