ރަހްމަތުގެ ދޮރުކޮޅުތައް ހުޅުއްވައިދެއްވަވައި އެކަން އަންގަވާނެ - ނުވަންނަ މީހުންނަށް ދޮރުކޮޅުތައް ބަންދުކުރައްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ރަހްމަތުގެ ދޮރުކޮޅުތައް ހުޅުއްވައިދެއްވަވައި އެކަން އަންގަވާނެ - ނުވަންނަ މީހުންނަށް ދޮރުކޮޅުތައް ބަންދުކުރައްވަވާނެ!

ނުބައި ވަސްވާސް ދޭ މީހުންނާއި ދުރުހެލިވުމަށް ވިސްނޭނަމަ، އެފަދަ މީހުންނަށް ނަފްރަތު ކުރެވޭނަމަ އަދި ނުބައި އަމަލުތައް ކުރުމުން ނަފްރަތު ކުރެވޭނަމަ އެއީ ވަރަށް ބޮޑަށް އުފާކުރަން ޖެހޭ ކަމެކެވެ. އެކަމުން އެނގެނީ ތިބާއަށް ހެޔޮ މަގު ފެނިފައިވާ ކަމެވެ. ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅުގެ ދޮރުތައް ތިބާއަށްޓަކައި ހުޅުވިފައިވާ ކަމެވެ. 

މިފަދައިން މެދުވެރިވާނީ ކުރިންވެސް ބަޔާން ކުރި ފަދައިން ﷲ ތަޢާލާގެ ރަޙްމަތްފުޅުގެ ދޮރުކޮޅުތައް ތިބާއަށްޓަކައި ހުޅުވިފައިވާނަމައެވެ. ވީމާ ކުރިން ބުނި ކަންކަމަށް ނަފްރަތު ކުރެވޭނަމަ އެއީ މިބުނި ފަދައިން ކަންކަން މެދުވެރިވެފައިވާކަން ތިބާއަށް އަންގައިދޭ ފާލެއް ކަމަށް ޤަބޫލުކުރާށެވެ. 

އެންމެ ބޮޑު ޒިންމާ ފެށޭނީ މިހިސާބުންނެވެ. އެއީ ވިސްނުމަށް އައި ކަންކަން ތަންފީޒުކުރުމުގެ މަރުހަލާއެވެ. ވިސްނުމަށް އައި ކަންކަން ތަންފީޒުކުރުމަކީ ކޮބައިކަން އެނގޭހެއްޔެވެ؟ 

ފުރަތަމަ ކަމަކީ ނުބައި ވަސްވާސް ދޭ މީހުންނާއި ދުރުހެލިވުމެވެ. ދެވަނަ ކަމަކީ އެފަދަ މީހުންނަށް ނަފްރަތުކޮށް އެމީހުންނާއި ދުރުހެލިވުމެވެ. ހަމައެއާއިއެކު ނުބައި އަމަލުތައް ކަމުގައި ހިމެނޭ އެންމެހައި އަމަލުތަކާއި ތިމާ ދުރުހެލިވެގެން ހުރުމެވެ. މިއިން ކޮންމެ ކަމަކީވެސް އަމިއްލަ ނަފްސާއި ދެކޮޅަށް ކުރަން ޖެހޭ ވަރަށް މަތިވެރި ޖިހާދުތަކެކެވެ. ވާންޖެހޭ ވަރަށް ބޮޑު ޤްރުބާނީއެކެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކީ ނުބައި އަމަލުތަކެއް ނުވަތަ އަމަލެއް ނަމަވެސް ކުރަމުންދާ މީހެއް ނަމަ އެމީހަކަށް ނަޞޭޙަތްތެރިވާށެވެ. އިޞްލާޙް ނުވި ނަމަ އެމީހަކާއި އަވަހަށް ދުރުހެލިވާށެވެ. އެއީ އެމީހާގެ މައްސަލައެއް ކަމަށް ބަލައި ނިންމައިނުލާށެވެ! އެހެނީ އެ މައްސަލަ ތިމާއަށް ވާރުތަކުރާނެއެވެ. ތިމާވެސް ހަމަ އޭނާ ފަދަ މީހަކަށްވުމަކީ ވަރަށް ގާތް ކަމެކެވެ.

ޝައިޠާނާ ކޮންމެ ނުބައި އަމަލެއް މީސްތަކުންނަށް ދައްކާނީ އެއަމަލެއް ކުރަން މީސްތަކުން  ޝައުޤްވެރިވާނެ މިންވަރަށް ޒީނަތްތެރިކޮށްފައެވެ. ނުބައި އަމަލުތައް ކުރާ އިންސާނުންނަކީ ޝައިޠާނާގެ އެޖެންޓުންނެވެ. އިންސާނުންގެ ތެރޭގައި ތިބޭ ޝައިޠާނުންނެވެ. އެމީހުން ކުރާ ނުބައި އަމަލުތައްވެސް މީސްތަކުންނަށް ދައްކައި އިޝްތިހާރުކުރާނީ ވަރަށް ފައިދާހުރި ރަނގަޅު ކަންކަމުގެ ގޮތުގައެވެ. ވީމާ ނުބައި އަމަލުތައް ކުރާ މީހުންނާއި އެކުގައި އުޅޭނަމަ ދާދި އަވަހަށް އެމީހާ އެކުރާ ނުބައި އަމަލުތަކަކީ ރަނގަޅު ކަންތައްތަކެއްގެ ގޮތުގައި ފެންނަން ފަށާނެއެވެ. އެކަންކަން ކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމުގައި ޤަބޫލުކުރެވެން ފަށާނެއެވެ. ހަމައެއާއިއެކު އެފަދަ ނުބައި އަމަލުތައް ކުރެވެން ފަށާނެއެވެ. 

ރަނގަޅަށް ދިރާސާކުރާށެވެ! އެކުވެރިންގެ ކިބައިގައި ހުންނަ ނުބައި ސިފަތަކަށް ފުރަތަމަ ނަފްރަތު ކުރެވޭނެއެވެ. ނަފްރަތުކުރުން ހުއްޓެނީ އެއީ ނުބައިކަންކަން ކަމަށް ބަލައި ނުގަނެ އެމީހަކާއި ގުޅުން ބާއްވައި ކުރިއަށް ދިއުމުންނެވެ. އެ ހިސާބުން ގެއްލިގެން އެދަނީ އިޞްލާޙްވުމަށް ލިބުނު ފުރުޞަތެވެ. 

ކޮންމެ މީހެއްގެ ޙަޔާތުގައިވެސް އިޞްލާޙްވުމަށް ފުރުޞަތުތަކެއް ލިބޭނެއެވެ. އެ ފުރުޞަތުގެ ބޭނުން ރަނގަލުގޮތުގައި ވިސްނުންތެރިކަމާއިއެކު ނުހިފައިފިނަމަ ފުރުޞަތުތައް ގެއްލިގެންދާނެއެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ. އެންމެ ބޮޑު ނިކަމެތިކަމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން